Roadha Mihaaru
ހުޅުމާލެ ކޮވިޑް ފެސިލިޓީ ހުހަށް އޮންނަތާ ތިން ދުވަސް

އެޑްމިޓްކުރަންޖެހޭ މީހުން މަދުވެ ހުޅުމާލޭ ކޮވިޑް ފެސިލިޓީ ހުހަށް އޮންނަތާ ތިން ދުވަސް

01 އޯގަސްޓް 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާއްސަ ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާދޭން ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގައި ބަލި މީހަކު ނެތްތާ ތިން ދުވަސްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާއްސަ ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާދޭން ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގައި ބަލި މީހަކު ނެތްތާ ތިން ދުވަސްވެއްޖެ އެވެ.

މިއީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ އެޑްމިޓްކުރަންޖެހޭ މީހުން އިތުރުވެގެން ދިއުމަށް ފަހު އެތަން ހުސްވި ފުރަތަމަ ފަހަރު ކަމަށް ވަނީ އެނގިފަ އެވެ.

ކޮވިޑް ޖެހިގެން ފަރުވާ ދޭން އެތަނަށް ގެންދިޔަ އެންމެ ފަހު މީހާ ބަލިން ރަނގަޅުވެ ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވެސް އެ ފެސިލިޓީ އޮތީ ހުހަށެވެ. މިވަގުތު ބަލި އެއްވެސް މީހަކު އެތަނުގައި ނެތް ނަމަވެސް ނަރުހުން ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖުމްލަ 270 ޖާގައިގެ ފެސިލިޓީގައި ފަރުވާދެމުން އައި މީހުން ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާއިރު މި ވަގުތު ރާއްޖޭގެ ކޮވިޑްގެ ބަލިމަޑުކަން ވަރަށް ބޮޑަށް ވަނީ ކޮންޓްރޯލްކުރެވިފަ އެވެ. ވަކިން ހާއްސަކޮށް ކުރިން ގިނަ ކޭސްތަކެއް ފެންނަމުން ދިޔަ މާލޭ ސަރަހައްދުން ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު މަދެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ އަދަދު ވެސް މަދެވެ.

މުޅި ދުނިޔޭގެ ހިސާބުތަކުން ވެސް ދައްކަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ވަނިކޮށް އެ ބައްޔަށް ޕޮޒިޓިވް ވިޔަސް ހާލު ގޯސްވެ އެޑްމިޓްކުރަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވާ ކަމަށެވެ. ރާއްޖޭގައި ވެސް މިހާތަނަށް 268،244 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އެއީ ވެކްސިން ދެވޭ އާބާދީގެ ދެ ބައިކުޅަ އެއް ބަޔަކަށް ވުރެ ވެސް މައްޗެވެ.

މިރޭ އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިވަގުތު މުޅި ރާއްޖޭގައި ވެސް އެޑްމިޓްކޮށް ފަރުވާދެނީ 20 މީހަކަށެވެ. މިއަހަރު ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅުގައި އެ އަދަދު 200 އިން މައްޗަށް އެރި އެވެ.

މިދިޔަ 24 ގަޑިއިރަށް ބަލާއިރު މުޅި ރާއްޖޭން އަލަށް ފެނުނީ ކޮވިޑްގެ 115 ކޭހެވެ. އޭގެ ތެރޭ މާލެ ސަރަހައްދުން ހިމެނެނީ 23 ކޭހެވެ. މާލޭން މި އަދަދަށް ފެނުނީ 2،018 ސާމްޕަލް ޓެސްޓްކޮށްގެންނެވެ. މުޅި ރާއްޖޭން 5،573 ސާމްޕަލް ޓެސްޓްކޮށްފައިވެ އެވެ.