Roadha Mihaaru
ކޮވިޑް މަރު: ވަސިއްޔަތް އަހައި ޝަހާދަތްލައިދޭ ނަރުހުން

ކޮވިޑްގެ ވޭން ހުރި މަރު: ވަސިއްޔަތް އަހައި ޝަހާދަތްލައިދެނީ ވެސް ނަރުހުން

20 މެއި 2021

އަންގާރަ ދުވަހުގެ އިރުއޮއްސުނު އިރު، ކޮވިޑް-19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު އުޅެނީ 104 ގަ އެވެ. އެކަމަކު އިއްޔެ އިރުއެރި އިރު، އިތުރު ދެ މީހަކު ބަލީގައި މަރުވެއްޖެ އެވެ. އިރުއޮއްސުނު އެ އަދަދު 111 އަށް އަރައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންގާރަ ދުވަހުގެ އިރުއޮއްސުނު އިރު، ކޮވިޑް-19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު އުޅެނީ 104 ގަ އެވެ. އެކަމަކު އިއްޔެ އިރުއެރި އިރު، އިތުރު ދެ މީހަކު ބަލީގައި މަރުވެއްޖެ އެވެ. އިރުއޮއްސުނު އެ އަދަދު 111 އަށް އަރައިފި އެވެ.

އަޑު އިވޭ މީހަކަށް މިހާރު މިއީ ނަމްބަރުތަކެއްގެ ގޮތުގައި ހީކުރެވުނު ނަމަވެސް، މިއީ ކޮންމެވެސް މީހެއްގެ ބައްޕަ ނުވަތަ މަންމަ އެވެ. ނުވަތަ އާއިލާގެ ކޮންމެވެސް މީހެކެވެ. އެކަމަކު އެންމެ ބޮޑު ހިތާމައަކީ، މަރުވާއިރު އެއިން މީހަކަށް ކައިރީގައި ނުހުރެވުމެވެ. ބަލި ހާލަތު ގޯސްވަމުން ދާއިރު ވެސް، އާއިލާގެ މީހެއްގެ މޫނު ނުފެނުމެވެ.

"މަރުވާއިރު ޝަހާދަތް ވެސް ލައިދެނީ ވެސް އަޅުގަނޑުމެން. އެކަނިމާ އެކަނި އެހެން އޮވެ މަރުވަނީ. އެއީ ވަރަށް ހިތްދަތި، އަސަރުކުރާ ވަގުތުކޮޅެއް،" އައިސީޔޫގައި މަސައްކަތް ކުރާ ނަރުހަކު، ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.

އޭނާ ބުނިގޮތުގައި އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބޭއިރު އާއިލާގެ މީހުންނަށް އެ މީހުން ގޮވައި ރޮއެ ހަދަ އެވެ. ވަސިއްޔަތް ކުރެ އެވެ. މި މަންޒަރު ފެންނަ ހަމައެކަނި ބަޔަކީ އައިސީޔޫގެ ނަރުހުންނެވެ. ވާހަކަ ދައްކަން ނުވަަތަ ދެކިލަން ބޭނުންވީމަ، ނަރުހުން ވީޑިއޯ ކޯލް ކޮށްދެނީ އެވެ. އެކަމަކު ގިނަ ފަހަރު އެ ކޯލް ވަނީ، ހިތްދަތި، އެތައް އަސަރުތަކެއް އެކުލެވޭ ކޯލަކަށެވެ.

މި މަންޒަރު ފެންނަ ނަރުހުންނަށް ރޮވެ ވެ. ކޮވިޑަށް ފަރުވާ ދޭ އައިސީޔޫގެ ނަރުހުންނަކީ މިހާރު ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރުވާ މަންޒަރު ފެންނަ މީހުންނެވެ. އެ މީހުން ބުނިގޮތުގައި އެއީ ހިތްދަތި، ބަލަން އުނދަގޫ މަންޒަރެކެވެ.

"ކިތައް މީހުން މިތަނުގައި މަރުވެއްޖެ؟ އެކަމަކު އަޅުގަނޑުމެން އެކަމަކަށް ނުހޭނޭ. ކޮންމެ މަރަކީ ވެސް އެހާ ހިތްދަތި، އުނދަގޫ މަރެއް،" އެ ނަރުސް ބުންޏެވެ.

ކިތައް މީހުން މިތަނުގައި މަރުވެއްޖެ؟ އެކަމަކު އަޅުގަނޑުމެން އެކަމަކަށް ނުހޭނޭ. ކޮންމެ މަރަކީ ވެސް އެހާ ހިތްދަތި، އުނދަގޫ މަރެއް.

އޭނާ ބުނިގޮތުގައި ކުރިން އައިސީޔޫގައި މީހަކު މަރުވުމުން، އެ މީހާ ފެންވަރުވައި، ރީތިކޮށް ފަސްތަނުން ބަނުމުގެ ފުރުސަތު ލިބުނު ނަމަވެސް، މިހާރު އެ މީހާ މަރުވުމާއެކު ލަނީ ބޮޑީ ބޭގަކަށެވެ. އާއިލާގެ މީހަކަށް މޫނު ދެކިލައި، ގައިގައި އަތްލުމުގެ ފުރުސަތެއް ނުލިބެ އެވެ. މިއީ އެއްވެސް ޑޮކްޓަރަކަށް، އަދި ނަރުހަކަށް ވެސް ކުރަން ފަސޭހަކަމެއް ނޫނެވެ.

"މިހާރު"އާ ވާހަކަ ދެއްކި ނަރުސް ބުނީ، އެ ފަދަ ކޮންމެ ވަގުތެއްގައި އަމިއްލަ އާއިލާގެ މަތިން ހަނދާންވެ އެވެ. އެއިން މީހަކު މަރުވެ، ބޮޑީބޭގަކަށް ލާނެ ހިތްވަރު ލިބޭނެތޯ އަމިއްލަ އަށް ސުވާލު ކުރެވެ އެވެ.

ކޮވިޑް ބަލި ޖެހިގެން އެންމެ ފުރަތަމަ މަރުވި މީހާއިން ފެށިގެން، މިއަދާ ހަމައަށް މަރުވި ކޮންމެ މީހެއްގެ މަތިން ވެސް އޭނާ ހަނދާންވެ އެވެ. މީހަކު މަރުވާ ދުވަހަކު، ގިނަ ނަރުހުންނަށް ނުނިދެ އެވެ.

އޭނާ ބުނިގޮތުގައި އައިސީޔޫ އަށް ގެންނަ ބަލި މީހުން އުޅެނީ ވަރަށް ހާލުގަ އެވެ. އެންމެ ރަނގަޅު ފަރުވާ ދެމުން ދިޔަ ނަމަވެސް، ބަލިން ފަސޭހަވުން ވަރަށް ލަހެވެ. ރީތިކޮށް އޮންނަ މީހާ، ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ހާލު ދަށްވެ، ފުރާނަ އަށް ނުރައްކާކުރެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން، ހުރިހާ ފެސިލިޓީތަކެއް މިހާރު ވަނީ ފުލްވެފަ އެވެ. ބަލިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު އެތައް ސަތޭކައަކަށް އަރާއިރު، އެ ހުރިހާ އެންމެންނަށް ހިދުމަތް ދޭން ތިބެނީ މަދު ނަރުހުންތަކެކެވެ. ބަލި މީހުން އިތުރުވާ ވަރަކަށް އިތުރު އެނދުތައް ބެހެއްޓި ނަމަވެސް، އެ އެންމެންނަށް ފަރުވާ ދޭން ތިބެނީ އެއް ބައެކެވެ.

މިހާރު އެ ނަރުހުން ކުރަނީ އެންމެ އާދޭހެކެވެ. ހާލަތު ގޯސްވީ ކޮން ބައެއްގެ ސަބަބުންތޯ ބަލައި، ކުށް ދެއްކުމުގެ ބަދަލުގައި، ބަލި ކޮންޓްރޯލްކުރަން އެ މީހަކަށް ކުރެވުނު ކަމެއް ކުރުމަށެވެ. ވެކްސިން ޖެހުމަށެވެ. ބަލިން ރައްކާތެރިވުމަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ. އެހެން ނޫނީ، ދެން ފެންނާނީ މިހާރަށް ވުރެ ގިނައިން، އެއްފަހަރާ ބަޔަކު މަރުވަމުންދާ މަންޒަރުކަމަށް ވުން އެކަށީގެންވެ އެވެ.