Roadha Mihaaru
ސޮއި ވެސް ހަމައެއް ނުވާނެ،ހުށަހެއް ވެސް ނޭޅޭނެ:އާޒިމް

ނަޝީދު ވަކިކުރަން ސޮއި ވެސް ހަމައެއް ނުވާނެ، ހުށަހެއް ވެސް ނޭޅޭނެ: އާޒިމް

06 ޖޫން 2023

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅުން އުފައްދަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށް އެ މަނިކުފާނުގެ އަރިސް ބޭފުޅުން އުފައްދަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީން ވަކިކޮށްފައިވާ އަލީ އާޒިމް އެހެން ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ފާސްކުރުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

މިހާތަނަށް 44 މެމްބަރަކު ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވައިފަ އެވެ.

ޑިމޮކްރެޓްސް ރަޖިސްޓަރީ ކޮށްދޭން އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 3،500 މީހުންގެ ސޮއި ލީކުވި ކަމަށް ބުނާ މައްސަލާގައި އެ ކޮމިޝަނަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ސޮއި ހަމަ ނުވާނެ ކަމަށާއި އެ މައްސަލަ ހުށަ ނޭޅޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން، ހުށައެއް ވެސް ނޭޅޭނެ. އަދަދެއް ވެސް ހަމައެއް ނުވާނެ. އެކަން ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެހެންވީމާ މަޖިލިސް ތެރޭގައި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މަޖިލިސް ތެރޭގައި ގިނަ އަދެއްގެ މެމްބަރުން ގަބޫލުކުރޭ ރައީސަށް [ނަޝީދަށް] ތާއީދު އޮތް ކަމަށް. ރައްޔިތުންގެ އިތުބާރު އޮތް ކަމަށް،" އެމްޑީޕީން ވަކިކުކުރުމުން ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައިވާ އާޒިމް ވިދާޅުވި އެވެ.

"އެ އަކީ އިދާރީ ގޮތުން ވާނެ ކަމެއް ކަމަކަށް ވެސް އަޅުގަނޑު ނުދެކެން."

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ނަޝީދު މަގާމުގެ އިތުބާރު ނެތް ކަމަށް ނިންމީ ރައީސް އޮފީހުން ކަމަށް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ނަޝީދު މަގާމުގެ އިތުބާރު ނެތް ކަމަށް ނިންމީ ރައީސް އޮފީހުން ކަމަށް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާޒިމް ވިދާޅުވިގޮތުގައި، މަޖިލިހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމާ މެދު ގޮތެއް ނިންމާނީ ރައީސް އޮފީހުންނެވެ. އެކަމަކު، އެކަން ކުރަން ރައީސް އޮފީހުން ބޭނުން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގައި ތިބީ ނަޝީދަށް އިތުބާރު ކުރާ މީހުން ކަމަށާއި އެ މަނިކުފަނު ވަކިކުރުމަށް އަދަދު ހަމަ ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަކުން ކަމެއް ނުނިންމާ. ރައީސް އޮފީހުން ނިންމީ. އޭގެ ކުރިން ވެސް ބައިވަރު ފަހަރު ބުނެފައި އެބަހުރި މާދަން އެބަ ހުށަހަޅަން، އަނެއް ދުވަހު އެބަ ހުށަހަޅަން. އެކަމަކު ސަރުކާރު ޕްރޮޖެކްޓްތަކެކޭ އެއްގޮތަށް ރައްޔިތުން މަޖިލީހުގެ ރައީސްގެ ނޯ ކޮންފިޑެންސްގެ ވާހަކަތައް މި ހުރީ،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުންވަނީ 29 ސޮޔެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެ އެވެ. މަޖިލިހުގައި މިހާރު އެއް ޕާޓީއަކަށް އެންމެ މެމްބަރުން ގިނައީ އެމްޑީޕީގަ އެވެ. އެއީ ނަޝީދާ ނުލައި 56 މެމްބަރުންނެވެ.