Roadha Mihaaru
ކަރަންޓީނުކޮށްފައިވާ ދަރިވަރުން އިމްތިހާނު ހަދާނީ ވަކިން

ކަރަންޓީނުކޮށްފައިވާ ދަރިވަރުން އިމްތިހާނު ހަދާނީ ވަކި ހޯލެއްގައި

29 އެޕްރީލް 2021

ކޮވިޑު-19 އާ ގުޅިގެން ކަރަންޓީނުކޮށްފައިވާ ދަރިވަރުން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ހަދާނީ ވަކި ހޯލެއްގައި ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އާ ގުޅިގެން ކަރަންޓީނުކޮށްފައިވާ ދަރިވަރުން އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނު ހަދާނީ ވަކި ހޯލެއްގައި ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އިއްޔެ ބުނެފި އެވެ.

މި މަހުން ފެށިގެން އަންނަ ޖޫން މަހާ ހަމައަށް އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެގެން އައިސޮލޭޓްކުރާ އަދި ކަރަންޓީންކުރާ ދަރިވަރުންނަށް އިމްތިހާނު ދިނުމުގައި އަމަލުކުރާނެ އުސޫލެއް އެ ޑިޕާޓްމަންޓުން ވަނީ އެކުލަވާލައިފަ އެވެ.

ގްރޭޑު 12 ގެ ދަރިވަރުންގެ ފަހު އިމްތިހާނު މިިދިޔަ ހޯމަ ދުވަހު އަދި އޯ ލެވެލް އިމްތިހާނު އަންނަ ހޮނިހިރު ދުވަހު ފަށާއިރު، ރާއްޖޭގައި ކޮވިޑު-19 ގެ ހާލަތު އޮތީ ވަރަށް ނުރައްކާ ފައްތަރެއްގަ އެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.

ޑީޕީއީ އިން ހަދާފައިވާ އުސޫލުގައި ބުނީ މާލެ ސަރަހައްދުގައި އައިސޮލޭޝަނުގައި ތިބި ދަރިވަރުން އިމްތިހާނު ހޯލަށް ގެނައުމާއި ގެންދަން އެޗްޕީއޭ އާއި ޑީޕީއީ އަދި އެޑިއުކޭޝަން ސްޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަން (އެސްކިޑް) އިން އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ކަރަންޓީނުގައި ތިބޭ ދަރިވަރުން ވަކި ހޯލުގައި އިމްތިހާނު ހަދާއިރު، އެ ތަނަށް ހާޒިރުވާނީ އަދި އަނބުރާ ދާނީ ބެލެނިވެރިއަކާއެކު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބުނެފައި ވެ އެވެ.

މާލޭގައި އައިސޮލޭޓް ކޮށްފައިވާ ދަރިވަރުން އިމްތިހާނު ހޯލަށް ގެންދާނީ އެޗްޕީއޭގެ ބެލުމުގެ ދަށުންނެވެ. އެހެނިހެން ރަށްރަށުގައި ޓާސްކްފޯސް ބެލުމުގެ ދަށުންނެވެ.

އަތޮޅުތެރޭގެ ރަށެއްގައި ނަމަ އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ދަރިވަރު އިމްތިހާނަށް ގެންދިއުމާއި އައިސޮލޭޓްކޮށްފައިވާ ތަނަށް އަނބުރާ ގެންދިއުމުގެ އިންތިޒާމް އަތޮޅު ހެލްތު ފެސިލިޓީތަކާ ގުޅިގެން ހަމަޖައްސާ ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރަން ޖެހެ އެވެ.

އުސޫލުގައި ބުނި އައިސޮލޭޓްކޮށްފައިވާ ދަރިވަރުން އިމްތިހާނު ނިންމުމަށް ފަހު އެ ކެންޑިޑޭޓަކު އައިސޮލޭޓްކޮށްފައިވާ ތަނަކަށް ގެންދަން ޖެހޭނެ ކަމަށެވެ.