Roadha Mihaaru
ކޮލަމްބިއާ ޓީމުގައި ހަމޭސްގެ ވިދުން އަދިވެސް ގަދަ

ކްލަބް ކެރިއާ ފުނޑުނަސް ކޮލަމްބިއާ ޓީމުގައި ހަމޭސްގެ ވިދުން އަދިވެސް ގަދަ

25 ޖޫން 2024

ޓެކްސަސް (ޖޫން 25) – ކޮޕާ އެމެރިކާގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު، ކޮލަމްބިއާ އަށް ކާމިޔާބުކޮށް ދޭން އެހީތެރިވެދީ ހަމޭސް ރޮޑްރިގޭޒް ފެންވަރު ދައްކާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓެކްސަސް (ޖޫން 25) – ކޮޕާ އެމެރިކާގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗު، ކޮލަމްބިއާ އަށް ކާމިޔާބުކޮށް ދޭން އެހީތެރިވެދީ ހަމޭސް ރޮޑްރިގޭޒް ފެންވަރު ދައްކާލައިފި އެވެ.

ބޮޑެތި ކްލަބްތަކަށް ކުޅުނަސް، ހަމޭސް ފާހަގަ ކުރެވިފައި ވަނީ އެ ކްލަބްތަކުގައި ދެމެހެއްޓެނިވި ކުޅުންތެރިޔެއްގެ ގޮތުގައެއް ނޫނެވެ. އެއް ކްލަބެއްގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ވެސް އޭނާ ނުކުޅެ އެވެ.

އެކަމަކު ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި ވެސް އޭނާ ދައްކައިދިނީ ފެންވަރުގެ ގޮތުން އޭނާގެ ވިދުން ފަނޑު ނުވާ ކަމެވެ.

މެޗުގައި ކޮލަމްބިއާއިން ޖެހި ދެ ލަނޑު ވެސް ޖެހީ ހަމޭސް، 32، ގެ ހިއްސާއާ އެކު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ލީޑް ނަގައި ނަތީޖާ ފުޅާ ވެސް ކުރި އެވެ. ފުރަތަމަ ލަނޑު 32 ވަނަ މިނެޓްގައި ހަމޭސް ދިން ޕާހުން ކާމިޔާބު ކުރީ ޑެނިއަލް މުނޯޒެވެ. އޭގެ ދިހަ މިނެޓް ފަހުން ޖެފާސަން ލާމާ ލަނޑު ޖަހަން ވެސް މެދުވެރިޔަކަށް ވީ ހަމޭސް އެވެ.

ރެއާލް މެޑްރިޑާއި ބެޔާން މިޔުނިކްގެ ކުރީގެ ޕެލޭމޭކަރު، މިހާރު ކުޅެމުން ދަނީ ބްރެޒިލްގެ ސައޮޕޯލޯ އަށެވެ.

ދެވަނަ ހާފުގައި ޕެރަގުއޭގެ ލަނޑު ޖެހީ ބްރައިޓަންގެ ފޯވާޑް ހޫލިއޯ އެންސީސޯ އެވެ. އޭނާ ލަނޑު ޖެހީ ރާމަން ސޯސާ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

އުތުރާއި ދެކުނު އެމެރިކާގެ ދެ ބައްރު އެއްކޮށްލައިގެން ކުރިއަށްދާ މިފަހަރުގެ ކޮޕާ އެމެރިކާ ކުރިއަށް ދަނީ އެމެރިކާގަ އެވެ. ގުރޫޕް ޑީ ގައި ދެން ހިމެނެނީ ވަރުގަދަ ބްރެޒިލާއި ކޮސްޓަރިކާ އެވެ.