Roadha Mihaaru
ކޮވިޑްގައި މަރުވި ޒުވާނާއަކީ ހަކުރުބަލީގެ މީހެއް

ކޮވިޑްގައި މަރުވި އެންމެ ޒުވާން މީހާއަކީ ހަކުރުބަލީގެ މީހެއް

16 މެއި 2021

ކޮވިޑް-19ގައި ރޭ ފަތިހު ރާއްޖެ އިން 30 އަހަރުގެ މީހަކު މަރުވި އިރު އޭނާއަކީ ހަކުރުބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށް އާއިލާއިން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގައި ރޭ ފަތިހު ރާއްޖެ އިން 30 އަހަރުގެ މީހަކު މަރުވި އިރު އޭނާއަކީ ހަކުރުބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށް އާއިލާއިން ބުނެފި އެވެ.

މި ކޮވިޑްގައި ރާއްޖެ އިން މަރުވި އެންމެ ހަގު މީހާ އެވެ. އަދި ކުޑަ ދެ ކުދިންގެ މަންމަ، ހަކުރުބަލީގައި އުޅޭތާ އަހަރުތަކެއް ވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އެކަމަކު ކޮވިޑުން ދިފާއުވުމަށް އޭނާ ވެކްސިން ޖެހިކަމެއް ޔަގީނެއް ނުކުރެވުނެވެ.

ކޮވިޑް ބަލީގައި އެންމެ ނުރައްކާ ވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުންނަށެވެ. އޭގެ ތެރޭގައި ހަކުރާއި ލޭ މައްޗަށް ދިޔުން ވެސް ހިމެނެ އެވެ.

މީގެ ކުރިން ބަލީގައި 27 އަހަރުގެ ބަންގްލަދޭޝް މީހަކު މަރުވި ނަމަވެސް، އޭނާގެ ބޮޑު ބައްޔެއް ހުރި ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު ދެން މަރުވި އެންމެ ޒުވާން މީހާ، 41 އަހަރުގެ މީހާއަކީ ވެސް ސިއްހީ އެހެން ގިނަ މައްސަލަތަކާ ހެދި ދާއިމީކޮށް ބޭސް ކާ މީހެކެވެ.

ރޭ މަރުވި ޒުވާނާއާއެކު ހުޅުމާލޭ ފެސިލިޓީގައި އުމުރުން 80 އަހަރުގެ މީހަކު ވެސް މަރުވި އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވަމުން ދާއިރު، ބަލީގައި މިހާތަނަށް 96 މީހަކު ވަނީ މަރުވެފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު 700 އަށް ވުރެ އިތުރުވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.