Roadha Mihaaru
ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީއަށް އިންވެސްޓްކުރަން ޖެހޭ

ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަށް އިންވެސްޓުކުރަން ޖެހޭ: ރައީސް

24 މެއި 2021

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރަންޖެހޭ ކަމަށާއި، މިފަދަ ބަދަލުތައް ގެނެވޭނީ އެއާ ގުޅުންހުރި ޓެކްނޮލޮޖީ ގާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރަންޖެހޭ ކަމަށާއި، މިފަދަ ބަދަލުތައް ގެނެވޭނީ އެއާ ގުޅުންހުރި ޓެކްނޮލޮޖީ ގާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އޭޝިއާ ސަރަހައްދުގެ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ސަމިޓުގައި މިކަމަށް ތާއީދު ކުރެއްވުމަށް ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާ އެވެ. އަދި އެމަނިކުފާނު ވަނީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް ސެލްސިޔަސްގައި ބަހައްޓައިދެއްވުމަށް ބައިވެރިންނަށް ވެސް ގޮވާލައްވައިފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތަފްސީލު މި ބައްދަލުވުމުގައި ރައީސް ދެއްވި އެވެ. އަދި ތިމާވެށީގެ މައްސަލަތަކުގެ ހައްލަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުން އެކަނި ނޫން ކަމަށާއި، އެއާ އެއްވަރަށް ތަރައްގީގެ މަޝްްރޫއުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ވައްޓަފާޅިއެއް ގެންގުޅުން މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދު ކަނޑާއި ގުޅިފައިވާކަން ފާހަގަ ކުރައްވައި، ރައީސް ވަނީ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ބަދަލުވަމުންދާ މޫސުމަށް ދިރިއުޅުމުގެ ކަންތައްތައް ހޭނުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އަދި ވިދާޅުވީ ރާއްޖެ ފަދަ ނާޒުކު ގައުމަކުން އަލުން އިގްތިސޯދު އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ގޮތެއް އިހްތިޔާރުކުރުން މުހިންމު ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރުމުގައި ތިމާވެއްޓާ ރައްޓެހި މިސްރާބަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން ކްލައިމެޓް އިމަޖެންސީ ގާނޫނެއް އެކުލަވާލައި ރާއްޖޭން އެ ގާނޫނު ތަސްދީގު ކޮށްފައިވާނެ ކަން ރައީސް މި ބައްދަލުވުމުގައި ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިތުރުން އެ ބައްދަލުވުމުގައި ސްރީލަންކާ އާއި ބަންގްލަދޭޝް، ސިންގަޕޫރު އަދި މެލޭޝިއާގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.