Roadha Mihaaru
މިޝްކާގެ މަރުގެ މައްސަލަ ހެލްތު/އެޗްއާރުސީއެމުން ބަލަނީ

މިޝްކާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމުން ބަލަނީ

02 ޖޫން 2021

ކޮވިޑް ބަލީގައި މާލޭގައި ރޭ އުމުރުން 10 އަހަރުގެ ކުއްޖާ ނިޔާވީ، އެމްބިއުލާންސް ލަސްވެ، އަވަސް ފަރުވާ ނުދެވުމުން ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ބަލީގައި މާލޭގައި ރޭ އުމުރުން 10 އަހަރުގެ ކުއްޖާ ނިޔާވީ، އެމްބިއުލާންސް ލަސްވެ، އަވަސް ފަރުވާ ނުދެވުމުން ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

ހދ. ކުޅުދުއްފުށި، ލާޖަހާގޭ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވުމާ ގުޅިގެން، ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އިމަޖެންސީގައި ގުޅި މީހަކު ބަލާ ދިއުމަށް އެމްބިއުލާންސް ދިއުން ލަސްވި މައްސަލައެއް ރިވިއު ކުރަމުން އަންނަ ކަމަށާއި މިކަން ހިނގި ގޮތް ބަލައި ތަކުރާރު ވިޔަ ނުދިމަށް ވަގުތުން ފިޔަވަޅު އަޅާ ކަމަށެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެސް ބުނީ، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކުއްޖާގެ އާއިލާއަށް ތައުޒިއާ ފޮނުވުމަށް އެޗްއާރުސީއެމުން ކުރި ޓުވީޓެއްގައި ބުނީ، ކުއްޖާ އަށް ލިބެންޖެހޭ ޚިދުމަތް އަވަހަށް ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.

"ކޮވިޑް-19ގެ މި ހާލަތުގައި ސިއްހީ ފަރާތްތަކުން ދެއްވަންޖެހޭ ފަރުވާ ވީހާ ވެސް އަވަހަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" އެޗްއާރުސީއެމްގެ ޓުވީޓުގައި ވެ އެވެ.

މީގެ ހަތް ދުވަސް ކުރިން ކޮވިޑަށް ޕޮޒިޓިވްވި، އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އައި މިޝްކާ ނިޔާވީ ކުއްލިއަކަށް މާ ބޮޑަށް ހާލު ދެރަވެ، ރޭ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމަށް ގެންދިޔަތާ އިރުކޮޅެއްވީ ފަހުންނެވެ.

އާއިލާ އިން ބުނާގޮތުގައި، އެމްބިއުލާންސަށް ގުޅީ ރޭ ނުވައެއް ޖަހާކަން ހާއިރު އެވެ. އެކަމަކު އެމްބިއުލާންސް ދިޔައީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން 11:40 ހާއިރު ކަމަށް އާއިލާގެ މީހަކު ކުރި ޓުވީޓެއްގައިވެ އެވެ. އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ތަކުރާރުކޮށް ގުޅުމުން ވެސް، "އެމްބިއުލާންސް މިހާރު ހިނގައްޖެ" ކަމަށް ބުނި ކަމަށާއި ދިއުން ލަސްވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ވެސް ގުޅި ކަމަށް އޭނާ ބުންޏެވެ.

"ކޮވިޑަށް ޕޮޒިޓިވްވެ މަންމަ އާއި ބައްޕާ އެކު [މިޝްކާ] ގޭގައި ކަރަންޓީނު ކޮށްފައި ހުރީ. ބަލިޖެހުނު ފަހުން ހުން އައި ނަމަވެސް މިކްޝާގެ ހާލު އިއްޔެއާ ހަމައަށް ރަނގަޅު،" އާއިލާގެ މީހަކު ޓުވިޓާގައި ލިޔެފައިވެ އެވެ.

"ނޭވާ ލާން އުނދަގޫވެ ރޭ ނޭފަތުން ލޭ ވެސް އައި."

ކުއްޖާ ބަލާ އެމްބިއުލާންސް ދިޔައިރު ކުއްޖާ އޮތީ ހޭނެތި، ހާލު ވަރަށް ބޮޑަށް ސީރިއަސް ވެފައި ކަމަށް އާއިލާ އިން ބުންޏެވެ.