Roadha Mihaaru
ވިކީގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން ސެޕްޓެމްބަރުގައި

ވިކީގެ ސުޕަހީރޯ ފިލްމުގެ ޝޫޓިން ސެޕްޓެމްބަރުގައި

23 މެއި 2021

ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ގެ ޝޫޓިން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، ކުރިން ރޭވި ގޮތާ ހިލާފަށް މިހާރު ޝެޑިއުލަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ކުރިން ނިންމާފައި އޮތި އަދިތިޔާ ދާރް ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިންގެ ބޮޑު ބައި ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާށެވެ. އެކަމަކު ކޮވިޑް-19 ގެ ހާލަތު ގައުމުތަކުގައި އަދިވެސް އޮތް ގޮތުން މާ ގިނަ ތަންތަނުގައި ޝޫޓްކުރެވެން ނެތުމުން މިހާރު "ދި އިމޯޓަލް އަޝްވަތައްމާ" ޝޫޓްކުރާނީ އިންޑިއާ އާއި އެމެރިކާގެ އިތުރުން އައިސްލޭންޑްގަ އެވެ.

މި ފިލްމަކީ ވިކީއާ އެކު 2019 ގައި އަދިތިޔާ ގެނެސްދިން "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑޮއުސްކުރާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ދި އިމޯޓަލް އަޝްވަތައްމާ" އަކީ ބޮލީވުޑްގައި ހަދާ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭނެ ފިލްމެކެވެ. އެގޮތުން މި ފިލްމަކީ ވަރަށް ގިނަ އަދަދެއްގެ ވީއެފްއެކްސް ހިމެނޭނެ ފިލްމަކަށްވާތީ، އެ މަސައްކަތް ކުރަން ނިންމާފައި ވަނީ އިންޓަނޭޝަނަލް ވަރުގަދަ ޓީމަކާ ހަވާލުކޮށްގެންނެވެ.

އަދިތިޔާ ބުނެފައިވާ ގޮތުގައި މި ފިލްމުން މިހާތަނަށް އިންޑިއާގެ ފިލްމަކުން ފެންނާނެ އެންމެ މޮޅު އަދި ފުރިހަމަ ވީއެފްއެކްސް ފެނިގެންދާނެ އެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ "ދި އިމޯޓަލް އަޝްވަތައްމާ" ގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ. ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިދިޔަ އަހަރު ދައްކާލާފައިވެ އެވެ.

ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައިވާ ޑައިރެކްޓަރު ޝޫޖިތު ސިރްކާގެ "ސަރުދާރު އުދަމްސިންގް" އާއި ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި ޝިޝާންކް ކައިތާންގެ "މިސްޓަ ލޭލޭ" ގެ އިތުރުން މެގްނާ ގުލްޒާރުގެ "ސޭމް ބަހާދޫރު" ހިމެނެ އެވެ.

ސާރާގެ ކުރިއަށް އޮތް ފިލްމަކީ "އަތުރަންގީ ރޭ" އެވެ.