Roadha Mihaaru
ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމަށް މެންކު އެހީވަނީ

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައެޅުން ހުއްޓުވުމަށް މެންކު އެހީވަނީ

20 ނޮވެމްބަރ 2016

ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމަށް ރާއްޖެ އަށް އެހީތެރިވެދޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމަށް ރާއްޖެ އަށް އެހީތެރިވެދޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އިއްޔެ ވިދާޅުވެއްޖެ އެވެ.

ދީނީ ގޮތުން ހައްދުފަހަނައެޅުން ހުއްޓުވުމަށްޓަކައި ރާއްޖެ އަށް އެހީތެރިވެދޭނެ ކަމަށް މެންކް ވިދާޅުވީ، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްއާ އެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. މި ބައްދަލުކުރައްވައި ދެ ބޭފުޅުން ވެސް ވަނީ ދީނީ ގޮތުން ހައްދުފަހަނައަޅައި ދާ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ "ޖަމިއްޔަތުލް ރަހުމާ" ކިޔާ އަމިއްލަ ޖަމިއްޔާއަކުން ބާއްވާ "އިލްމް ޓޯކްސް"ގައި ބައިވެރިވެވަޑައިގަތުމަށް މެންކް ރާއްޖެ ވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަދި ދީނީ ދަރުސް ވެސް އޭނާ ދެއްވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމްދީނާއި ދީނީ ކަންކަމާ ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މުފްތީ އަކީ އޭނާ އުފަން، ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާ އެވެ. އަދި އޭނާ ވަނީ މި ރޮނގުން ދުނިޔޭގެ ބޮޑު މަޝްހޫރު ކަމެއް ހޯއްދަވައިފަ އެވެ. މިދިޔަ އަހަރު މުފްތީ މެންކް ރާއްޖޭގައި ދެއްވި ދަރުސަށް ބޮޑު ތަރުހީބެއް ލިބުނުއިރު، މުޖުތަމައުގައި ހުރި ތަފާތު މައްސަލަތަކާ ގުޅޭގޮތުން އޭނާ ވާހަކަ ދެއްކެވި އެވެ.