Roadha Mihaaru
ހިޔާނާތާ ގުޅޭ މީހުންގެ މައުލޫމާތު މަޖިލީހަށް ދީފި

މަގާމުތަކުގައި ތިބި، ހިޔާނާތުގެ ތުހުމަތުވާ މީހުންގެ މައުލޫމާތު މަޖިލީހުގެ އިދާރާ އަށް ލިބިއްޖެ

06 މެއި 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި މަގާމުތައް ކުރިން އަދާކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއި މަގާމުތައް ކުރިން އަދާކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައުލޫމާތު ހޯއްދަވައި ދެއްވުމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާ ސަބަބު އޮޅުން ފިލުއްވަން ރައްޔިތުންގެ މަޖލީހުގެ މެމްބަރަކު އެދިވަޑައިގަތުމުން، އެ މައުލޫމާތު ހޯދަން ތަހުގީގީ އިދާރާތަކުގައި އެދުމުން އެ މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައުލޫމާތު މަޖިލީހުގެ އިދާރާ އަށް ފޯރުކޮށްދިނުމަށް މަޖިލީހުން ކަނޑައެޅި ސުންގަޑި ހަމަވި އިރު މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނި ގޮތުގައި މައުލޫމާތު ދޭން ކަނޑައެޅި ސުންގަޑި ހަމަވީ މިދިޔަ މަހުގެ 28 ގަ އެވެ.

"...އިސްވެ ދެންނެވުނު ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަ އާއި ޝަރުއީ ދާއިރާގަ އާއި މިނިވަން މުއައްސަސާތަކުގައި ކުރީގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކާއި، އެ ތަންތަނުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ފަރާތްތަކާއި އަދި މިހާރު ވެސް މެމްބަރުކަމުގައި ތިއްބެވި ފަރާތްތަކާއި އަދި ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުންނާއި މިހާރު ވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ލިސްޓް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއާރު) އިން މި އިދާރާއާ ހިއްސާ ކޮށްފައިވާކަން ވެސް ފާހަގަކުރަމެވެ،" މަޖިލީހުގެ އިދާރާގެ ބަޔާނުގައި ވެ އެވެ.

އެމްއެމްޕީއާރުުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި ކަމަށް ތުހުަމަތުވާ މީހުންގެ ތެރެއިން މިހާރު ވެސް ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަ ވަކިން ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ށް ސިޓީއެއް ފޮނުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެެއާޕާސަން ހަސަން ލަތީފެވެ.

އެ މައުލޫމާތު ހޯއްދަވަައިދެއްވަން މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ނޫޅުއްވާ ކަމަށް ހަސަން ސޯޝަލް މީޑިއާގައި ތުހުމަތު ކުރެއްވުމުން އެ ދެބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރި އެވެ.

އެކަމާ ގުޅިގެން އޭރުގައި އަސްލަމް "މިހާރު" އަށް ވިދާޅުވީ، 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަނީ އެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުން ކަމަށެވެ. އެ ސަބް ކޮމިޓީގައި މައްސަލަ އޮންނަތާ އަހަރެއް ވާއިރު، އެ ކޮމިޓީގެ މުގައްރިރަކީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

"އެ ސަބް ކޮމިޓީގައި ހަސަން ލަތީފު ވެސް އިންނަވާ. އެހެންވިއްޔާ މައްސަލަ ލަސްވާ ނަމަ އެކަން ލަސްވަނީ ހަސަން ލަތީފަށް ވެސް އެނގިވަޑައިގެން ކަމަށް މި ބަލަނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވެފައި ވެ އެވެ.