Roadha Mihaaru
ހުޅުމާލެ ހޮސްޕިޓަލުގެ މުހިންމު ހިދުމަތްތަކެއް މެދުކަނޑާލައިފި

ޚާއްސަ ބަލިތަކުގެ އޯޕީޑީއާއެކު ހުޅުމާލެ ހޮސްޕިޓަލުގެ މުހިންމު ހިދުމަތްތަކެއް މެދުކަނޑާލައިފި

10 މެއި 2021

ސްޕެޝަލިސްޓް އޯޕީޑީއާއެކު، ހުޅުމާލެ ހޮސްޕިޓަލުން ދެމުން އަންނަ މުހިންމު ޚިދުމަތްތަކެއް، ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ މެދުކަނޑައިލަން މިއަދު ނިންމައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސްޕެޝަލިސްޓް އޯޕީޑީއާއެކު، ހުޅުމާލެ ހޮސްޕިޓަލުން ދެމުން އަންނަ މުހިންމު ޚިދުމަތްތަކެއް، ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ މެދުކަނޑައިލަން މިއަދު ނިންމައިފަ އެވެ.

އެ ހޮސްޕިޓަލްގެ އިއުލާނެއްގައިވާ ގޮތުން ޚިދުމަތްތައް މެދުކަނޑާލައިފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ޚާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންގެ ޚިދުމަތް ވެސް މެދުކަނޑާލައިފައިވާ ކަން އެ ހޮސްޕިޓަލުން "މިހާރު" އަށް ޔަގީން ކޮށްދިނެވެ.

ހޮސްޕިޓަލުން ބުނީ ބައެއް ހިދުމަތްތައް ހުއްޓާލި ނަމަވެސް 24 ގަޑިއިރުގެ އިމަޖެންސީ ޚިދުމަތްތާއި މިހާރު ރަޖިސްޓަރީ ކޮށްފައި ތިބި މާބަނޑު މީހުންނަށް ދޭ އޭއެންސީ އާއި ޑައިލަސިސް އާއި އޮންކޮލޮޖީ އާއި ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި ލެބޯރެޓަރީ އަދި ރޭޑިއޯލޮޖީ ޑިޕާޓްމަންޓްގެ ޚިދުމަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ހުޅުމާލޭ ހޮސްޕިޓަލު ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މި ހޮސްޕިޓަލުގައި ވަކިން ހުންނަ އިމާރާތުގައި ކޮވިޑަށް ފަރުވާދޭއިރު، އެ ތަނުގައި އައިސީޔޫއެއް ވެސް ވަނީ ހަދައިފަ އެވެ. އެ ބައިގައި 120 އެނދު ހުންނާނެ އެވެ. އޭގެ ތެރެއިން 58 އެނދަކީ މިހާރު ވެސް ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ އެނދެވެ.

މިއަދުގެ މިހާތަނަށް ކޮވިޑްގައި ދެ މީހަކު މަރުވެ ރާއްޖޭން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރައިފަ އެވެ. އަދި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 10،000 އާ ގާތްވެފަ އެވެ.

މީގެ ދެ ދުވަހަށް ވުރެ ވެސް ކުރިން ނަގައި ޓެސްޓް ނުކުރެވި ހުރި ސާމްޕަލްތަކާއި އަދި އިއްޔެ ޓެސްޓުކުރި ސާމްޕަލްތަކާ އެކު ވެސް 1،091 މީހަކު މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ވަނީ ކޮވިޑަށް ޕޮޒިޓީވްވެފަ އެވެ.