Roadha Mihaaru
މާންދޫން ޕޮޒިޓިވްވި ތިން މީހަކު ހާލު ދެރަވެ، މާލެއަށް

ކޮވިޑް-19: މާންދޫން ކޮވިޑް ޖެހުނު ތިން މީހަކު ހާލު ދެރަވެ، މާލެ ގެނެސްފި

02 މެއި 2021

ހޮރައިޒަން ފިޝަރީޒްގެ މަސް ފެކްޓަރީ ހުންނަ ލ. މާންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ދެރަވެ، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީ އަށް ރޭ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހޮރައިޒަން ފިޝަރީޒްގެ މަސް ފެކްޓަރީ ހުންނަ ލ. މާންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ދެރަވެ، ހުޅުމާލޭގެ މެޑިކަލް ފެސިލިޓީ އަށް ރޭ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު މިއަދު ވިދާޅުވީ، ހާލު ދެރަވެގެން މާލެ ގެނެސްފައި ވަނީ ސްރީ ލަންކާގެ އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކާއި ނޭޕަލްގެ ދެ ފިރިހެނެކެވެ.

ނޭޕާލްގެ ދެ މީހުންގެ ތެރޭގައި އުމުރުން 30-40 އަހަރާ ދެމެދުގެ މީހަކު ވެސް ހިމެނެ އެވެ. ލަންކާ މީހާ، މާލެ ގެނައީ ގަމު ކޮވިޑް ފެސިލިޓީގައި ވެސް ފަރުވާ ދިނުމަށް ފަހު އެވެ.

ނަޝީދު ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޓީމެއް ވެސް މިދިޔަ ހުކުރު ދުވަހު މާންދު އަށް ގޮސް އެ މީހުންގެ ހާލު ބަލާފައިވާ ކަމަށެވެ.

ނަޝީިދު ވިދާޅުވިގޮތުގައި، އެ މީހުންނަށް ނޭވާ ލުމަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ.

ގަމު ކޮވިޑް ފެސިލިޓީގައި ވެސް ދަނީ ފަސް މީހަކަށް ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތ. އަތޮޅުން ގެނައި ބަލި މީހަކާއި ފޮނަދޫން ގެނައި ދެ މީހެކެވެ.

މާންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް އުޅުނީ 230 ގަ އެވެ. މާންދޫ ކްލާސްޓާއާ ގުޅިގެން ގަމާއި ފޮނަދު އަށް އަރައި ފޭބުން މަނާކޮށްފައިވާއިރު، އެ ތަންތަނުން ވެސް ވަނީ އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މާންދޫން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އަށް ސާމްޕަލެއް ނެގިއިރު، އެ އެންމެން ވެސް އެ ބައްޔަށް ޕޮޒިޓިވްވެ، ރަށަށް އަރައިފޭބުން މަނާކުރީ މިދިޔަ މަހުގެ 21 ގަ އެވެ.

މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު، އިއްޔެ ކޮވިޑްގައި މަރުވި 39 އަހަރުގެ މީހާއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ 74 އަށް އަރައިފަ އެވެ.