Roadha Mihaaru
ޔާމީނަށް ހަމަލާދޭން ގޮވާލި މައްސަލަ ބަލައިދޭން އެދިއްޖެ

ޔާމީނަށް ހަމަލާދޭން ގޮވައިލި މައްސަލަ ބަލައިދޭން އެދިއްޖެ

08 މެއި 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓެރަރިސްޓް ހަމަލައެއް ދިނުމަށް ގޮވާލައި، ފޭސްބުކް ޕޯސްޓެއް ކުރި މީހެއްގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފުލުހުންގެ އިދާރާގައި އިއްޔެ އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓެރަރިސްޓް ހަމަލައެއް ދިނުމަށް ގޮވާލައި، ފޭސްބުކް ޕޯސްޓެއް ކުރި މީހެއްގެ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފުލުހުންގެ އިދާރާގައި އިއްޔެ އެދިއްޖެ އެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދޭން އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެ ޝާއިއު ކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ.

މިފަދަ ނުރައްކާތެރި އަމަލު ހިންގުމަށް ގޮވައިލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ މީހުންގެ މައްސަލަތައް ނުބެލި، އެފަދަ މީހުން މުޖުތަމައަށް ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިދިކޮޅުން ބުނިގޮތުގައި، އެ ފަދަ ނުރައްކާތެރި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ގޮވައިލާ މީހުން އެކަން ކުރަނީ ކޮންމެ ފަދަ މަގްސަދެއްގައި ކަމަށް ވިޔަސް، އެއެީ ކުދިކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެ ނަމަ، ނުރައްކާތެރި އަމަލެއް ހިނގުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެންވެ ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވައިލަން ގޮވާލައި ޕޯސްޓް ކުރި މީހާ ހޯދައި ހައްޔަރުކޮށް، މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަަވަޅުތައް އެޅުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެ މަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް ވެސް އެދެމެވެ،" ބަޔާނުގައިވެ އެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީނަކީ ހައިރިސްކް ބޭފުޅެއްކަމުން، މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުން ދާތީ، އެ މަނިކުފާނު މިހާރު ހުންނެވީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފަ އެވެ.

ޔާމީނަށް ހަމަލާދިނުމަށް ގޮވާލިއިރު އިއްޔެ ރޭ ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ވެސް ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެ މަނިކުފާނުގެ ގެކޮޅު ކައިރިން އެ ހަމަލާ އަމާޒުވިއިރު އެ ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް އަނިޔާވެ އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު ހާދިސާގެ ކުރިން ފުލުހުންގެ އިންޓެލިޖެންސަށް އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެކަމަކު ހާދިސާ ރޭވި ސަރަހައްދުން ހަތަރު މީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭތީ އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.