Roadha Mihaaru
ކޮނޑޭ ކައުންސިލްގެ ރައީސް ހުވާކުރުން ހުއްޓުވައިފި

ކޮނޑޭ ކައުންސިލްގެ އިންތިޚާބީ ރައީސް ހުވާކުރުން ހައި ކޯޓުން ހުއްޓުވައިފި

12 މެއި 2021

ގއ. ކޮނޑޭ ކައުންސިލަށް އަލަށް އިންތިޚާބުވި ރައީސް މަގާމުގެ ހުވާ ކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. ކޮނޑޭ ކައުންސިލަށް އަލަށް އިންތިޚާބުވި ރައީސް މަގާމުގެ ހުވާ ކުރުން ފަސްކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮނޑޭ ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލްހަކީމެވެ. އޭނާ އިންތިޚާބު ކުރެއްވީ 130 ވޯޓާ އެކު، އެންމެ ދެ ވޯޓުގެ ތަފާތުންނެވެ. ދެވަނަ ލިބުނީ އަމިއްލަ ގޮތުން ވާދަކުރި ޝުއައިބު މުހައްމަދު ދީދީ އެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް ހޮވި ގޮތާ މެދު ހިތްހަމަނުޖެހިގެން ޝުއައިބުގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނުނިމެނީސް، ކޮނޑޭ ކައުންސިލްގެ ރައީސް ހުވާ ކުރުމަކީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ކޮނޑޭ ކައުންސިލްގެ ރައީސް ހުވާ ކުރުން ފަސްކުރަން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތު ބަލަހަައްޓަވަނީ ފަނޑިޔާރު ހަމީދެވެ.

ހައި ކޯޓުން އެގޮތަށް އަމުރު ނެރުނީ އަލަށް އިންތިޚާބުވި ކައުންސިލް މެމްބަރުން އަންނަ ހަފުތާގައި ހުވާކުރަން ހަމަޖައްސާފައި ވަނިކޮށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު މިދިޔަ މަހު ބޭއްވީ ކޮވިޑް-19 އާ ގުޅިގެެން އެއް އަހަރަށް އިންތިޚާބު ފަސްކުރުމަށް ފަހު އެވެ.