Roadha Mihaaru
ކޮޕާ އެމެރިކާ ކޮލަމްބިއާގައި ބޭއްވޭ ގޮތެއްނުވި

ކޮޕާ އެމެރިކާ ހޯސްޓްކުރުމުގެ ފުރުސަތު ކޮލަމްބިއާ އަށް ގެއްލިއްޖެ

21 މެއި 2021

ބޮގޮޓާ، ކޮލަމްބިއާ (21 މެއި) - އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ކޮލަމްބިއާ އަށް ގެއްލިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބޮގޮޓާ، ކޮލަމްބިއާ (21 މެއި) - އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ކޮލަމްބިއާ އަށް ގެއްލިއްޖެ އެވެ.

އަންނަ މަހު 13 އިން، ޖުލައި 10 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކުރިން ކުޅެން ހަމަޖެހިފައި އޮތީ ކޮލަމްބިއާ އާއި އާޖެންޓީނާގަ އެވެ. މިއީ ކޮޕާ އެމެރިކާ މުބާރާތް އެއް ފަހަރާ ދެ ގައުމެއްގައި ބާއްވަން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އެހެން ނަމަވެސް، ކޮލަމްބިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސިޓީ ތަކުގައި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާ މުޒާހަރާ ތަކުގެ ސަބަބުން މުބާރާތް ކޮލަމްބިއާގައި ބޭއްވޭ ގޮތެއްނުވި އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ކޮޕާ އެމެރިކާ ބާއްވައިގެން ރައްޔިތުންނަށް ހެލްތު އިންޝިއުރެންސް ނުލިބޭ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ.

ކޮލަމްބިއާގެ އެފްއޭ އިން، ވަނީ ނޮވެމްބަރަށް މުބާރާތް ފަސް ކޮށްދިނުމަށް ވެސް އެދިފަ އެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ، "ކޮންމެބޮލް" އިން ނިންމީ މުބާރާތް ދެ ވަނަ ފަހަރަށް ފަސް ނުކޮށް މިހާރު ކަނޑައެޅިފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަށެވެ. މިދިޔަ އަހަރު ބާއްވަން އޮތް މުބާރާތް، ކޮވިޑް-19 އާ ގުޅިގެން މިއަހަރަށް ފަސް ކުރީ އެވެ.

ކޮޕާ އެމެރިކާ މުބާރާތް އާޖެންޓީނާގައި އެކަނި ކުރިއަށް ގެންދިއުމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ. ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާއިން ބުނީ ކޮލަމްބިއާގައި ކުޅެން ހަމަޖެއްސި މެޗުތައް ކުޅޭނެ ދަނޑުތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ކޮލަމްބިއާގެ ބަދަލުގައި ޗިލީ ނުވަތަ ޕެރަގްއޭއަށް ފުރުސަތު ދިނުންވެސް ކައިރި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. -- އޭއެފްޕީ