Roadha Mihaaru
މަޖިލިސް ބަގްކުރަން އުޅުނު މައްސަލާގައި ހެއްކެއް ނެތް

ނަޝީދުގެ ކޮޓަރިކޮޅު ބަގްކުރަން އުޅުނު މައްސަަލައިގައި ދައުވާކުރާނެ ހެކި ނެތްކަމަށް 241 ކޮމިޓީއަށް އަންގައިފި

25 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅު ހިމެނޭ ގޮތުން މަޖިލީހުގެ އިދާރާގެ ބައެއް ތަންތަން ބަގްކުރަން ފުލުހުންގެ ބަޔަކު މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދައުވާކުރާނެ ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 241 ކޮމިޓީއަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރިކޮޅު ހިމެނޭ ގޮތުން މަޖިލީހުގެ އިދާރާގެ ބައެއް ތަންތަން ބަގްކުރަން ފުލުހުންގެ ބަޔަކު މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދައުވާކުރާނެ ހެކި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން 241 ކޮމިޓީއަށް އަންގައިފި އެވެ.

މަޖިލީހުގެ އިދާރާތަކުގެ ކޮޓަރިތަކެއް ބަގްކުރަން ފުލުހުންގެ ބަޔަކު އުޅުނު ކަމަށް ނަޝީދު ތުހުމަތުކުރެއްވީ މިދިޔަ ނޮވެމްބަރު 23 ގަ އެވެ. އެ ދުވަހު މަޖިލީހުގެ ޖަލްސާ ފައްޓަވައި ރިޔާސަތުން އަންގާ އެންގެވުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ކޮޓަރިތައް ބަގްކުރަން ނުވަތަ އެ ތަންތަނުގައި ދައްކާ ވާހަކަތައް އާލަތްތައް ބޭނުންކޮށްގެން އަޑުއަހަން ފުލުހަކު ގުޅީ މަޖިލީހުގެ އިދާރާގެ އަންހެން މުވައްޒަފަކަށް ކަމަށެވެ.

އެ މައުލޫމާތު ތަނުގެ ސެކިއުރިޓީންނަށް ދިނީ އެ މުވައްޒަފެވެ.

ނަމަވެސް މަޖިލީހުގެ އިދާރާ ބަގްކުރަން އުޅުނު މައްސަލައާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ މަޖިލީހުން އިއްޔެ ސުވާލުކޮށްފައިވަނީ، އެ މައްސަލައިގެ ތަފްސީލު 241 ކޮމިޓީއާ ހިއްސާކޮށްފައިވަނިކޮށް ކަން އެނގިފައި ވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި 241 ކޮމިޓީން އެންގުމުން، މަޖިލިސް ބަގްކުރަން އުޅުނު މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް އެންގީ ޕީޖީ އޮފީހުންނެވެ. އެއަށްފަހު، އެ މައްސަލައިގެ ރިޕޯޓު 241 ކޮމިޓީއާ ހިއްސާކޮށް ޕީޖީ އޮފީހުން ބުނެފައިވަނީ ޖިނާއީ ދައުވާ ކުރެވޭ ވަރަށް އެކަމުގައި ހެކި ނެތް ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކާ ގުޅިގެން އިމްރާން ވިދާޅުވީ މަޖިލީހުގެ އިދާރާ ބަގްކުރަން އުޅުނުކަމަށް ބުނާ މައްސަލަ ތަހުގީގުކުރަން ފުލުހުން މަސައްކަތްތަކެއް ކުރި ކަމަށެވެ. އެކަމުގައި އިތުރަށް ކުރިއަށް ދާނެ މާ ބޮޑު މަގުތަކެއް ނުފެނުމުން ތަހުގީގު ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއާ ގުޅިގެން ފުލުހުންގެ ތަހުގީގީ ބައިން މަސައްކަތްތަކެއް ކުރި. އެހެން ނަމަވެސް އޭގެ އިތުރަށް ކުރިއަށް ދިއުމަށް މާ ބޮޑު މަގުތަކެއް ނުލިބުމުން ދެން ސީދާ މަޑުޖެހިފައި އޮތް ހިސާބެއް އަޅުގަނޑު އިތުރަށް ބަލައިލަން ޖެހޭނީ،" އިމްރާން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބަގްކުރުމަށް ބޭނުންވާ އާލާތްތައް މަޖިލީހުގެ ރައީސް ނައިބު ރައީސްގެ ކޮޓަރިކޮޅުގައި ހަރުކޮށްދޭން އަންހެން މުވައްޒަފަކަށް ހުށަހަޅައި އެކަމުގެ ބަދަލުގައި ފައިސާގެ ބޮޑު އަދަދެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މުވައްޒަފު އެކަން ގަބޫލު ނުކޮށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް އެކަން ރިޕޯޓްކުރީ އެވެ. ސާޖަންޓް އެޓް އާމްސްއާ މެދު ފަހުން ފިޔަވަޅު އަޅާފައިވަނީ އެކަން އެނގިހުރެ ނޭންގި މައްސަލާގައި ކަމަށް ވެސް އެނގިފައިވެ އެވެ.