Roadha Mihaaru
ލައިސަންސް ޓެސްޓް ހެދުން މެދުކަނޑާލައިފި

ލައިސަންސް ޑްރައިވިން ޓެސްޓް ހެދުން ވަގުތީ ގޮތުން ހުއްޓާލައިފި

10 އޯގަސްޓް 2016

ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހެދުން ވަގުތީ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން މެދުކަނޑާލައިިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހެދުން ވަގުތީ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން މެދުކަނޑާލައިިފި އެވެ.

ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ ލައިސަންސް ޑްރައިވިން ޓެސްޓް ހެދުން މިދިޔަ މަހުގެ 26ގެ ފަހުން މެދުކަނޑާލީ ޓެސްޓް ހަދަން ދުއްވާ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށް ބޮޑެތި ވެހިކަލްތައް ދަތުރުކުރާތީ ރައްކާތެރި ނޫން ކަމަށް ފެނިގެން ކަމަށެވެ.

"އަޅުގަނޑުމެން ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދުގައި އައިޖީއެމްއެޗްގެ އާ ބިލްޑިން އެ ހަދަނީ. އެ މަސައްކަތަށް އެ މަގުގެ ބޮޑު ބައެއް ވަނީ ބަންދުކޮށްފައި. އަދި އުފުލި ޖެޓީ ސަރަހައްދަށް ބޮޑެތި ވެހިކަލްތައް ވަދެ ނުކުމެ ހަދާތީ އެ ސަރަހައްދު ރައްކާތެރިއެއް ނޫން އެފަދަ ކަމެއް ކުރިޔަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ ޑްރައިވިން ޓެސްޓް ހެދުމަށް އަލުން ފެށުމަށް ނިންމާފައި ވަނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. އަދި އެތަނުގައި އެކަމަށް ބޭނުންވާ ޖާގަ ހެދުމަށްފަހު އަންނަ ހަފުތާގެ ތެރޭގައި އަލުން ޓެސްޓް ހަދަން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެސްޓް މެދުކަނޑާލުމުން ފުދޭ ވަރެއްގެ ބޮޑު އަދަދެއް އެބައުޅޭ ޓެސްޓް ހަދަން ކިޔޫގައި. އަޅުގަނޑުމެން މި ބަލަނީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ހުރިހާ ފަރާތްތަކުގެ ޑްރައިވިން ޓެސްޓް ހަދާ ނިންމަން،" ނާފިޒު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތެއް ހެދުމުގެ މަސައްކަތަށް އެ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނުގެ މަގުގެ ބޮޑުއެއް ވަނީ ހަތަރުފުރޮޅުލީ ވެހިކަލްތައް ނުވަދެވޭ ގޮތަށް ބަންދުކޮށް އަދި އެތަނުގައި ވެހިކަލްތަކާއި އެނޫން ވެސް ސާމާނުތައް ބަހައްޓައިފަ އެވެ.