Roadha Mihaaru
އަގްސާ: މުސްލިމުންނަށް މަނާ، ޔަހޫދީންނަށް ހުއްދަ

އަގްސާ: މުސްލިމުންނަށް މަނާ، ޔަހޫދީންނަށް ހުއްދަ

23 މެއި 2021

މިއަދުގެ ފަތިސް ނަމާދު ވަގުތުން ފެށިގެން، އިޒްރޭލު ސިފައިން، މަސްޖިދުލް އަގްސާގެ ވަށައިގެން އޮންނަ ސަރަހައްދު ބަންދުކޮށް، މުސްލިމުން އެ ސަރަހައްދަށް ވަނުން މަނާކޮށްފި އެވެ.

މިއަދުގެ ފަތިސް ނަމާދު ވަގުތުން ފެށިގެން، އިޒްރޭލު ސިފައިން، މަސްޖިދުލް އަގްސާގެ ވަށައިގެން އޮންނަ ސަރަހައްދު ބަންދުކޮށް، މުސްލިމުން އެ ސަރަހައްދަށް ވަނުން މަނާކޮށްފި އެވެ.

މުސްލިމުން އަގްސާ މިސްކިތަށް ވަނުން މަނާކޮށް، އަގްސާ މިސްކިތުގެ ދޮރޯށީގައި ފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މީހާ ވެސް، ހައްޔަރުކުރި އެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން އަގްސާ މިސްކިތުގެ ދޮރޯށިތަކަށް ވެރިވެ، ގިނަ އަދަދެއްގެ ސިފައިން، މިސްކިތުގެ ހަރިންމަ ތެރޭގައި ވެސް ރުކުރުވައިލި އެވެ.

އޭގެ ފަހުން، މިއަދުގެ އިރު އަރައިގެން މާ ގިނަ އިރުތަކެއް ނުވަނީސް ފެނުނީ، އިރުމަތީ ގުދުސްގައި އިޒްރޭލުން ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޔަހޫދީން އައިސް އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަދެގެން ދިޔަ މަންޒަރެވެ. އެމީހުން އަގްސާ މިސްކިތަށް ވަންނަމުން ދިޔަ އިރު، މުސްލިމުންގެ ފަރާތުން ގޯނާއެއް ކުރިމަތިވެދާނެ ކަމަށްޓަކައި، އިޒްރޭލު ސިފައިން ދިޔައީ ޔަހޫދީންނަށް ފުރިހަމަ ހިމާޔަތް ދެމުންނެވެ.

ފަތިސް ނަމާދަށް ދިޔަ މުސްލިމުން މިސްކިތަށް ވަނަ ނުދީ ފޮނުވައިލުމުގެ އިތުރުން، އެ މިސްކިތުގައި އޮންނަ ދީނީ ކްލާސްތަކުގައި ބައިވެރިވާން ދިޔަ ފަލަސްތީނުގެ ދަރިވަރުން ވެސް މިސްކިތަށް ވަނަނުދީ ފޮނުވައިލީ އެވެ.

ޔަހޫދީ ވަޒަންވެރިން އަގްސާ މިސްކިތަށް މި ވަދެގަތީ، ހުސްވި ރޯދަ މަހުގެ 27 ވިލޭރޭ އަގްސާ މިސްކިތުގައި ހިނގި ހަމަނުޖެހުންތަކާ ވިދިގެން، އެ މިސްކިތް ހުންނަ ސަރަހައްދަށް ޔަހޫދީން ވަނުން މަނާކޮށްފައި އޮންނަތާ ދެ ހަފުތާ ފަހުންނެވެ. އެރޭ އަގްސާ މިސްކިތް ދޮށުގައި ހިނގި ހަމަނުޖެހުންތަކުގައި، ގިނަ އަދަދެއްގެ ފަލަސްތީނުގެ މީހުން ހައްޔަރުކޮށް، ޖެހިގެން އައި ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، 11 ދުވަސް ވަންދެން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ.

އެ ހަމަލާތަކުގައި ފަލަސްތީނުގެ 279 މީހުން ޝަހީދުވެ 8900 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.