Roadha Mihaaru
މާންދޫ ކްލަސްޓާ: ބަލި ޖެހުނު އަދަދު 148 އަށް

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި 93 މީހުންނާއެކު މާންދޫން ބަލި ޖެހުނު މީހުންގެ އަދަދު 148 އަށް

28 އެޕްރީލް 2021

ހޮރައިޒަން ފިޝަރީޒްގެ މަސް ފެކްޓަރީ ހުންނަ ލ. މާންދޫން އިތުރު 93 މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހޮރައިޒަން ފިޝަރީޒްގެ މަސް ފެކްޓަރީ ހުންނަ ލ. މާންދޫން އިތުރު 93 މީހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

ސިނާއީ އެ ރަށުގައި މަސައްކަތްކުރާ ބައެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އަށް ސާމްޕަލެއް ނެގިއިރު، އެ އެންމެން ވެސް އެ ބައްޔަށް ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން މަނާކުރީ މި މަހުގެ 21 ގަ އެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ، މާންދޫން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއެކު އެ ރަށުން އެ ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 148 އަށް އަރާފައިވާ ކަމަށެވެ.

ލ. އަތޮޅުގެ އެކި ރަށްރަށުގެ މީހުން މާންދޫގައި މަސައްކަތް ކުރެ އެވެ. އެ މީހުންގެ ކޮންޓެކްޓުން ގަމާއި ފޮނަދޫގައި ވެސް ތިބުމުން އެ ދެ ރަށަށް އަރައިފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ރެންޑަމް ސާމްޕަލް ނެގުމުގެ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ފޮނަދޫން ވެސް ދެ މީހަކާއި ގަމުން 15 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މާންދޫ ކްލާސްޓާއާ ގުޅިގެން މިހާތަނަށް 794 މީހެއްގެ ސާމްޕަލް ނަގާފައިވެ އެވެ. އޭގެ ތެރެއިން 233 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ.

ނަޝީދު ވިދާޅުވީ، މާންދޫ ކްލާސްޓާގެ ކޮންޓެކްޓުން އެ އަތޮޅު ދަނބިދޫގަައި ވެސް އެބަ ތިއްބެވެ. އެހެންވެ އެ ރަށަށް އަރައިފޭބުން ވެސް މިއަދު ވަނީ މަނާކޮށްފަ އެވެ.