Roadha Mihaaru
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނާނީ ކިހިނެއް؟

އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނާނީ ކިހިނެއް؟

22 އޮކްޓޯބަރ 2023

ގާޒާ (އޮކްޓޯބަރު 22) - އަގްސާ ތޫފާންގެ ނަމުގައި މި މަހުގެ 7 ވަނަ ދުވަހު، ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމައަކީ، އޮކްޓޫބަރު 1973 ގައި އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމަ އަށް ފަހު، މިހާތަނަށް އިޒްރޭލަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. ގާޒާގެ ވަށައިގެން އިޒްރޭލުން ހަދާފައިވާ ކަށިނަރުގެ ފާރު ފޫއަޅުވައިލުމަށް ފަހު، އެ ދުވަހުގެ މާއިރާ، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ވަދެގަތުމަކީ އިޒްރޭލަށް ވެސް ގަބޫލުކުރެވުނު ކަމެއް ނޫނެވެ.

ގާޒާ (އޮކްޓޯބަރު 22) - އަގްސާ ތޫފާންގެ ނަމުގައި މި މަހުގެ 7 ވަނަ ދުވަހު، ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފެށި ހަނގުރާމައަކީ، އޮކްޓޫބަރު 1973 ގައި އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމަ އަށް ފަހު، މިހާތަނަށް އިޒްރޭލަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. ގާޒާގެ ވަށައިގެން އިޒްރޭލުން ހަދާފައިވާ ކަށިނަރުގެ ފާރު ފޫއަޅުވައިލުމަށް ފަހު، އެ ދުވަހުގެ މާއިރާ، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ވަދެގަތުމަކީ އިޒްރޭލަށް ވެސް ގަބޫލުކުރެވުނު ކަމެއް ނޫނެވެ.

ނަމަވެސް އެންމެ ގަޑިއެއްހާއިރުގެ ތެރޭގައި، ގާޒާގެ ތެރެއިން އިޒްރޭލުގެ އެކި ސަހަރުތަކަށް 3000 އަށް ވުރެ ގިނަ ރޮކެޓް ފޮނުވައިލި އެވެ. ގާޒާގެ ރަށްބޭރުގައި އޮތް ޔަހޫދީ އާބާދީތަކަށް (އަވަށްތަކަށް) އަރައިގަނެ، ޔަހޫދީންގެ އެތައް ސަތޭކަ ބަޔަކު މަރާލައި އެތައް ބަޔަކު އަސީރުކޮށްގެން ގާޒާ އަށް ގެންދިޔަ އެވެ.

ހަމާސްގެ މި ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "ސްވޯޑްސް އޮފް އަޔަން" (އެކަތައިގެ ކަނޑިތައް)ގެ ނަމުގައި ވަރުގަދަ ހަނގުރާމައެއް ފަށައިފަ އެވެ. މި ހަނގުރާމައިގެ ފުރަތަމަ މަރުހަލާގައި ހިމެނޭ، ވައިގެ މަގުން ދޭ ހަމަލާތަކަށް މިހާރު 16 ދުވަސް ފުރުނީ އެވެ.

ވައިގެ މަގުން ދިން ހަމަލާތަކުގައި ގާޒާގެ 4400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ. 14000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. އަދި 14200 އަށް ވުރެ ގިނަ ގެދޮރު ސުންނާފަތިކޮށްލައި، މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރުން ބޭރުކޮށްލައި އެތަންމިތަނަށް ވިއްސިވިހާލިކޮށްލައިފި އެވެ.

ދެން ބާކީ އޮތީ އެއްގަމު ހަނގުރާމަ އެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން އިޒްރޭލުން ވަނީ ރިޒާވް ލަޝްކަރުގެ 360000 ސިފައިން ޚިދުމަތަށް ނެރެފަ އެވެ. ބަރު ހަތިޔާރާ އެކު އެއްގަމު ސިފައިންގެ ބިޔަ ލަޝްކަރެއް މިހާރު އޮތީ ގާޒާގެ ރަށްބޭރުގައި ރުކުރުވާލައިފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޓޭންކުތަކާއި ބޮޑުބަޑި އާއި މީހުން އުފުލާ އުޅަނދުތައް ހިމެނެ އެވެ.

ނަމަވެސް، ހަނގުރާމަ ފެށިތާ ދެ ހަފުތާ ވެގެން ދިޔައިރު، އަދި ގާޒާގެ ރަށްބޭރަށް ބިޔަ ލަޝްކަރެއް ޖަމާކުރިތާ ވެސް 10 ވަރަކަށް ދުވަސް ވެގެން ދިޔައިރު ވެސް، އިޒްރޭލު ސިފައިން އެއްގަމު މަގުން ގާޒާ އަށް އަރައިނުގަނެ އެ ތިބެނީ ކީއްވެ ހެއްޔެވެ؟

އެކަމުގެ ފަހަތުގައި އޮތީ ހަމަ އެންމެ ސަބަބެކެވެ. އެއީ ހަމާސްގެ އަސްކަރީ ގާބިލުކަން ހުރި މިންވަރު، އިޒްރޭލަށް އަންދާޒާ ވެސް ނުކުރެވުމެވެ. އެއްގަމު ހަނގުރާމައަކަށް ގާޒާގެ ތެރެއަށް ވަދެގަތުމަށް ފަހު، ފަލަސްތީނުގެ މުޖާހިދުންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތައް ވަޒަން ނުކުރެވޭތީ އެވެ.

އިޒްރޭލުގެ އެއްގަމު ލަޝްކަރު މިހާރު އޮތީ ގާޒާ އަށް އަރައިގަނެ، އެ ބިމުން ހަމާސް ނައްތައިލުމުގެ ހަނގުރާމަ ފަށަން ތައްޔާރުވެފަ އެވެ. ހަމާސް އާއި ފަލަސްތީނުގެ މުޖާހިދުން ތައްޔާރުވެ ތިބީ، އެމީހުންގެ މާދަރީ ވަޒަން ދިފާއުކޮށް އިސްތިއުމާރީ ސިފައިންނަށް ފިސާރި ކުޅި ދައްކައިލުމަށެވެ.

ހަނގުރާމައިގެ ދެ ފަރާތުގައި ވެސް އޮތީ ތަޖުރިބާ ހުރި، އެއް ބަޔަކަށް އަނެއް ބައެއްގެ ގޮތް ރަނގަޅަށް އެނގޭ ދެ ލަޝްކަރެވެ. ނަމަވެސް ނޭނގެނީ، ދެ މިފަހަރުގެ ހަނގުރާމައިގައި ދެ ލަޝްކަރު އެއް ބަޔަކު އަނެއް ބަޔަކާ ކުރިމަތިލައި ބައްދަލު ކުރާނެ ގޮތެވެ.

ދެ ފަރާތުގެ ކޮމާންޑަރުން ވެސް ތިބީ، ދުޝްމަނުންގެ ބަލިފައިތައް ރަނގަޅަށް ބަލައި، އެންމެ މުނާސަބު ވަގުތުގައި އެ ފައި ބިންދާލުމަށެވެ. ދެ ލަޝްކަރުގައި ވެސް ދުޝްމަނުންގެ ސިއްރު މައުލޫމާތު އެއްކުރުމުގެ ވަސީލަތްތައް އެބަހުއްޓެވެ. ނަމަވެސް އަދަދާއި ވަސީލަތުގެ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން ވެސް ދެ ލަޝްކަރުގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ.

ޔަހޫދީ ލަޝްކަރުގެ ބާރަކީ، ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެން ތިބި، އަސްކަރީ ފުރިހަމަ ތަމްރީން ލިބިފައިވާ ގިނަ އަދަދެއްގެ ސިފައިން ތިބުމެވެ. ފުރިހަމަ ހަތިޔާރާއެކު ޚިދުމަތަށް ނުކުމެ ތިބި 500000 ސިފައިން މިހާރު ވެސް އިޒްރޭލުގެ ހުރިހާ ސަރަހައްދެއްގަ އާއި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.

ގާޒާގައި ތިބި ފަލަސްތީނު ރައްޔިތުންގެ ތެރެއިން އިޒްރޭލާ ދެކޮޅަށް ނުކުތުމަށް، ތަމްރީން ހަދައިގެން ތައްޔާރީ ހާލަތުގައި ތިބި މުޖާހިދުންގެ އަދަދަކީ ގާތްގަނޑަކަށް 10000 ފަހުލަވާނުންނެވެ. ނަމަވެސް އެމީހުންގެ އަތުގައި ހުރީ، އެމީހުންނަށް ކަނޑައެޅޭ ވަކި ޒިންމާތަކެއް އަދާކުރެވޭ ވަރުގެ ހަތިޔާރެވެ.

ފުރިހަމަ އަސްކަރީ ތަމްރީން ލިބިފައި ނެތަސް، ހަނގުރާމައަށް ނުކުންނަން ތިބި މުޖާހިދުންގެ އަދަދު 100000 އަށް ވުރެ ގިނަ އެވެ. އެމީހުންގެ ބާރަކީ، އިޒްރޭލުގެ އަޅުވެތިކަމުން ގައުމު މިނިވަންކުރުމަށް ހިތުގައި ކަނޑައަޅާފައިވާ ވަރުގަދަ އަޒުމާއި، މިނިވަންކަމުގެ ރޫހެވެ.

އޭގެ ބަދަލުގައި އިޒްރޭލު ސިފައިން ބަރޯސާވަނީ އެމީހުންގެ އަދަދުގެ ގިނަ ކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަށެވެ. ޔަހޫދީންނަކީ އެހެން ހުރިހާ އަގީދާތަކެއްގެ މީހުންނަށް ވުރެ ވެސް ބޮޑަށް، މަރަށް ބިރުގަންނަ ފިނޑި ބަޔަކަށް ވުމުން، ހުޅަނގުގެ ޒަމާނީ ހަތިޔާރުތަކާ އެކުގައި ނޫނީ، ފަލަސްތީނުގެ މުޖާހިދުންނާ ކުރިމަތިލުމުގެ ހިތްވަރެއް އެމީހުންގެ ކިބައިގައި ނެތެވެ.

އޭގެ އިތުރުން ގާޒާގެ ބިމަކީ ގާޒާގެ ރައްޔިތުންގެ އަމިއްލަ ބިން ކަމަށްވުމުން، "ރަށު މީދާ ރަށަށް ގަދަވާނެ" ކަން އިޒްރޭލު ސިފައިން ވެސް ގަބޫލުކުރެ އެވެ. ގާޒާގެ ކޮންމެ މަގެއް ކޮންމެ ގޯޅިއެއް، އަދި ކޮންމެ ކައިވަތެއް، ގާޒާގެ ރައްޔިތުން ހިތުދަހެވެ. އެއާ ޚިލާފަށް ގާޒާ އަށް ވަންނަ އިޒްރޭލު ސިފައިންގެ ކޮންމެ މީހަކީ، އެ ބިމުގައި ބީރައްޓެއްސެކެވެ.

އެ ހުރިހާ ކަމެއްގެ އިތުރުން އިޒްރޭލު ސިފައިންނަށް އޮތް އެންމެ ބޮޑު ބިރަކީ ގާޒާގެ ތެރޭގައި، މުޖާހިދުން ހަދާފައިވާ ބިންގަރާސްތަކާއި ބިންގަރާސް މަގުތަކެވެ. އިޒްރޭލުން ވައިގެ މަގުން ގާޒާ އަށް މިހާރު ދެމުންދާ ބާރު ގަދަ ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ވެސް، ހަމާސް ޖަމާއަތުގެ އަސްކަރީ އިންފްރާސްޓްރަކްޗާ ފުނޑައިލުމެވެ.

ގާޒާ އަށް އަރައިގަންނާނެ ގޮތާއި އަރައިގަންނާނެ ވަގުތު، އިޒްރޭލުގެ އަސްކަރީ އަދި މަދަނީ ކޮމާންޑަރުންގެ މެދުގައި މަޝްވަރާކޮށް، މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެކަން އާންމުނުކުރި ނަމަވެސް، އެއްގަމު ހަނގުރާމަ ކުރިއަށް ދާނެ ގޮތުގެ ލަފާކުރުންތަކެއް އެބަހުއްޓެވެ.

ބެލެވޭ ގޮތުގައި އިޒްރޭލުން އެއްގަމު ހަނގުރާމަ ފަށާނީ، ވައިގެ މަގުންނާއި ކަނޑުމަގުން ގާޒާ އަށް ދޭ ވަރުގަދަ ހަމަލާތަކަކުންނެވެ. ހަނގުރާމައިގެ ފެށުން ކުރިއަށް ދާނީ، މަދުވެގެން ރޭގަނޑުގެ ހަ ގަޑިއިރު ލިބޭ ގޮތަށެވެ. އޭގެ މާނައަކީ ހަނގުރާމަ ފަށާނީ މެންދަމު ނުވަތަ މެންދަން ވާން ކައިރިކޮށްފަ އެވެ.

ގާޒާގެ ރަށްބޭރަށް ޖަމާކުރި ލަޝްކަރުގެ ކޮންމެ ސިފައިންގެ މީހަކަށް، އަނދިރީގައި ބޭނުންކުރާ ގޮގްލްއެއް ވަނީ ދީފަ އެވެ. އަދި އެމީހުންނަކީ އަނދިރީގައި ގޮގްލް ބޭނުންކޮށްގެން ހަނގުރާމަ ކުރުމަށް ތަމްރީން ހަދާފައި ތިބި ސިފައިންނެވެ. ދަންވަރު ކުރިއަށް ދާ ހަމަލާތަކުގައި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އަސްކަރީ ހެލިކޮޕްޓަރުތަކާއި ޑްރޯންތައް ބޭނުންކުރާނެ އެވެ. ގާޒާ މިހާރު އޮތީ ކަނުއަނދިރީގައި ކަމަށްވާތީ، އެ އުޅަނދުތަކުން ހަމަލާތައް ދެމުންދާނީ އަނދިރީގައި ބަލަން ޚާއްސަ އާލާތްތަކުގެ އެހީގަ އެވެ.

ފަލަސްތީނުގެ މުޖާހިދުންގެ އަތުގައި ވެސް ކަނު އަނދިރީގައި ތަންތަން ބަލަން ބޭނުންކުރާ އާލާތްތައް ހުއްޓަސް، އެއީ އަނދިރީގައި ދަތުރުކުރާ ދުޝްމަނުންގެ ވައިގެ އުޅަނދުތަކަށް ހަމަލާދިނުމަށް އެކަށޭނަ އާލާތްތަކެއް ނޫނެވެ. ނަމަވެސް، ވަރަށް ތިރިން ދަތުރުކުރާ ހެލިކޮޕްޓަރެއް ފަދަ އެއްޗަކަށް ހަމަލާއެއް އެރުމަކީ ދުރުކަމެއް ނޫނެވެ.

ގާޒާ އަކީ ހަނި ދިގުކޮށް އޮންނަ ސަރަހައްދެއް ކަމުން، ގާޒާގެ ވައިގެ ސަރަހައްދަށް ނުވަދެ ވެސް ވައިގެ މަގުން ގާޒާ އަށް ހަމަލާ ދެވިދާނެ އެވެ. ގާޒާގެ އިރުމަތީ ފަރާތުން އިޒްރޭލުގެ ވައިގެ ސަރަހައްދު ތެރޭގައި އޮވެގެން، ނުވަތަ ގާޒާގެ ހުޅަނގުން މެޑިޓެރޭނިއަން ކަނޑުގެ ވައިގެ ސަރަހައްދުގައި އޮވެގެން ވެސް، އިޒްރޭލުގެ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތަކުން ގާޒާގެ ތެރެއަށް، ލޭޒާ ގައިޑެޑް މިސައިލް ފަދަ ހަތިޔާރުތަކުން ހަމަލާ ދިނުމަކީ އުނދަގޫ ކަމެއް ނޫނެވެ.

އިޒްރޭލުގެ އެއްގަމު ލަޝްކަރު ގާޒާ އަށް ވަދެގަތުމުގެ ދެތިން މިނެޓްކޮޅެއް ކުރިން، އިޒްރޭލުގެ އަސްކަރިއްޔާގެ ފަންނީ މަތިންދާބޯޓުތައް ގާޒާގެ ވަށައިގެންވާ ސަރަހައްދުގައި ބުރުޖަހަން ފަށާނެ އެވެ. އެ ބޯޓުތަކުން ދޫކުރާ ރޭޑިއޯ ފްރިކުއެންސީތަކުގެ ޒަރީއާއިން، ގާޒާގެ އެތެރޭގެ މުވާސަލާތީ ގުޅުންތަކަށް ބުރޫއަރުވައިލާނެ އެވެ. އަދި ހަމާސްގެ ހަނގުރާމަވެރިންގެ ވައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ އިލެކްޓްރޯނިކް އާލާތްތަކުގެ ބާރު ކަނޑުވައިލާނެ އެވެ.

އޭގެ އިތުރުން ގާޒާގެ ތެރޭގައި ބޭނުންކުރާ މޮބައިލް ފޯނުގެ ނެޓްވޯކްތަކުގެ މަސައްކަތް ހުއްޓިގެންދާނެ އެވެ. އެއާއެކު، ހަމާސް އިން ގާޒާގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ މުވާސަލާތީ ޓަވަރުތަކަށް ބޮން އަޅައި ހަލާކުކޮށްލާނެ އެވެ. އަދި ގާޒާގެ ތެރޭގައި ބޭނުންކުރާ، ލޭންޑް ލައިން ފޯނުތައް ފަދަ މުވާސަލާތީ ހުރިހާ ވަސީލަތެއްގެ ޚިދުމަތަށް ބުރޫ އަރުވައިލާނެ އެވެ.

އޭގެ ނަތީޖާއަކަށް ވާނީ، އިޒްރޭލުގެ އެއްގަމު ސިފައިން އަރައިގަންނަ ވަގުތު، ހަމާސްގެ ކޮމާންޑަރުންނާއި ހަނގުރާމަވެރިންނާ ދެމެދު ގުޅުން ކެނޑިގެން ދިއުމެވެ. މިހެންވުމުން، ގާޒާގެ ތެރެއަށް ވަދެގަނެގެން އަންނަ، އިޒްރޭލުގެ ސިފައިންނާ ކުރިމަތިލުމުގެ ރޭވުން ތަންފީޒު ކުރާނެ ގޮތަކާ މެދު ހަނގުރާމަވެރިންގެ މެދުގައި އޮޅުންބޮޅުން އުފެދޭނެ އެވެ.

މިއީ މިކަން ހިނގާނެ ގޮތްކަން ހަމާސް އަށް ވެސް އެނގޭނެ އެވެ. އެހެންކަމުން، އެ ހުރިހާ ކަމެއްގެ ދިފާއުގައި ހަމާސް އިން ރާވާފައި ހުރި ކަންތަކެއް ވެސް ހުންނާނެކަން ކަށަވަރެވެ. ހަމާސްގެ ހަނގުރާމަވެރިން ތިބީ، ކޮމާންޑަރެއްގެ އަމުރަށް އިންތިޒާރު ކުރަން ނުޖެހޭ މިންވަރަށް އެމީހުންގެ ޒިންމާތަކާއި ވާޖިބުތަކަށް ހޭނި ފަރިތަވެފަ އެވެ.

އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނަ ވަގުތު ހަމާސްގެ ހަނގުރާމަވެރިން ތިބޭނީ ކޮން ތަންތަނެއްގައި ކޮން ގޮތަކަށް ކަމާއި، އެމީހުންނާ ކުރިމަތިލާނީ ކޮން ވަގުތަކު ކޮން ބައެއް ކޮން ގޮތަކަށް ކަން ވެސް އޮތީ ދުރާލައި އިންތިޒާމުވެފަ އެވެ. އެހެންކަމުން، ހަމާސް އިން ބުނަމުން އެދަނީ، ނަރަކައިގެ ގޮވައްޗަށް ޔަހޫދީންނަށް ދައުވަތު ދީގެން ތައްޔާރަށް ތިބި ކަމަށެވެ.