Roadha Mihaaru
ނިޒާމުގެ ވާހަކައަށް ރައީސް މިވަގުތު އިސްކަމެއް ނުދެއްވާ

ނިޒާމުގެ ވާހަކައަށް ރައީސް މި ވަގުތު އިސްކަމެއް ނުދެއްވާ: މަބްރޫކް

02 މެއި 2021

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ވަގުތު އިސްކަން ނުދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ވަގުތު އިސްކަން ނުދެއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރައީސް މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް އެ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށެވެ. އޭގެ އިތުރުން އިސްކަން ދެއްވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ މަހު ރައީސަށް މެސެޖަކުން ދަންނަވައިފަ އެވެ. އެކަމުގެ ޖަވާބުގައި ރައީސް ވިދާޅުވީ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ލީގަލް ކައުންސެލް ޓުދަ ޕްރެޒިޑެންޑް އަހުމަދު އަބްދުﷲ އަފީފް ވެސް ވިދާޅުވީ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން މިހާތަނަށް ގާނޫނީގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާއިރު ސިޔާސީ ގޮތުން އެ ހިސާބަށް ދާންޖެހޭ ކަމަށް މަޝްވަރާތަކުން ފެންނަ ނަމަ ރައީސް އެކަން ކުރައްވާނެ ކަމަށެވެ.

ނަމަވެސް ވިދާޅުވީ މި ވަގުތު އެއީ ރައީސް އިސްކަން ދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ވެރިކަމުގެ ނިޒާމުގެ ބަހުސް، ކުރީގެ ރައީސް ނަޝީދުގެ މެސެޖާ އެކު އަލުން ފެށިފައި ވާއިރު، ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވެސް ނިޒާމު ބަދަލުކުރުމަށް ބާރު އަޅައި އެކަމާ ގުޅުވައިގެން ކެމްޕޭނު ވަނީ ފޯރި ގަދަކޮށްފަ އެވެ. އަދި ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީން އެންމެ ކުރިން ކެމްޕޭނު ކުރި އިރު ބޭނުންކުރި ލޯގޯއާ އެކު ރަށުތެރޭގައި ވެސް ކެމްޕޭނު ނިޝާންތައް އަންނަނީ ހަރުކުރަމުންނެވެ.

މިހާރު އަމަލުކުރާ ރިޔާސީ ނިޒާމަށް ވެރިކަން ކުރަނީ އޮގަސްޓް 18، 2007 ގައި ނެގި، އާންމުންގެ ފެންނަ ނުފެންނަ ވޯޓުގެ 62 ޕަސެންޓް ރައްޔިތުންގެ ތާއީދާ އެކުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޮވެމްބަރު 17، 2018 ގައި ވެރިކަމުގެ ހުވާކުރައްވައި، ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރުމުގެ ވާހަކަތައް ނަޝީދު ވަނީ އިސްވެ ފެއްޓެވި އެވެ. ނިޒާމީ ވޯޓުގައި ވެސް ނަޝީދާއި އެމްޑީޕީ ނެގީ ބަރުލަމާނީގެ ކޮޅެވެ.