25 އެޕްރީލް 2021
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކެޑަމީގެ މަސައްކަތް ނިމޭނެ އިރެއް އަދިވެސް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށާއި އެކަމަކު މަދު މަސްތަކެއްގެ ތެރޭގައި އެތަން ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކެޑަމީގެ މަސައްކަތް ނިމޭނެ އިރެއް އަދިވެސް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށާއި އެކަމަކު މަދު މަސްތަކެއްގެ ތެރޭގައި އެތަން ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެތަނުގެ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ވިދާޅުވެފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެކެޑަމީ ހުޅުވޭނެ ކަމަށެވެ. ނަމަވެސް އެތަނުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ގޮތަށް ބަލާ އިރު، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރެވެ އެވެ.
ހިތަދޫ ސަރަހައްދީ ބަނދަރާ ދިމާލުން ކުރިމަތިން ކަހަލަ ގޮތަކަށް ލިންކް ރޯޑާ ދިމާލުން ބޮޑު ސަރަހައްދެއްގައި ހަދަމުން އަންނަ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ނަން ދީފައިވާ އެކެޑަމީގެ މަސައްކަތް ކުރިއަށްދާ ގޮތް މިއަދު ހަވީރު ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބެއްލުވުމަށް ފަހު މީޑިއާތަކަށް ހޯމް މިނިސްޓަރު ވިދާޅުވީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރ އިމްރާން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީގައި އިމާރާތްކުރަމުންދާ "ނެޝެނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓް" ގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުން. pic.twitter.com/jumA0NgT08
— Home Ministry, MV (@HomeMinistrymv) April 25, 2021
"އުންމީދަކީ ކުރިއަށް މިއޮތް މަދު މަސްތަކެއްގެ ތެރޭގައި މިތަން ހުޅުވަން. އެކަމަށްޓަކައި މިހާރު ވަރަށް ބާރަށް މަސައްކަތްތައް ކުރިއަށް އެބަދޭ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ބާރަށް ދިޔަ ނަމަވެސް މި ވަގުތު އެކެޑަމީ ހުޅުވޭނެ އިރަކާ ބެހޭ ގޮތުން އެއްޗެއް ދަންނަވަން ދައްޗެވެ. އެހެންވެ ޓައިމްފްރޭމަކަށް ވުރެ ބޮޑަށް އިސްކަންދީފައި ވަނީ މަސައްކަތް މިހާރު ވެސް ދިގުލައިގެން ގޮސްފައިވާތީ ވީހާ އަވަހަކަށް ނިންމުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކެޑަމީގެ މަސައްކަތްތަކަށް ބުރޫ އަރާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާ ހެދި އެވެ.
"އެހެންވީމާ ދެން ވަކި ޑޭޓެއް ސެޓްކުރުމަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ވިސްނުން ބައްޓަން މިކުރަނީ މަސައްކަތް ހަލުވިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް މަގުތައް ހޯދައި ވީ އެންމެ އަވަސް މުއްދަތެއްގައި ތަން ރަސްމީކޮށް ހުޅުވުން،" އިމްރާން ވިދާޅުވި އެވެ. "އެހެންވީމާ އިރާދަކުރެވިއްޔާ މަދު މަސްތަކެއްގެ ތެރޭގައި މިތަން ހުޅުވުމަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރާއި ކޮންޓްރެކްޓަރާ ދެމެދު އަދި މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިއަށް ގެންދެވޭނެ."
މިނިސްޓަރު ވިދާޅުވި ގޮތުގައި ތަން އަވަހަށް ހުޅުވަން ބޭނުންވާތީ މުޅި ތަން އެއްކޮށް ނިމުމުން ބޭނުން ކުރަން ފެށުމަށް ވުރެ ބޮޑަށް، ފުރަތަމަ ހިދުމަތްތަކަށް މައިގަނޑު ތަންތަން ނިންމައި ބޭނުން ކުރަން ފެށުމަކީ ވިސްނުމެކެވެ.
ޕޮލިސް އެކަޑަމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފެށީ 2017 ގަ އެވެ. މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑެތި މަޝްރޫތަކުގެ ތެރެއިން މަޝްރޫއެކެވެ. އެކެޑަމީ އަކީ 18 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އެތަނުގެ މަސައްކަތުގައި މި ވަގުތު 375 މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ އިރު، މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި، އަދިވެސް މަސައްކަތުގެ ސްޕީޑް އަވަސްކުރަން އިތުރަށް 100 ވަރަކަށް މުވައްޒަފުން ބޭނުންވެ އެވެ. ނަމަވެސް މި ވަގުތު އިންޑިއާ އިން މީހުން ގެނައުމާއި ކަރަންޓީނުވާން ޖެހުން ފަދަ ކަންތައްތަކާ ހެދި މަސައްކަތް ލަސްވާތީ އެކެޑަމީގެ ބައެއް މަސައްކަތްތައް އައްޑޫގެ ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އައްޑޫގައި ހަދާ މި އެކެޑަމީ އަކީ ފުލުހުންނާއި ރާއްޖޭގެ އެހެން އެންފޯސްމަންޓް އިދާރާތަކުގެ ޓްރޭނިންތަކަށް ބޭނުން ހިފާނެ ތަނެކެވެ. އެތަނުގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ހިމެނެ އެވެ.
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
އައްޑޫ ޕޮލިސް އެކެޑެމީ ދޮޅު މަސް ތެރޭ އޮޕަރޭޝަނަށް
އައްޑޫ ޕޮލިސް އެކެޑެމީ ހުޅުވުން އަނެއްކާވެސް ލަސްވެއްޖެ
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި
އެކެޑަމީގައި ކަރެކްޝަން އޮފިސަރުން ތަމްރީނުކުރަނީ
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
އިންޑިއާގެ ކޮންސިއުލޭޓަށް އައްޑޫ މެމްބަރުން ތާއީދު
ސައިކަލުން ވެއްޓުނު މީހަކަށް ސީރިއަސް އަނިޔާތަކެއް