Roadha Mihaaru
އެންމެ ރިސޯޓެއް އޮންނަ ތ. އަށް ޓޫރިޒަމް ފުޅާކުރަނީ

އެންމެ ރިސޯޓެއް އޮންނަ ތ. އަތޮޅަށް ޓޫރިޒަމް ފުޅާކުރަނީ

18 އޯގަސްޓް 2021

އެންމެ ރިސޯޓެއް މިހާރު ހިންގާ ތ. އަތޮޅަށް ޓޫރިޒަމް ފުޅާކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެންމެ ރިސޯޓެއް މިހާރު ހިންގާ ތ. އަތޮޅަށް ޓޫރިޒަމް ފުޅާކުރުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެ އަތޮޅުގެ ހަތް ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ތިމަރަފުއްޓަށް ރޭ ވަޑައިގެން، އެ ރަށުގެ ކައުންސިލާއި ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ، ތިމަރަފުށީ ކައުންސިލާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ތ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އެ އަތޮޅުގައި ޓޫރިޒަމް ދަށްވުމުން ތިމަރަފުށީ އެއާޕޯޓަށް ޖައްސާ ފުލައިޓުގެ އަދަދު މަދުވުމުގެ ސަބަބުން، އިގްތިސާދީ ދަތިތަކާ ކުރިމަތިވާ ކަމުގެ ކަންބޮޑުވުން ތިމަރަފުށީގެ ކައުންސިލުން ވަނީ ރައީސަށް ދަންނަވައިފަ އެވެ.

ތ. އަތޮޅުގެ ހަމައެކަނި ރިސޯޓަކީ މާލިފުށީގައި ހިންގާ ކޮމޯ މާލިފުއްޓެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓް ހައުސް ހިންގަ އެވެ.

ތިމަރަފުށީ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންގެ ހުރި ވަރަށް ގިނަ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފަ އެވެ.

ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންތައްތަކުގެ ތެރޭގައި، ސިއްހީ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކާއި އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ އާއި ބަނދަރުގެ ދަތިކަމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންވާ ކަމާއި އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި އަދި ކަރަންޓުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާއި ވިޔަފާރީވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާއި ވިޔަފާރީވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މެދުފަންތީގެ ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުގައި ދަށުން ތިމަރަފުށީގެ ސިއްހީ މަރުކަޒު ވެސް ހޮސްޕިޓަލަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނުފެށި ލަސްވެފައި ވަނީ ކޮވިޑްގެ ސަބަބުން ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތިމަރަފުށީގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ކައުންސިލުން އެދުނު ފަދައިން ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމަކާ އެކު އެކަން ކުރެވޭނެ ގޮތެއް ބައްލައިދެއްވާނެ ކަމަށާއި އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭތޯ މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ތިމަރަފުށީގެ މަސްވެރިންނާއި ވިޔަފާރިވެރިންނާ ވެސް ރޭގައި ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތ. އަތޮޅުގެ ތަރައްގީ އަށް ވަރަށް ގިނަ ކަންކަން ރާވައިފައިވާ ކަމަށާއި ނަމަވެސް ކޮވިޑް ގެ ސަބަބުން ކަންކަން ކުރުމުގައި ގޮންޖެހުންތައް ހުރި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާއި ވިޔަފާރީވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާއި ވިޔަފާރީވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިތަކަށް އެސްޑީއެފްސީގެ ހުރި ލޯނުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ޓީމެއް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ތ. ފުނައްޑޫއާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުމާއި މަސްކިރުމުގައި އަގަށް ގެނައި ބަދަލު މުރާޖައާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ތިމަރަފުއްޓަށެވެ. އެއަށް ފަހު، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވަޑައިގަންނަވާނެ އެވެ.