Roadha Mihaaru
ނެޓްފްލިކްސްއާ އެކު ޝާހިދު ޕްރޮޑިއުސަރަކަށް

ނެޓްފްލިކްސްގެ ޓްރިލޮޖީއަކާ އެކު ޝާހިދު ކަޕޫރް ޕްރޮޑިއުސަރަކަށް

30 އެޕްރީލް 2021

ޝާހިދު ކަޕޫރާއި ނެޓްފްލިކްސްއާ ގުޅުވައިގެން އެންމެ ފަހުން ވާހަކަތަކެއް ދެކެވުނީ މިދިޔަ އަހަރު އެވެ. އޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޮވެމްބަރު 3، 1988 ގައި ދިވެހި ރާއްޖޭގެ ވެރިރަށް މާލެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާ އިން ދިން އެހީގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ކެކްޓަސް އަށް ބިނާކޮށް ހަދާ ފިލްމަކަށް ޝާހިދު ސޮއިކޮށްފައިވެ އެވެ. އެކަމަކު އެއީ މިހާތަނަށް މާ ބޮޑު ބުރަދަނެއް ހުރި ވާހަކައަކަށް ނުވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަމަވެސް މިހާރު އަނެއްކާ ވެސް މިއޮތީ ޝާހިދާއި ނެޓްފްލިކްސްއާ ގުޅޭ ވާހަކައެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ނެޓްފްލިކްސް އިން ހަދާ ޓްރިލޮޖީއަކަށް ޝާހިދު އެއްބަސްވެފައިވާ އިރު، މިއީ އޭނާ ރަސްމީކޮށް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާނެ ފުރަތަމަ ޕްރޮޖެކްޓެކެވެ.

ހަންގާމާ އިން ބުނީ ތިން ބަޔަކަށް ހަދާ ފިލްމުން ޝާހިދަށް ގާތްގަނޑަކަށް 70-80 ކްރޯޑް ރުޕީސް (9.5-10.8 މިލިއަން ޑޮލަރު) ލިބޭ ކަމަށެވެ. އަދި މިއީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ އަމިޝް ތުރިޕަތީގެ ޚުރާފީ ތާރީހީ ވާހަކައަކަށް ހަދާ އެއްޗެއް ކަމަށް ބުންޏެވެ.

އެކަމަކު އެ ވާހަކައިގެ ނަމާއި ޕްރޮޖެކްޓާ ބެހޭ އިތުރު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ. އަމިޝް މިހާތަނަށް ވަރަށް ގިނަ ޚުރާފީ ވާހަކަތައް ލިޔެފައިވެ އެވެ.

ޝާހިދުގެ އަތުގައި މިހާރު ވެސް ޚުރާފީ ވާހަކައަކަށް ހަދާ ފިލްމެއް އެބައޮތެވެ. އެއީ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކަޝް މެހެރާގެ "ކަރްނާ" އެވެ. ޝާހިދަށް ލިބިފައިވާ އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި ޑައިރެކްޓަރު ޝިޝާންކް ކައިތާންގެ "ޔޯދާ" އާއި މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ސުރަރާއީ ޕޮއްޓުރޫ" ގެ ހިންދީ ރިމެކް ހިމެނެ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒެއްގެ މަސައްކަތްކުރަމުން އަންނަ ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޖާޒީ" އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ކަބީރު ސިންގް" އެވެ.