Roadha Mihaaru

ޑެންމާކުގެ އެހީގައި އެމެރިކާއިން ޔޫރަޕްގެ ވެރިންނަށް ޖާސޫސްކުރި

ޑެންމާކުގެ ސިއްރު ފުލުހުންގެ އެހީތެރިކަން ހޯދައިގެން، އެމެރިކާއިން ޔޫރަޕްގެ ގައުމުތަކުގެ ބައެއް ވެރިންނަށް ޖާސޫސްކޮށްފައިވާ ކަމަށް، ޔޫރަޕްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެމެރިކާއިން ޔޫރަޕްގެ ވެރިންނަށް ޖާސޫސްކުރި

ޑެންމާކުގެ ސިއްރު ފުލުހުންގެ އެހީތެރިކަން ހޯދައިގެން، އެމެރިކާއިން ޔޫރަޕްގެ ގައުމުތަކުގެ ބައެއް ވެރިންނަށް ޖާސޫސްކޮށްފައިވާ ކަމަށް، ޔޫރަޕްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޑެންމާކްގެ ބައެއް ނޫސްތައް ބުނާ ގޮތުގައި 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު، އެމެރިކާއިން ޖާސޫސްކުރި ބޭފުޅުންގެ ތެރޭގައި، ޖަރުމަނުގެ އޭރުގެ ޗާންސެލަ އަންޖެލާ މާކެލް ހިމެނެ އެވެ.

ޑެންމާކް ރޭޑިއޯއިން ބުނި ގޮތުގައި ޔޫރަޕްގެ ވެރިންނާ ގުޅޭ ސިއްރު މައުލޫމާތުތައް، އެމެރިކާއަށް ފޯރުކޮށްދިނީ، ޑެންމާކްގެ ޑިފެންސް އިންޓެލިޖެންސް ސާވިސް އާއި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ ގުޅިގެންނެވެ. މި ދެ އިދާރާ ގުޅިގެން، ޖަރުމަންގެ އިސް ވެރިންގެ އިތުރުން، ފަރަންސޭސި ވިލާތާއި، ސްވިޑްން އާއި ނޯވޭގެ އިސް ވެރިންގެ ސިއްރު މައުލޫމާތު ވެސް ހޯދާފައިވެ އެވެ.

އެމެރިކާއިން އެފަދަ ކަމެއް ކުރާ ކަމަށް، 2013 ވަނަ އަހަރު ވެސް ތުހުމަތު ކުރެވުނެވެ. ޖަރުމަންގެ ޗާންސެލާ އަންޖެލާ މާކެލްގެ ފޯންކޯލްތައް އެމެރިކާއިން ވަގަށް އަޑުއަހާ ކަމުގެ މައުލޫމާތުތަކެއް، މީޑިއާގައި ފަޅާއަރުވައިލީ، އެމެރިކާގެ އެޑްވަޑް ސްނޯޑަން އެވެ. އޭނާއަކީ، އެއްބަސްވުމެއްގެ ދަށުން، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގައި މަސައްކަތްކުރި މީހެކެވެ.

އެކަން ފަޅާއެރުމުން، ސީދާ އެކަމަށް އިންކާރުކުރުމުގެ ބަދަލުގައި ވައިޓްހައުސްއިން ބުނީ އަންޖެލާ މާކެލްގެ ފޯން ބަގްކޮށްފައި ނުވާނެ ކަމަށާއި، އަދި ކުރިމަގުގައި ވެސް އެކަން ނުކުރާނެ ކަމަށެވެ.

މިހާރު މީޑިއާއަށް ލީކްވެފައިވާ ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕްގެ ސިޔާސީ އިސް ބޭފުޅުންގެ ޓެކްސްޓް މެސެޖްތަކާއި ފޯނުން ދައްކަވާފައިވާ ވާހަކަތައް، އެމެރިކާއިން ބަލައި އަޑުއަހަމުން ދިޔައީ، ޑެންމާކްގެ ޖާސޫސީ އިދާރާގެ އެހީގައި، ޑެންމާކްގެ އިންޓަނެޓް ކޭބަލްތަކުގެ ޒަރީއާއިންނެވެ.

މި ގޮތުން ޖާސޫސް ކުރެވުނު ބޭފުޅުންގެ ތެރޭގައި، އަންޖެލާ މާކެލްގެ އިތުރުން، ޖަރުމަނުގެ އޭރުގެ ހާރިޖީ ވަޒީރު ފްރޭންކް-ވޯލްޓާ ސްޓެއިންމީރް އާއި ޖަރުމަންގެ އިދިކޮޅު ލީޑަރު ޕިޔަރް ސްޓެއިންބްރުކް ހިމެނެ އެވެ.

މިކަން ފަޅާއެރުމާ ގުޅިގެން ޑެންމާކްގެ ދިފާއީ ވަޒީރު ޓްރީން ބްރަމްސެން ވިދާޅުވީ ޑެންމާގެ އެކުވެރި ގައުމުތަކެއްގެ ވެރިންތަކަކަށް އެފަދަ ގޮތަކަށް ޖާސޫސްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން، ޑެންމާކްގެ ޑިފެންސް އިންޓެލިޖެންސް ސާވިސް އިން ވެސް އަދި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޭޖެންސީން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

މިކަން ފަޅާއެރުމާ ގުޅިގެން، އެޑްވަޑް ސްނޯޑަން ބުނީ އެޖަރީމާ ހިންގުމުގައި، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. ސަބަބަކީ އެމެރިކާއިން ވިލާތުގެ ވެރިންނަށް ޖާސޫސްކުރި ކަމަށް ބުނާ ދުވަސްވަރު، ބައިޑެންއަކީ އެމެރިކާގެ ނައިބު ރައީސެވެ.