Roadha Mihaaru
ކޮނޑޭ ކައުންސިލް ރައީސްގެ ނަތީޖާއަށް ބަދަލެއް ނާދޭ

ކޮނޑޭ ކައުންސިލް ރައީސްގެ ނަތީޖާއަށް ބަދަލެއް ނާދޭ: އީސީ

24 މެއި 2021

ގއ. ކޮނޑޭ ކައުންސިލަށް ރައީސަކު ހޮވަން އަލުން ވޯޓު ގުނުމަށް ހައި ކޯޓުން ކުރި ހުކުމާ އެކު އަލުން ގުނުމުން ވެސް ނަތީޖާއެއް ބަދަލެއް އައިސްފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. ކޮނޑޭ ކައުންސިލަށް ރައީސަކު ހޮވަން އަލުން ވޯޓު ގުނުމަށް ހައި ކޯޓުން ކުރި ހުކުމާ އެކު އަލުން ގުނުމުން ވެސް ނަތީޖާއެއް ބަދަލެއް އައިސްފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ މި ޚަބަރު ކަށަވަރުކޮށްދެއްވައިފަ އެވެ.

"ހައި ކޯޓުގެ ހުކުމާ ގުޅިގެން ގއ.ކޮނޑޭ ވޯޓްލީ ތިން ފޮށި ގުނައިގެން އީސީ އިން އިއުލާންކުރި ނަތީޖާއަށް އެއްވެސް ބަދަލެއް ނާދޭ،" ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިލަށް ރައީސަކު ހޮވަން އަލުން ވޯޓު ގުނުމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އީސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު ކޮނޑޭ ކައުންސިލްގެ ރައީސްކަން، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލް ހަކީމެވެ.

އެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅީ، އަހުމަދު އަބްދުލް ހަކީމާ ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކޮނޑޭގައި ބެހެއްޓި ވޯޓު ފޮށީގެ ވެރިޔާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސައްހަ ވޯޓު، ބާތިލް ވޯޓުގެ ގޮތުގައި އަދި ބާތިލް ވޯޓު، ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ކައުންސިލްގެ ރައީސް އިންތިހާބުކުރަން ބެހެއްޓި ތިން ވޯޓު ފޮށި އަލުން ގުނަން އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އެ ވޯޓު ފޮއްޓާ ބެހޭ ޝަކުވާތަކާއި އެ ޝަކުވާތަކާ ގުޅިގެން އީސީން އަމަލުކޮށްފައިވާ ގޮތާއި އަދި ޝަރީއަތުން ބެލި ބެލުމުން ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ތިން ވޯޓު ފޮށީގެ ޚާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ހާލަތެއް ދިމާވެފައިވާ ކަމަށް އިއްތިފާގުވެވަޑައިގެންފަ އެވެ.

އެހެންވެ ތިން ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި، އެ ވޯޓުފޮށިތަކުގެ ހުރިހާ ވޯޓެއް ގުނައި އަލުން ނަތީޖާ އިއުލާންކުރުމަށް ހުކުމްކޮށްފައިވެ އެވެ.

ކޮނޑޭ ކައުންސިލްގެ އިތުރުން، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެހެން ބައެއް ކައުންސިލްތަކުގެ ހުރި ޝަކުވާތަކުގެ މައްސަލަތައް ވެސް ކޯޓުން އަންނަނީ ބަލަމުންނެވެ.