Roadha Mihaaru
ލ. ގަމާއި މާމިގިލީގައި ވެސް ކާފިއު ހިންގަނީ

ލ. ގަމާއި މާމިގިލީގައި ވެސް ކާފިއު ހިންގަނީ

10 މެއި 2021

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ލ، ގަމާއި އދ. މާމިގިލީގައި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އެޗްޕީއޭ އިން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ ލ، ގަމާއި އދ. މާމިގިލީގައި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން އެޗްޕީއޭ އިން ނިންމައިފި އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން ހާއްސަ ފިޔަވަޅުތައް އަޅަން ނިންމައި އެ އިދާރާ އިން ރޭ ގެޒެޓްކުރި އެންގުމުގައި މި ދެ ރަށުގައި ކާފިއު ހިންގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމުގެ އިތުރުން އެހެން ބައެއް ކަންކަން ވެސް ކަނޑައަޅާފައިވެ އެވެ. އެއީ؛

- ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

- ގަމުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން.

- އެއް ގެއިން އަނެއް ގެ އަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުން.

- ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން.

- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓައިލުން.

- ފިހަރާތަކުން ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމު ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން. - ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. (މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނޭ)

- ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓައިލުން.

މީގެ ދެ ދުވަހަށް ވުރެ ވެސް ކުރިން ނަގައި ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތަކާއި އަދި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ގަޑިއިރު ޓެސްޓުކުރި ސާމްޕަލްތަކާ އެކު ރޭގައި 1،091 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓީވްފެފަ އެވެ. އެޗްޕީއޭ އިން ބުނިގޮތުގައި މީގެ ތެރެއިން 300 ކޭހަކީ މީގެ 48 ގަޑިއިރަށް ވުރެ ވެސް ކުރީގެ ސާމްޕަލްތަކެވެ. އަދި އަލަށް ފެނުނީ 791 ކޭސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި 24 ގަޑިއިރު ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދަކީ 4،507 އެވެ.

މާލޭ ސަރަހައްދުން ޕޮޒިޓިވް ވެފައި ވަނީ 933 މީހުންނެވެ. ރަށްރަށުން 147، އަދި ރިސޯޓުތަކުން ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ