Roadha Mihaaru
ޓެރަރިޒަމްގެ ތުހުމަތުކުރެވޭ ނަމަ ހައްގުތައް ހަނިކުރަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ނަމަ ބަންދު އިތުރުނުކޮށް 48 ގަޑިއިރު ބެހެއްޓޭ ގޮތަށް ހަދަނީ

30 މެއި 2021

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ގާނޫނު ބަދަލުކޮށް ތަހުގީގުކުރަން މިހާރަށް ވުރެ ފަސޭހަވާ ގޮތަށް ގާނޫނު ބަދަލުތައް ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ގާނޫނު ބަދަލުކޮށް ތަހުގީގުކުރަން މިހާރަށް ވުރެ ފަސޭހަވާ ގޮތަށް ގާނޫނު ބަދަލުތައް ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ބިލެއް ޑްރާފްޓްކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނި ގޮތުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ބިލެއް ހުށަހަޅަނީ މައިގަނޑު ދެކަމަކަށެވެ. އެ އޮފީހުން ބުނި ގޮތުގައި ގާނޫނަށް ބަދަލު ގެންނަ އެއް ބޭނުމަކީ ޓެރަރިޒަަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މިހާރު ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމެވެ.

އަނެއް ބޭނުމަކީ ހަނގުރާމަތައް ހިނގާ ސަަރަހައްދުތަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނާ މެދު އަމަލުކުރާނެ ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅުމެވެ.

ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރަން ފަސޭހައަކަށް ގެންނަ މައިގަނޑު އެއް ބަދަލަކީ ޓެރަރިޒަަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކުރާ މީހުން ކޯޓަކަށް ހާޒިރުނުކޮށް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. މިހާރު އޮންނަ ގޮތުން ކޮންމެ ތުހުމަތެއްގައި ހައްޔަރުކުރި ނަމަވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް އެންމެ ގިނައިރު ބަންދުގައި ބެހެއްޓޭނީ 24 ގަޑިއިރު އެވެ.

ކޯޓަށް ހާޒިރުނުކޮށް 48 ގަޑިއިރު ބެހެއްޓޭ ގޮތް ހެދުމުގެ އިތުރުން ތުހުމަތުމާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމާއި ބަންދާ މެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތްތައް އިތުރަށް ތަފްސީލުކުރުމަކީ ވެސް އޭޖީ އޮފީހުން ބުނި ގޮތުގައި އަލަށް ހުށަހަޅާ ބިލުން ކުރާނެ ކަމެކެވެ.

ޓެރަރިޒަމްގެ ތުހުމަތުވާ މީހުން، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރެވޭ ގޮތަށް ގާނޫނުގައި ހިމަނާއިރު އެ މީހަކު އެ ވަގުތު ހުރީ އަމިއްލަ ތަނެއްގައި ނަމަ، ކޯޓު އަމުރެއް ނެތި އެތަނެއް ބަލައި ފާސްކުރުމުގެ ބާރު ވެސް ދޭ ގޮތަށް އިސްލާހު ހުށަހަޅާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. ބަލައި ފާސްކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތައް ވެސް ބިލުގައި ހިމެނޭނެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުތައް ގެންނަން ހުށަހަޅަން ފޮނުވާފައި މިވަނީ ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކެއް ބަލަމުން އަންނަ ދުވަސްވަރެއްގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ އަކީ މިހާރު ބަލަމުން ގެންދާ، ބޮޑު އެއް މައްސަލަަ އެވެ. މިމަހުގެ ހަވަނަ ދުވަހު ދިން އެ ހަމަލާއަށް ފަހު، ހަރުކަށި ފިކުރާ ދެކޮޅަށް ވެސް ސިފައިންނާއި ފުލުުހުން ގުޅިގެން އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ. އަދި އެ އޮޕަރޭޝަންތަކުގައި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.