Roadha Mihaaru
އެންމެ އުތުރުގައި އޮންނަ ރީތި ފަޅުރަށް ދެބުރިވެއްޖެ

އެންމެ އުތުރުގައި އޮންނަ ރީތި ފަޅުރަށް ދެބުރިވެއްޖެ

21 މެއި 2021

ހއ. ހޯރަފުށި އޮންނަ ބޮޑު ފަޅުގެ އެއްކޮޅުގައި ރާއްޖޭގެ އެންމެ އުތުރުން އޮންނަ ރީތި ފަޅުރަށެއް ކަމަށްވާ ހއ. އިންނަފިނޮޅު، ރާއްޖެއަށް އެންމެ ފަހުން ކުރި ވިއްސާރައިގައި ދެ ބުރިވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހއ. ހޯރަފުށި އޮންނަ ބޮޑު ފަޅުގެ އެއްކޮޅުގައި ރާއްޖޭގެ އެންމެ އުތުރުން އޮންނަ ރީތި ފަޅުރަށެއް ކަމަށްވާ ހއ. އިންނަފިނޮޅު، ރާއްޖެއަށް އެންމެ ފަހުން ކުރި ވިއްސާރައިގައި ދެ ބުރިވެއްޖެ އެވެ.

މި ފަހުން ރާއްޖެ އަށް ކުރި އެންމެ ގަދަ ވިއްސާރަ މީގެ ފަސް ދުވަސް ކުރިން މައިތިރިވި އިރު އޮތީ ހީނުކުރާވަރުގެ ގެއްލުންތަކެއް ވެފަ އެވެ. އޭގެ ތެރޭގައި އުތުރުގެ ގިނަ ރަށްތަކަށް އުދަ އަރައި، ހޯރަފުށީ އެއާޕޯޓު ވެސް އޮތީ އަލުން މަރާމާތު ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރު ވެފަ އެވެ.

އެކަމަކު ގިނަ ބަޔަކު ހައިރާންވީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ފަޅުރަށް ދެބުރިވެފައި އޮތުމުންނެވެ. މިއީ ވަރަށް ރީތި ގޮނޑުދޮށަކާއި މޫދެއް އޮންނަ، ހއ. އަތޮޅުގެ އެކި ރަށްރަށުން މީހުން ދަތުރުދާން މަޝްހޫރު ރަށެކެވެ.

ހއ. ކައުންސިލުން ބުނީ ރަށް ދެބުރިވެ، ދުރުމިނުގައި ސާޅީހަކަށް ފޫޓު ހުންނާނެ ކަމަށެވެ. އަދި އެ ދެމެދުގައި ހައެއްކަ ފޫޓު ފުންމިން ހުންނާނެ ކަމަށް އަންދާޒާ ކުރެ އެވެ.

"ގައިމު ވެސް މީހުންގެ އިސްކޮޅެއް ނުހުންނާނެ. ގަދައަށް އޮއެ ދެމޭ އެ ދޭތެރެއިން،" ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މިހާރު ހީވަނީ ހަމަ ދެ ރަށްހެން."

އޭނާ ވިދާޅުވީ، އެއީ ކުުރިން ވެސް ވަރަށް ބޮޑަށް ގިރަމުން ދިޔަ ސަރަހައްދެއް ކަމަށެވެ. އެހެންވެ، ވިއްސާރަގަނޑުގައި އުދަ އަރައި، ރަށް އެއްކޮށް ދެބައިވީ ކަމަށް ވިދާޅުވި އެވެ.

މި ރަށަކީ ތިމާވެށީގެ ގާނޫނުގެ ދަށުން ސަރުކާރުން ހިމާޔަތްކޮށްފައިވާ ރަށެކެވެ. ހޯރަފުއްޓާ އެއް ފަޅުތެރޭގައި ނުވަ ފަޅުރަށް އޮންނައިރު، އިންނަފިނޮޅު އެންމެ ކައިރި ވާނީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ތުރާކުނާ އެވެ. ހޯރަފުއްޓާ އިންނަފިނޮޅާ ދެމެދު އަށެއްކަ މޭލު ދުރުމިން ހުރެ އެވެ.

ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ތުރާކުނުގެ އެންމެ އުތުރުގައި ރާއްޖޭގެ އުތުރު ފާހަގަކުރަން ޖަހާފައި ހުންނަ ބައްތި ވެސް މިފަހަރުގެ ވިއްސާރާގައި ވަނީ ރަށް ގިރާލުމުގެ ސަބަބުން ތުރާކުނާ ވަކިވެފަ އެވެ.

އިންނަފިނޮޅު ފަރަށް އަރާފައި އޮންނަތާ 100 އަހަރުވީ ބޯޓެއްގެ ބައިތައް އަދިވެސް ފެންނަން އެބަ ހުއްޓެވެ. އެއީ ވެސް އިންނަފިނޮޅަށް ސަމާލުކަން ލިބޭ ސަބަބެކެވެ.

ގަދަ ވިއްސާރައިގައި މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްތައް ދެބުރި ވެފައިވެ އެވެ. އަދި ހޯރަފުއްޓާ އެއް ފަޅެއްގައި އެންމެ ކަރިއަށް އޮންނަ ވެލިފިނޮޅު މީގެ ކުރިން ވަނީ ދެ ރަށް ދޭތެރެއަށް ވެލި އަރައި ގުޅިފަ އެވެ.