Roadha Mihaaru
ކޮމިޝަންގެ ލިސްޓަށް ފިޔަވަޅު އަޅާނީ ތަހުގީގުކޮށްފައި

ކޮމިޝަންގެ ލިސްޓަށް ފިޔަވަޅު އަޅާނީ ތަހުގީގުކޮށްފައި: ރައީސް އޮފީސް

18 މެއި 2021

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންގެ ލިސްޓުގެ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންގެ ލިސްޓުގެ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނީ ތަހުގީގަށް ފަހުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތު ކުރެވޭ، އަދި މަންފާ ލިބުނު މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ލިސްޓަކާއި، މުޅި ހިޔާނާތުގެ ތެރޭގައި ހިމެނޭ 281 މީހުންގެ ލިސްޓެއް އާންމުކޮށްފަ އެވެ. އަދި މި ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުގައި ތިބި މީހުން ވަކިކުރަން ހުށަހަޅާ ގޮތަށް 241 ކޮމިޓީން ނިންމާފައިވެ އެވެ.

ނަމަވެސް ކޮމިޝަން އުފެއްދިފާ ދެ އަހަރު ފަހުން ހެދި މި ލިސްޓުން ދައްކާ ގޮތުގައި އޭގައި އޮތް 281 ނަމުގެ ތެރެއިން 63 ޕަސެންޓަކީ އެ މީހުންނާ ބެހޭ ގޮތުން އަދި މިހާތަނަށް ތަހުގީގު ވެސް ނުފަށާ މީހުންނެވެ. ގިނަ މީހުންގެ މައުލޫމާތު ގޮޅީގައި އޮތީ "އިންފޮމޭޝަން ކަލެކްޝަން" ނުވަތަ އަދިވެސް މައުލޫމާތު އެއްކުރަމުން ދާ ކަމަށެވެ. ތަހުގީގު ކުރިއަށްދާ ކަމަށް އޮތީ އެންމެ 24.7 ޕަސެންޓްގެ އެވެ.

ލިސްޓުގައި ނަން އޮތް، ސަރުކާރު މަގާމުތަކުގައި ތިބި މީހުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ ގޮތުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ލިސްޓުގައި ހުރި ނަންތަކަކީ "ޕާސަންސް އޮފް އިންޓަރެސްޓް" ނުވަތަ މައްސަލާގައި ހިމެނޭތޯ ތަހުގީގުކޮށް ބަލަންޖެހޭ މީހުން ކަމަށެވެ. ޚިޔާނާތުގެ ފައިސާ ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން އެނގޭނީ ތަހުގީގުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި ތިބީ ޕާސަންސް އޮފް އިންޓަރެސްޓް. ތަހުގީގު އަވަސްކޮށް، އޭގެތެރެއިން ތުހުމަތުކުރެވޭ އެންމެންނާ ދޭތެރޭ ފިޔަވަޅު އެޅުމަކީ ރައީސަށް މިވަގުތު އެންމެ މުހިންމު އެއް ކަންތައް،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަހުގީގަށް ފަހު ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އެ މައްސަލައެއްގައި ކޯޓުގައި ދައުވާކުރުމާ އެކު ސަރުކާރުން ފިޔަވަޅު އަޅާނެ އެވެ. އަދި ކޯޓު މަރުހަލާ ނިމެންދެން ފިޔަވަޅު ނާޅައި ސަރުކާރުން މަޑު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ލިސްޓުގައިވާ ނަންތަކުގެ ތެރެއިން ވަގުތުން ވަކިކުރެވޭ ފަދަ މަގާމުގައި ތިބި ކަމަށް ފެންނަނީ މަދު ބައެކެވެ. އެއީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންނެވެ. ލިސްޓު އާންމުކުރުމާ އެކު އޮޑިޓާ ޖެނަރަލް މަގާމުން އިސްތިއުފާ ދެއްވިޔަސް، އެހެން ބޭފުޅުން އަދިވެސް ތިއްބެވީ މަގާމުތަކުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ ތެރެއިން އެތައް ބަޔަކު ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް މިއީ އިންތިހާބީ މަގާމުތަކަށް ވާނީ އެ ބޭފުޅުން މަގާމުން ވަކިކުރެވޭކަށް ނެތެވެ. ދެން ހުރީ ކުރީގެ ބައެއް ފަނޑިޔާރުންގެ ނަންތަކާއި މިނިވަން މުއައްސަސާތަކުގެ ކުރީގެ ބައެއް މެންބަރުންނެވެ.

މި ލިސްޓުން އަދި އެތައް ބައެއްގެ ނަން އުނިވެދާނެ ކަމަށާއި މީގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ނިންމައިގެން ނުވާނެ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ތަހުގީގު ނުކޮށް އޮއްވައި، ލިސްޓު އާންމުކުރުމުން އޭގައި ހިމެނޭ އެންމެންނަކީ ޚިޔާނާތްތެރިން ކަމަށް ލޭބަލްވުމުން ރައްޔިތުންގެ މަޖިލީހަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.