Roadha Mihaaru
އިމާމަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ދަމު ނަމާދަށް ހުއްޓާ އިމާމަށް ހަމަލާދިން މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި

10 މެއި 2021

ލ. ގަމު ތުނޑީ އަވަށުގެ މިސްކިތެއްގެ އިމާމު ދަމުނަމާދަށް ހުއްޓާ ހަމަލާދިން މައްސަލައާ ގުުޅިގެން ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލ. ގަމު ތުނޑީ އަވަށުގެ މިސްކިތެއްގެ އިމާމު ދަމުނަމާދަށް ހުއްޓާ ހަމަލާދިން މައްސަލައާ ގުުޅިގެން ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަމުނަމާދަށް ހުއްޓާ މީހަކު، އެ މިސްކިތަށް ވަދެ އިމާމުގެ މައިކު އަތުލައި އޭނާގެ ގައިގައި ޖެހި އެވެ. ނަމާދު ނިމެންދެން އިމާމު ކައިރީގައި ހުރެ ހަޅޭއްލަވައި ހުތުރު ބަހުން އެ މީހާ މުހާތަބުކުރި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް "މިހާރު" އަށް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ސޯޓެއް ލައިގެން ހުރި އެ މީހާ، އިމާމަށް ހަމަލާދިން ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވެ އެވެ.

ނަމާދަށް ފަހު ޖަމާއަތުގައި ތިބި އެހެން މީހުން އޭނާ މިސްކިތުން ނެރުނެވެ. އެ އަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް އޭނާ ގެންދިޔަ އެވެ. އެކަމަކު ހަތަރު ގަޑިިއިރެއްހާއިރު ފަހުން އޭނާ އޭރު ދޫކޮށްލި އެވެ.

އޭގެ ފަހުން، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިތޯ ސުވާލުކުރުމުން ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މީގެ ކުރިން ވެސް މިސްކިތަށް މީހުން ވަދެ، ނަމާދަށް ތިބޭ މީހުންނަށް ހަމަލާދިނުމުގެ މައްސަލަތައް ފެންމަތިވެފައި އެބަ ހުއްޓެވެ.