Roadha Mihaaru
ކޮޕް26ގެ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

ކޮޕް26ގެ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

04 ނޮވެމްބަރ 2021

ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިޔަށްގެންދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސްކޮޓްލެންޑުގެ ގްލާސްގޯގައި ކުރިޔަށްގެންދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ ޖައްވަށް ވިހަގޭސް ބޭރުކުރާ ބޮޑެތި ގައުމުތަކުން، ޒިންމާއަދާކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށް ވަކާލާތުކުރައްވައިފަ އެވެ.

ކޮޕް26ގެ ވޯލްޑް ލީޑާސް ސަމިޓްގައި ބަޔާން އިއްވަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވަނީ ނުރައްކާތެރި ހާލަތެއްގައި ކަމުން، ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ސުވާލުކުރައްވައިފަ އެވެ.

ކޮޕް26 ސަމިޓްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ކޮޕް26 ސަމިޓްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނަށް ހިއްސާކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރަށަކަށްފަހު ރަށެއް ފެނު އަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާ ކަމަށެވެ. އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ހިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރެވޭ ކަމަށާއި މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮޕް26 ސަމިޓްގައި ބައިވެރިވެވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލީޑަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

ކޮޕް26 ސަމިޓްގައި ބައިވެރިވެވަޑައިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ލީޑަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި ދުނިޔޭގެ ލީޑަރުންނާއި މަތީ ފަންތީގެ އެކިއެކި މަންދޫބުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި އެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)- ކޮމަންވެލްތު ހައި-ލެވެލް ޕެނަލް ޑިސްކަޝަން އާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)ގެ އެނާޖީ ޓްރާންސިޝަން އެކްސެލެރޭޓާ ފައިނޭންސިން ޕްލެޓްފޯމް (އީ.ޓީ.އޭ.އެފް) އިފްތިތާހުކުރުމުގެ މަތީ ފަންތީގެ ރަސްމިއްޔާތާއި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮޕް26ގެ ހަވާސާގައި ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ކޮޕް26ގެ ސަމިޓުގައި ރައީސް ބައިވެރިވެވަޑައި ގެންނެވިއިރު މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ވެރިޔަކު މި ސަމިޓުގައި ބައިވެރިވެވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.

އެ ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ކޮޕް26ގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގެ އެޑްވައިޒަރެއްގެ ގޮތުގައި، އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކުރީގެ ހައިކޮމިޝަނަރު، ޕްރިންސް ޒެއިދު ރައަދު އަލް ހުސައިން ހަމަޖައްސަވައިފަ އެވެ.

ކޮޕް26 ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސް ވަނީ ލަންޑަނަށް ދަތުރުކުރައްވައި، ޓޫރިޒަމާއި ދަތުރުފަތުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓް ކަމުގައިވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) 2021 އަށް ޒިޔާރަތް ކުރައްވައިފަ އެވެ.