Roadha Mihaaru
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު

ކައުންސިލްތަކުގެ އިންތިޚާބު: ތިން ދާއިރާއެއްގެ މައްސަލަ ހައި ކޯޓުން ކާމިޔާބެއް ނުވި

16 މެއި 2021

ލޯކަލް ކައުންސިލް އިންތިޚާބުގައި ތިން ދާއިރާއެއްގެ ނަތީޖާއާ ގުޅިގެން ހުށަހެޅި މައްސަލަ ހައި ކޯޓުން ކާމިޔާބު ނުވެ މިރޭ ނިމިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ތިން ދާއިރާއެއްގެ ނަތީޖާއާ ގުޅިގެން ހުށަހެޅި މައްސަލަ ހައި ކޯޓުން ކާމިޔާބު ނުވެ މިރޭ ނިމިއްޖެ އެވެ.

މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ހަތް ދާއިރާއަކާ ގުޅޭ އިންތިޚާބީ ޝަކުވާގެ މައްސަލަތަކެއް ހައި ކޯޓަށް އަމިއްލަ މީހުން ހުށަހެޅި އެވެ. އެއީ ހއ. ފިއްލަދު އާއި ށ. ބިލެތްފައްސާއި ތ. ކަނޑޫދޫގެ އިތުރުން ކ. ތުލުސްދޫ އަދި ލ. މާބައިދޫ ކައުންސިލް އިންތިޚާބުގެ މައްސަލަ އެވެ. އޭގެ ތެރެއިން މިރޭ ނިންމީ ބިލެތްފައްސާއި ތުލުސްދޫގެ އިތުރުން ލ. މާވަށު ކައުންސިލްގެ މައްސަލަ އެވެ.

ބިލެތްފަހީގެ ކައުންސިލްގައި އަންހެނުންނަށް ޚާއްސަކުރި ގޮނޑި އަށް ވާދަކުރި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކު ހައި ކޯޓަށް މައްސަލަަ ހުށަހެޅީ އެ ދާއިރާގެ ވޯޓު ފޮއްޓެއްގައި ބާތިލް ތިން ވޯޓެއް އިލެކްޝަންސް ކޮމިޝަނުން ސައްހަ ކަމަށް ނިންމާފައިވާތީ އެ ވޯޓު ފޮށި އަލުން ގުނުމުގެ އަމުރަކަށެވެ.

އެ މައްސަލާގައި ހައި ކޯޓުން މިރޭ ކުރި ހުކުމުގައިވަނީ ބާތިލް ވޯޓުތަކެއް ސައްހަ ވޯޓުގެ ގޮތުގައި ބެލިކަމުގެ ޝަކުވާއެއް ވޯޓުލާ މަރުކަޒުގެ އިސްވެރިޔާ އަށް ވޯޓު ގުނަމުން ދިޔައިރު އަންގާފައި ނެތް ކަމަށެވެ. އެފަދަ ޝަކުވާއެއް އޭރު ހުށަހެޅުމެއް ނެތި ގައުމީ ކޮމްޕްލެއިންސް ބިއުރޯ އަށް ފަހުން ޝަކުވާ ހުށަހެޅުމަކީ އެފަދަ ޝަކުވާތައް ބެލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފް ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންކަމުން އެ ފޮށީގެ ވޯޓުތައް އަލުން ގުނަން އަމުރު ނުކުރެވޭނެ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސްގެ މައްސަލާގައި ހައި ކޯޓަށް މައްސަލަ ހުށަހެޅީ އެ މަގާމަށް ވާދަކުރި ކެންޑިޑޭޓެއްގެ ލޯގޯ ވޯޓު ކަރުދާހުގައި ނެތުމުންނެވެ. އެހެންވެ، އެ ކެންޑިޑޭޓް މައްސަލަ ހުށަހެޅީ އެރަށު ކައުންސިލްގެ ރައީސްގެ އިންތިޚާބު އަލުން ބޭއްވުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ.

އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ތުލުސްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ކެންޑިޑޭޓުންގެ މެދުގައި ހުރި ވޯޓުގެ ފަރަގަށް ބަލާއިރު، އެއީ ވޯޓު ކަރުދާހުގައި ލޯގޯ ނެތުމުގެ ސަބަބުން އެކަނި އައި ފަރަގެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު އޮތްގޮތުން އިންތިޚާބެއް އަލުން ބާއްވަން އަމުރު ކުރެވޭނީ ނަތީޖާ އަށް އަސަރު ކުރާނެ ކަމެއް އޮންނަ ހާލަތުގައި ކަމަށާއި އެހެންވެ، ތުލުސްދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބު އަލުން ބާއްވަން އަންގާނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފައިސަލް އާއި ފަނޑިޔާރު ސަމީރާއި އިސް ފަނޑިޔާރު ހާތިފެވެ. މި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލެވެ.

މާވަށު ކައުންސިލްގެ ރައީސްގެ މައްސަލާގައި ކެންޑިޑޭޓަކު ޝަކުވާ ހުށަހެޅީ އެ ދާއިރާގެ ވޯޓު ފޮށްޓެއްގައި ދެ ފަހަރަށް އިންތިޚާބު ބާއްވާފައިވާތީ އެވެ. ފުރަތަމަ ބުރުގައި މާވަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓާއި ޕީޕީއެމްގެ ކެންޑިޑޭޓާއި ކައުންސިލް މެމްބަރު ކަމަށް ވާދަކުރި ދެ މެމްބަރެއްގެ ވޯޓުގައި ހުރީ އެއް ވޯޓުގެ ތަފާތެވެ. އެ ދެ މަގާމު އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން އަލުން ބޭއްވީ އެހެން ދާއިރާއެއްގެ މީހަކު އެ ދާއިރާއަށް ވޯޓުލާފައިވާތީ ނަތީޖާއަށް އަސަރު ކުރާނެ ސަބަބެއް އޮތުމުންނެވެ.

ދެވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު މޫސާ އިންތިޚާބު ކާމިޔާބު ކުރުމުން އެމްޑީޕީގެ ކެންޑިޑޭޓް ހައި ކޯޓަށް މައްސަލަ ހުށަހެޅީ ދެވަނަ ބުރު ބޭއްވީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، ދެވަނަ ބުރު ބާތިލްކޮށް، އަލުން އިންތިޚާބު ބާތިލްކޮށް ދިނުމަށެވެ.

އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ އިންތިޚާބު އަލުން ބޭއްވީ ވޯޓަށް އަސަރު ފޯރަފާނެ ކަންތައްތަކެއް މެދުވެރިވުމުން ކަމަށާއި އެހެންކަމުން ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަންގެ ނިންމުމުގައި ގާނޫނާ ޚިލާފު ކަމެއް ނެތް ކަމަށެވެ. އެހެންކަމުން އެ ފޮށީގެ ދެވަނަ ބުރުގެ ނަތީޖާ ބާތިލް ކުރެވެން ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.

ބާކީ ނުނިމި ހުރި ދާއިރާތަކުގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން އޮތީ ކުރިން އަމުރުކޮށްފަ އެވެ. އެއީ ކޮނޑޭ ކައުންސިލްގެ ރައީސް ކަމާއި ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ އިތުރުން ލ. މާބައިދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމެވެ.

އަލަށް އިންތިޚާބުވި ކައުންސިލް މެމްބަރުން މާދަމާ ހުވާކުރަން ވަނީ ހަމަޖައްސައިފަ އެވެ..