Roadha Mihaaru
ނިޒާމާ ބެހޭ ގޮތުން ރައީސްގެ އިތުރު ވާހަކައެއް ނެތް

ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ރައީސްގެ އިތުރު ވާހަކައެއް ނެތް

20 އެޕްރީލް 2021

ރާއްޖެ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރަކަށް ވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވުމުން، މީޑިއާގައި ދެއްވި ޖަވާބުގެ އިތުރުން އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ނުދައްކަވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖެ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރަކަށް ވުމުގެ ޝައުގުވެރިކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވުމުން، މީޑިއާގައި ދެއްވި ޖަވާބުގެ އިތުރުން އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ނުދައްކަވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފެބްރުއަރީ 2023 ގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، މިހާރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވައިލަން ބޭނުންފުޅުވާ ކަމަށެވެ. އެ އަހަރު ރިޔާސީ އިންތިހާބު ނުބާއްވައި، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ކަނޑައަޅަން ވާނީ ނަޝީދުގެ މެސެޖުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ.

ނަޝީދުގެ އެ މެސެޖާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މެދުވެރި ކުރައްވައި ނޫސްވެރިންނަށް ރައީސް އިއްޔެ ވިދާޅުވީ، މިހާރު އޮތް ވެރިކަމުގެ ނިޒާމަށް އަމަލުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ވެސް އެ ރައްޔިތުންގެ ވޯޓުން ކަމަށެވެ.

މިއާ ވިއްދައިގެން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވަނީ، ބަރުލަމާނީ ނިޒާމާ ގުޅޭ މަޝްވަރާތައް އެމްޑީޕީގެ ލީޑަޝިޕާއެކު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިސާބުން އެ ޕާޓީ އަށް ސިގްނަލެއް ލިބިފައިވާ ކަމަށެވެ.

އެ ކަމާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ، ނަޝީދުގެ މެސެޖަށް ރިއާޔަތް ކުރައްވައި މީޑިއާގައި ވިދާޅުވި ވާހަކަފުޅަށް ވުރެ އިތުރަށް އެ ވާހަތައް ރައީސް އަދި ނުދައްކަވާ ކަމަށެވެ.

"އިތުރު ގޮތަކަށް މިކަމާ ގުޅޭ ގޮތުން އިތުރު މިންވަރަކަށް [ރައީސް] ވާހަކަފުޅު ދައްކަވާފައެއް ނުވޭ. ދެއްކެވި ވާހަކަފުޅު ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނަޝީދުގެ މެސެޖާ ގުޅިގެން ވިދާޅުވި ފަހުން ނަޝީދު ވެސް ވަނީ އެ ސްޓޭންޑް ނަންގަވައިފަ އެވެ. ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ރައީސަށް މެސެޖު ކުރެއްވި މައްސަލަ ހޫނުވެ، އަދި ރައީސް ވެސް އެ މަނިކުފާނުގެ ވިސްނުންފުޅު މީޑިއާ އަށް ހާމަކުރެއްވި ފަހުން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

"ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން،" ނަޝީދު ވިދާޅުވެފައި ވެ އެވެ.