Roadha Mihaaru
މިއަދަކީ ތާރީހީ ދުވަހެއް: އިންޓަނެޓް ހަބޭސް!

މިއަދަކީ ތާރީހީ ދުވަހެއް: އިންޓަނެޓް ހަބޭސް!

01 ޖުލައި 2021

ކޮންމެ މަހެއްގެ 15 އަށް ދާ އިރު، މީގެ ކުރިން އެއްޗެއް ލޯޑު ކުރެވޭނީ ހާލެއްގައި އުޅެގެންނެވެ. ވީޑިއޯއެއް ސްޓްރީމްކުރަން ނުވަތަ ގޫގުލް އިން އެއްޗެއް "ސާޗު"ކުރަން ވެސް އެތައް އިރެއް ނަގަ އެވެ. އިންޓަނެޓޭ ބުނެފި ނަމަ ދިވެހިންގެ ދުލުން ބޭރުވާ އެންމެ އާންމު ކޮމަންޓަކީ އެއީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮންމެ މަހެއްގެ 15 އަށް ދާ އިރު، މީގެ ކުރިން އެއްޗެއް ލޯޑު ކުރެވޭނީ ހާލެއްގައި އުޅެގެންނެވެ. ވީޑިއޯއެއް ސްޓްރީމްކުރަން ނުވަތަ ގޫގުލް އިން އެއްޗެއް "ސާޗު"ކުރަން ވެސް އެތައް އިރެއް ނަގަ އެވެ. އިންޓަނެޓޭ ބުނެފި ނަމަ ދިވެހިންގެ ދުލުން ބޭރުވާ އެންމެ އާންމު ކޮމަންޓަކީ އެއީ އެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރަން އިއުލާނު ކުރި އާ ޕެކޭޖުތައް މިއަދުން ފެށިގެން އެކްޓިވޭޓް ކުރުމާ އެކު، އެ ޝަކުވާތަކަށް ވަނީ ނިމުން އައިސްފަ އެވެ. މިއަދަކީ، އިންޓަނެޓްގެ އަގުތަކަށާއި އިންޓަނެޓްގެ ސްޕީޑަށް މި ވަރުގެ ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ. މީޑިއާގެ އެކި ވަސީލަތްތަކަށް ބަލާއިރު، އިންޓަނެޓްގެ ސްޕީޑާ ދޭތެރޭ އޮތް ޝަކުވާ ހުއްޓިއްޖެ ކަމަށް މިހާރު ގަބޫލު ކުރެވެ އެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރަން ސަރުކާރުން މައިގަނޑު ތިން ޕެކޭޖެއް ކަނޑައެޅި އެވެ. އެއީ 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ އާއި 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ އާއި 25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ ލިބޭ ޕެކޭޖުތަކެވެ. މި ޕެކޭޖުތަކަށް ފިޓުކޮށް އުރީދު އާއި ދިރާގުން ވެސް ވަނީ އާ ޕެކޭޖުތަކެއް އިއުލާނުކޮށްފަ އެވެ.

ގޭގައި އުރީދޫގެ ސުޕަނެޓް ބޭނުން ކުރާ މިހާރު ބުނީ އޭނާ މަހަކު 700ރ. ވަރު ހޭދަކުރާ ޕެކޭޖް ހަމަވުމާ އެކު މީގެ ކުރިން އޭގެ ސްޕީޑް ވަރަށް ބޮޑަށް ދަށްވެ، ގުޑާ ވެސް ނުލާ ފަހަރު ދާ ކަމަށެވެ. އޭނާ ބުނާ ގޮތުން، ގޭގައި އެކަކަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ އިންޓަނެޓް ބޭނުން ނުކުރެވޭ ވަގުތުތައް ވެސް ދެ އެވެ. އެކަމަކު ރެއިން ފެށިގެން، އެ ޕެކޭޖްގެ ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ އަށް، 60 ޖީބީ އެ ޕެކޭޖަށް އިތުރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ސްޕީޑް ރަނގަޅު. އަޅުގަނޑުގެ ޝަކުވާއެއް މިހާރަކު ނެތް،" އޭނާ ބުންޏެވެ.

އުރީދޫ ސުޕަނެޓްގެ 700ރ. ގެ ޕެކޭޖެއް ގެންގުޅޭ އެހެން މީހަކު ބުނީ، ސްޕީޑާ މެދު ޝަކުވާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އިތުރު ޑޭޓާ ލިބުމަކީ ވެސް ޖީބަށް ލިބުނު އިތުރު ލުޔެއް ކަމަށް އޭނާ ބުންޏެވެ. ސަބަބަކީ މަހުގެ ފަހުކޮޅަށް ގޮސް އިތުރު އެޑޯންތައް ނަގަން ނުޖެހުމެވެ.

ދިރާގުގެ އިންޓަނެޓް ޕެކޭޖެއް ގެންގުޅޭ މީހަކު ބުނީ ކުރިން ކިރިޔާ 2 އެމްބީޕީއެސް ލިބުނު އެ ގޭގެ އިންޓަނެޓް ވެސް ވަރަށް ފާސްޓް ވެއްޖެ ކަމަށެވެ.

"ވަރަށް ފާސްޓް އިންޓަނެޓް. އިތުރު ޑޭޓާ ވެސް ލިބިއްޖެ،" އޭނާ ބުންޏެވެ.

ދިރާގުން ވަނީ ސަރުކާރުން އިއުލާނު ކުރި ތިން ޕެކޭޖް ހިމެނޭ ގޮތަށް ހާއްސަ ތިން ޕެކޭޖެއް އިއުލާނުކޮށްފަ އެވެ. މި ގެނައި ބަދަލާ އެކު މިހާރު 250ރ. އަށް 30ޖީބީ ލިބޭއިރު 490ރ. އަށް 120ޖީބީ އަދި 690ރ. އަށް 200ޖީބީ ލިބޭނެ އެވެ. މިއީ ސަރުކާރުން ކަނޑައަޅަފައިވާ އަގުތަކާ އަޅާ ބަލާއިރު ކުޑަ އަގުތަކެކެވެ. ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ބޮޑު އަގަކީ 500ރ. އަށް 100ޖީބީ އަދި 700ރ. އަށް 200ޖީބީ އެވެ.

ދިރާގުގެ ނެޓު ހެޔޮ ޕެކޭޖުތައް

ދިރާގުގެ ނެޓު ހެޔޮ ޕެކޭޖުތައް

އެ ކުންފުނީގެ ސީނިއާ މެނޭޖާ، ބްރޭންޑް އެންޑް މާކެޓިން، ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ސަރުކާރުގެ އެންގުމާ އެއްގޮތަށް، ދިރާގުން އަލަށް އިއުލާނު ކުރި ޕެކޭޖުތަކާ ގުޅިގެން ކަސްޓަމަރުންގެ ޕޮޒިޓިވް ފީޑްބެކް ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ޕެކޭޖުތަކެއް ގެނެސް، 100 ޕަސެންޓާ ހަމައަށް ޑޭޓާ އިތުރު ކޮށްފައި ކަމަށެވެ. އަދި މިހާރު ނިސްބަތުން ޑޭޓާގެ އަގުތައް ވަނީ 50 ޕަސެންޓާ ހަމައަށް ހެޔޮވެފައިވާ ކަމަށެވެ. މިރުޝާން ވިދާޅުވީ މި ބަދަލުތައް އަވަހަށް ގެނައުމަށް ޓަކައި އެ ކުންފުނީގެ މުވައްޒަފުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ވަކި ޑެޑްލައިނަކަށް މަސައްކަތް ކުރީ. މިއީ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތް. ކަނޑައެޅި މުއްދަތުގެ ތެރޭ ޕެކޭޖުތައް އިއުލާނުކޮށް ކަސްޓަމަރުން ހިތްހަމަ ޖެހުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

އުރީދޫން އިއުލާނުކޮށްފައި ވަނީ 250ރ. އަށް 30ޖީބީ ލިބޭ ޕެކޭޖަކާއި 400ރ. އަށް 65ޖީބީ ލިބޭ ޕެކޭޖެއްގެ އިތުރުން 500ރ. އަށް 130ޖީބީ ލިބޭ ޕެކޭޖަކާއި 700ރ. އަށް 210ޖީބީ ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖުތަކުގެ ތެރެއިން 30ޖީބީ ޕެކޭޖުގެ ތްރޮޓަލް ސްޕީޑަކީ 2އެމްބީޕީއެސް އެވެ. ސުޕަނެޓުގެ އެހެން ހުރިހާ ޕެކޭޖެއްގެ ތްރޮޓަލް ސްޕީޑު 5އެމްބީޕީއެސް އަށް ވުރެ ދަށް ނުވާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވީ، އުރީދޫން އަބަދުވެސް އިސްކަމެއް ދެނީ ކަސްޓަރުންނަށް ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އިތުރު ޑޭޓާ އާއި ސްޕީޑާ އެކު އިންޓަނެޓްގެ ހިދުމަތް ދިނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތް ރަނގަޅުކުރަން. އުރީދޫ ސުޕަނެޓްގެ ޕެކޭޖުތަކުގެ ޑޭޓާ ރޯލްއޯވާ ކުރެވޭ ގޮތް ވުމަކީ ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް. މިހާރު އަޅުގަނޑުމެން ގެނައި ޕެކޭޖުތަކަކީ ސަރުކާރުގެ ޕެކޭޖުތަކަށް ވެސް ހެޔޮ ޕެކޭޖުތަކެއް."

އޭނާ ވިދާޅުވީ، ސަރުކާރުގެ އެންގުމާ އެއްގޮތަށް ޕެކޭޖުތައް ބައްޓަން ކުރުމުގައި ދިމާވި އެންމެ ބޮޑު ދަތިކަމަކީ ޕެކޭޖުތައް ޓެސްޓު ކުރުމަށް ބޭނުންވާ ވަގުތު ނުލިބުން ކަމަށެވެ. އެހެން ނަމަވެސް ކަސްޓަމަރުންގެ ހިޔާލާއި ތަޖުރިބާއަށް ބަލައި އިތުރު ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ބަދަލާ އެކު ޕެކޭޖުތަކުގެ އަގުތަކަށް އެހާ ބޮޑެތި ބަދަލުތަކެއް ނައި ނަމަވެސް ޕެކޭޖްތަކަށް ޑޭޓާ އިތުރުވާނެ އެވެ. އެކަމަކު، ބައެއް މީހުން ބުނާ އަނެއް ވާހަކައަކީ މި އެވެ؛ ޖީބަށް އެނގުން ނުވިޔަސް، ޝަކުވާއެއް ނެތި އިންޓަނެޓް ބޭނުން ކުރެވުމަކީ މާ ބޮޑު އުފަލެކެވެ.