Roadha Mihaaru
އިޒްރޭލުގެ ހަމަލާތައް ޣައްޒާގެ ބިންގަރާސް މަގުތަކަށް

އިޒްރޭލުގެ ހަމަލާތައް ޣައްޒާގެ ބިންގަރާސް މަގުތަކަށް

18 މެއި 2021

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް އިއްޔެ ބޮޑަށް އަމާޒުކުރީ، ފަލަސްތީނުގެ ހަނގުރާމަވެރިން އެއް ތަނުން އަނެއް ތަނަށް ސިއްރުން ދަތުރުކުރުމަށާއި ހަތިޔާރު އުފުލުމަށް ހަދާފައިވާ ބިންގަރާސް މަގުތަކަށެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް އިއްޔެ ބޮޑަށް އަމާޒުކުރީ، ފަލަސްތީނުގެ ހަނގުރާމަވެރިން އެއް ތަނުން އަނެއް ތަނަށް ސިއްރުން ދަތުރުކުރުމަށާއި ހަތިޔާރު އުފުލުމަށް ހަދާފައިވާ ބިންގަރާސް މަގުތަކަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ބިންގަރާސް މަގުތަކުގެ އިތުރުން، ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރުންގެ ގެތަކަށް ވެސް އިއްޔެ ހަމަލާ ދީފައިވާނެ އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން، އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި އަސްކަރީ ހަމަލާތައް، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

އިޒްރޭލުން ބުނީ، އިއްޔެގެ ހަމަލާތަކުގައި ހަމާސްގެ ކޮމާންޑަރުންގެ ތެރެއިން ނުވަ މީހަކު ދިރިއުޅޭ ނުވަ އެޕާޓްމަންޓެއް ވާނީ ސުންނާފަތި ކޮށްލައިފައި ކަމަށެވެ. ހަމާސްގެ ހަނގުރާމަވެރިން ބޭނުންކުރާ ބިންގަރާސް މަގުތަކުގެ 15 ކިލޯމީޓަރެއްހާ ދިގުމިނުގެ ސަރަހައްދެއް ވާނީ ހަލާކުކޮށްލައިފަ އެވެ.

ފަލަސްތީނު ސަރުކާރުން ބުނިގޮތުގައި އިޒްރޭލުން އިއްޔެ ޣައްޒާ އަށް ދިން ހަމަލާތަކުގައި ޣައްޒާގެ ވަރަށް ގިނަ މަގުތަކާއި ގޯޅިތައް ވަނީ، ވަރަށް ބޮޑަށް މަރާމާތު ކޮށްގެން ނޫނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ވަރަށް ގިނަ އިމާރާތްތަކަށް ވެސް އިޒްރޭލުން އިއްޔެ ހަމަލާ ދިނެވެ.

މިހާރު އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނެ އެވެ. އޭގެ އިތުރުން 1،200 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެ އެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުން ދިރިއުޅޭ އެތައް ސަތޭކަ އިމާރާތެއް ބިމާ ހަމަކޮށްލާފައިވެ އެވެ. ޣައްޒާގެ ބޮޑެތި ބައެއް މަގުތައް ހަލާކުވެ، ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ބޯފެން ހޮޅިތައް ފަޅައިގެން ގޮސް، ނަރުދަމާ ނިޒާމަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.

އިޒްރޭލުގެ އުދުވާންތަކަށް ރައްދު ދެމުންދާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން މިއަދު ބުނި ގޮތުގައި، އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި އެ ދެ ޖަމާއަތުގެ 20 ހަނގުރާމަވެރިއަކު ވަނީ ޝަހީދުވެފަ އެވެ. (އޭޕީ، އަރަބް ޕޯސްޓް)