Roadha Mihaaru
ކޮވިޑުގެ ފުރަތަމަ މަރަށް އަހަރެއް، ބިރުވެރި މަންޒަރު

ކޮވިޑުގެ ފުރަތަމަ މަރަށް އަހަރެއް، މިހާރު ބިރުވެރި އެހެން މަންޒަރެއް

30 އެޕްރީލް 2021

ކޮވިޑު-19 ގައި ރާއްޖޭގެ ފުރަަތަމަ މަރަށް ފަހު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ކޭސްގައި ބަލިމީހާގެ ސާމްޕަލް ނަގައި ނަތީޖާ ލިބުން ފަދަ ކަންކަން ލަސްވި ކަމަށެވެ. އެކަމަކު، އާމިނަތު އާދަމް 83، ގެ މަރަށް ރޭ އަހަރެއް ވިއިރު ވެސް އެޗްޕީއޭ އަށް ދަސްވި ފިލާވަޅެއް ނެތެވެ. ޝަކުވާތަކާއެކު، ހާލަތު އޮތީ ބޮއްސުންލައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގައި ރާއްޖޭގެ ފުރަަތަމަ މަރަށް ފަހު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ކޭސްގައި ބަލިމީހާގެ ސާމްޕަލް ނަގައި ނަތީޖާ ލިބުން ފަދަ ކަންކަން ލަސްވި ކަމަށެވެ. އެކަމަކު، އާމިނަތު އާދަމް 83، ގެ މަރަށް ރޭ އަހަރެއް ވިއިރު ވެސް އެޗްޕީއޭ އަށް ދަސްވި ފިލާވަޅެއް ނެތެވެ. ޝަކުވާތަކާއެކު، ހާލަތު އޮތީ ބޮއްސުންލައިފަ އެވެ.

އެމްއެޗްއޭ ކްލަސްޓާއިން އޭޕްރީލް 24، 2020 ގައި ޕޮޒިޓިވްވި އާމިނަތު މަރުވީ އޭގެ ފަސް ދުވަސް ފަހުން، އޭޕްރީލް 29، 2020 ގައި ކަމަށް ވިޔަސް އެ މަރު ޔަގީންކުރުމަށް ފަހު ކުއްލި ޕްރެސް ކޮންފަރެންސަކާއެކު ހެލްތު މިނިސްޓްރީން ރަސްމީކޮށް އިއުލާނުކުރީ ދަންވަރުގެ ވަގުތެއްގަ އެވެ.

އޭގެ އެއް އަހަރު ފަހުން މިއަދުގެ މަންޒަރު ބަލަންޖެހެނީ ކަންބޮޑުވުންތަކާއެކުގަ އެވެ. ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަވެއްޖެ އެވެ. ބަލީގައި ރެއާ ހަމައަށް 73 މީހަކު މަރުވެފައި ވެ އެވެ. އެކްޓިވް ކޭސްތައް ވެސް، ފުރަތަމަ ފަހަރަށް 4،500 އިން މައްޗަށް އެރީ އެވެ. ކޮވިޑު ޖެހުނު މީހުންގެ އަދަދު 29،000 ހުރަސްކުރީ ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ކޮވިޑުގައި އެއް ބަޔަކު މަރުވުމުގައި އަދި އޭގެ ފަހުން ވެސް އެޗްޕީއޭއިން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހުންތައް އެ އާއިލާތަކުން ހިއްސާކުރި އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ބަލީގައި މަރުވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނިކޮށް ކަރަންޓީނަށް ދާން ގުޅުމެވެ. އެއާއެކު، ކޮވިޑުގައި މަރުވި މީހުންގެ ސާމްޕަލް ނެގުން ލަސްވުމުގެ ޝަކުވާތައް ވެސް އާއިލާތަކުން ކޮށްފައި އެބަހުއްޓެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަހު އެކަނި ވެސް 4،932 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އެއީ ދުވާލަކަށް ބަލާ ނަމަ އެވްރެޖްކޮށް 170 މީހުންނެވެ.

ކޮންޓްރޯލުގައި އޮތުމަށް ފަހު، ހާލަތު ގޯސްވުމުގެ އެއް ނަތީޖާއަކީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގެ ދެ މީހަކު މަރުވުމެވެ. މީގެ ކުރިން ވެސް ހަމަ މި މަންޒަރު ފެނުނެވެ. އަނެއްކާ ވެސް މި އޮތީ ކޭސްތައް ގިނަވެ، ކޮންޓްރޯލުން ނައްޓައި އެތައް ބަޔަކު މަރުވެދާނެ ކަމުގެ ބިރު ހީވާން ފަށައިފަ އެވެ.

ރާއްޖެއާ އެންމެ ކައިރިން، އަވަށްޓެރި އިންޑިއާ އިން ކިޔައިދެނީ އެ ވާހަކަ އެވެ. ހޮސްޕިޓަލުގެ އެނދުތައް ފުރިފަ އެވެ. އެއް ބަޔަކު މަރުވީ ފަރުވާ ހޯދަން ކިއުގައި މަޑުކޮށްގެން ތިއްބަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާ ބޮޑަށް ދޫދީފި ނަމަ އެ މަންޒަރު ފެނުން އޮތީ ދުރުގައެއް ނޫނެވެ.

ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެޗްޕީއޭއިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ރާއްޖޭގައި މިހާތަނަށް ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 10 ގައި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ތިން ޕަސެންޓުގައި ހުރުމަށް ފަހު މިހާރު 10 ޕަސެންޓަށް އަރާފައިވާ ކަމަށެވެ. އަދި ފްލޫ ކްލިނިކުން ޕޮޒިޓިވިޓީ ރޭޓް 14 ޕަސެންޓަށް އަރާފައިވާތީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު އައުޓްބްރޭކެއް އެބައޮތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ވިސްނުމެއް އަދި ނެތެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވެސް އެދިވަޑައިގަތީ މާސްކް އެޅުމާއެކު ގައިދުރުކަން ބަހައްޓައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯ ލެނބުމަށެވެ.

"އަޅުގަނޑުމެންގެ މުޅި އިކޮނޮމީ ބްލޮކްވާ ގޮތަށް، ހުއްޓުމަކަށް ގެނައުމެއް ނޫންކަން ނޭނގޭ އަޅުގަނޑު ދެކެނީ. އިންކްރީޒިން ކޭސަސް އޮބްޒާވްކުރަމުން މި ދަނީ. އެހެންވީމާ އިތުރު މެޝާސް އަޅުގަނޑުމެން، ޓެކްނިކަލް ޓީމުން ދިރާސާ ކޮށްފައި އަދި ޕޮލިސީ ލެވެލްގައި ޑިސްކަސް ކޮށްފައި އިތުރު މެޝާޒްއެއް ގެންނަން ޖެހޭ ހާލަތެއް އައީމާ، އެ ކަޓް އޮފް ޕޮއިންޓުގައި އަޅުގަނޑުމެން އެކަންތައް ކުރާނެ،" މީޑިއާގެ ފިއްތުންތަކާއެކު ބޭއްވި ޕްރެސްގައި ޝާހު ވިދާޅުވި އެވެ. އެ ނިއުސް ބްރީފިން އިން ކުރިއާ ބަލާއިރު، ކަމާބެހޭ އިދާރާތަކުގެ ސީރިއަސްކަމެއް ނުފެނުނެވެ. ފަރުދީ ޒިންމާ އަށް ބަރޯސާ ވާއިރު، އެކަމެއް ތަންފީޒެއް ނުވެ އެވެ. ތަންފީޒު ކުރަން އުޅޭ ތަނެއް ވެސް ނުފެނެ އެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި ފުރަތަމަ މީހާ އަށް ފަހު ހާލަތު ފެންނަނީ މާ ގޯސްކޮށެވެ.