Roadha Mihaaru
ހަމަހަމަ ހައްގު ނުލިބޭތީ ހުށަހެޅި މައްސަލަ ބަލައިނުގަތް

އިންތިޚާބީ ހައްގު ހަމަހަމަކޮށް ނުލިބޭ ކަމަށް ބުނެ ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައެއް ނުގަތް

06 އެޕްރީލް 2021

އިންތިޚާބީ ހައްގުތައް ހަމަހަމަ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިންތިޚާބީ ހައްގުތައް ހަމަހަމަ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން ޕީޕީއެމުން ހައި ކޯޓަށް އިންތިޚާބީ ޝަކުވާގެ މައްސަލައެއް ހުށަހެޅީ ދައުލަތުގެ އިދާރާތަކުން އެ ޕާޓީ އަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ އެވެ.

އިންތިޚާބީ ހައްގުތައް ހަމަހަމަ ގޮތެއްގައި ނުލިބޭ ކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމުން ވެސް އެ ޝަކުވާތަކަށް ހައްލެއް ލިބިފައިނުވާ ކަމަށް އެ މައްސަލައިގައިވެ އެވެ.

ޕީޕީއެމުން އެ މައްސަލާގައި އެދުނީ އެ ޕާޓީގެ އިންތިޚާބީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

އެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އެފަދަ ޝަކުވާތައް ހައި ކޯޓަށް ހުށަހަޅަން ޖެހޭނީ އެކަށީގެންވާ ހެއްކާ އެކު ކަމަށް ވާއިރު، ޕީޕީއެމުން ހެކީގެ ގޮތުގައި ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހެޅި ޝަކުވާއަކާއި އެ ބިއުރޯ އިން ދީފައިވާ ޖަވާބެއް ކަމަށެވެ. އެ ލިޔުމަށް ބަލާއިރު، ޕީޕީއެމަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ނުވަތަ އިންތިޚާބީ ހައްގުތައް ހަމަހަމަކޮށް ނުލިބޭ ކަން އެނގެން ނެތް ކަމަށް ހައި ކޯޓުގެ ނިންމުމުގައި ވެ އެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެގެން ނެތް ކަމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައިވެ އެވެ.