Roadha Mihaaru
ގޯސްކޮށް ޕާކްކުރުމުން ލައިސަންސް ބާތިލްވާ ގޮތް ހަދައިފި

ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން ލައިސަންސުން ޕޮއިންޓް އުނިކޮށް، ލައިސަންސް ބާތިލްކުރެވޭ ގޮތް ހަދައިފި

15 ޖުލައި 2021

ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

ކުރިން އޮންނަ ގޮތުން ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން، ކުރަނީ ހަމައެކަނި ޖޫރިމަނާ އެކެވެ. ކުރިން ލައިސަންސް ހިފެހެއްޓުމާއި ބާތިލް ކުރުން ފަދަ ފިޔަވަޅުތައް އެޅެނީ ނުރައްކާތެރިކޮށް ދުއްވުން ފަދަ ހާލަތްތަކުގައި އެކަންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އާންމުކޮށް އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެ އެވެ. ގަވާއިދާ ޚިލާފްވާ ކޮންމެ ފަހަރަކު ލައިސަންސުން ޕޮއިންޓް އުނި ކުރެވޭނެ ކަމަށާއި އެގޮތުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ފަސް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެއްކޮޅަށް ދުއްވަން ކަނޑައަޅާފައިވާ މަގުތަކުގައި އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ޚިލާފަށް ދެ ފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެ ނޫން ކަންކަމުގައި ވެސް، ދެ ފަހަރަށް ވުރެ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ 10 ޕޮއިންޓް އުނި ކުރާނެ އެވެ.

އާ ގަވާއިދުގައިވާ ގޮތުން ލައިސަންސުން ޕޮއިންޓް ހުސްވުމުން އެ ލައިސަންސެއް އޮޓަމެޓިކުން ބާތިލްވާނެ އެވެ. އެގޮތަށް ލައިސަންސް ބާތިލްވެއްޖެ ނަމަ، އެ މީހަކަށް އާ ލައިސަންސެއް ލިބޭނީ 180 ދުވަސް ފަހުން ކަމަށާއި އާ ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާންތައް ފުރިހަމަ ކުރުމުން ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ނުރައްކާތެރިކޮށް ދުއްވާ ހާލަތްތަކުގައި ވެސް ލައިސަންސުން ޕޮއިންޓް އުނި ކުރެވޭ ގޮތަށް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެ އެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ އެވެ.

ލައިސަންސް ހިފަހައްޓާފައި ވަނިކޮށް، ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރުމަށް ގަވައިދުގައި ވަނީ ހިމަނައިފަ އެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ބޭރު ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ވަގުުތީ ގޮތުން ރާއްޖޭގައި ދުއްވުމުގެ ހުއްދަ ލިބޭ ގޮތަށް ވެސް ގަވާއިދުގައި ހިމަނާފައިވެ އެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގައުމުތަކުން ދޫކުރާ ލައިސަންސެއް އޮވެއްޖެ ނަމަ، 90 ދުވަސް ވަންދެން ރާއްޖޭގައި އެފަދަ ލައިސަންސެއް ބޭނުންކޮށްގެން ދުއްވޭނެ އެވެ.