Roadha Mihaaru
އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ ދިނީ ދޮގު މައުލޫމާތު

މިޝްކާ ބަލައި އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ ދިނީ ދޮގު މައުލޫމާތު: ހެލްތު

04 ޖޫން 2021

މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ކޮވިޑް ބަލީގައި ހާލު ބޮޑުވެ ނިއާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، އެ ކުއްޖާގެ ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް މި މައްސަލާގައި ހެލްތު މިނިސްޓްރީން ހެދި ރިވިއު އިން ހާމަވެއްޖެ އެވެ.

މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ކޮވިޑް ބަލީގައި ހާލު ބޮޑުވެ ނިއާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން، އެ ކުއްޖާގެ ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް މި މައްސަލާގައި ހެލްތު މިނިސްޓްރީން ހެދި ރިވިއު އިން ހާމަވެއްޖެ އެވެ.

އެމްބިލާންސް ފޮނުވުން ލަސްވެ މިޝްކާ ނިޔާވި މައްސަލާގައި އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް ފަހު، ހެލްތު މިނިސްޓްރީން ހެދި ރިވިއު މިރޭ އާންމު ކޮށްފައިވާއިރު، އޭގައި ބުނާ ގޮތުން މިޝްކާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހު ނެގި ސާމްޕަލަކުންނެވެ.

ކޮވިޑަށް ޕޮޒިޓިވްކަން އަންގާއިރު، އެ މީހަކު ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވޭތޯ ބަލަން އޮންނަ އުސޫލުން އެފަދަ ކަމެއް ބޭނުންތޯ އެހުމުން މިޝްކާގެ ބެލެނިވެރިން ވަނީ ޑޮކްޓަރަަށް ދައްކަން ބޭނުންވާ ކަމަށް ބުނެފައި ކަމަށާއި އެކަމަކު ޖެހިގެން އައި ދުވަސްތަކުގައި އެކަން ކޮށްދެވިފައި ނެތްކަން ވެސް ވަނީ، ކަން ހިނގި ގޮތުގެ ރިވިއު އިން އެނގިފަ އެވެ. ޑޮކްޓަރަށް ދައްކަން ބޭނުންވާކަން، ކޮންޓެކްޓް ޓްރޭސިން ޓީމުން މައުލޫމާތު ޝީޓުގައި ރެކޯޑްކޮށްފައި އޮތަސް އެ މައުލޫމާތު، އޮންނަ އުސޫލުން ސިސްޓަމަށް އަޅާފައި ނުވެ އެވެ. އުމުރުން 15 އަހަރުން ދަށުގެ ކުދިންނަށް ކޮންމެ ދުވަހަކު ގުޅައި ހާލު ބަަލަން އޮންނަ އުސޫލުން އެކަން ވެސް ފުރިހަމަކޮށްފައި ނުވާ ކަމަށް ރިވިއުގައިވެ އެވެ.

މިޝްކާގެ ސިއްހީ ހާލަތު ގޯސްވާން ފެށުމުން އެންމެ ފުރަތަމަ ކޯލް ސެންޓަރަށް ގުޅާފައިވަނީ، ރިވިއުގައި ބުނާ ގޮތުން ނަމަ މި މަހުގެ ދެވަނަ ދުވަހުގެ މެންދުރު ފަހު 2:20 ގަ އެވެ. އެއީ ހުން ގަދަވެ ނުކެވުމާއި ކެއްސައި ވަރުބަލިވާތީ އެކަން އެންގުމަށް ކުރި ކޯލެކެވެ. އެ މައުލޫމާތު ކޯލް ސެންޓަރުން ސިސްޓަމަށް އަޅައި ޓިކެޓް ރެއިޒް ކުރުމުން ޑޮކްޓަރެއް ގުޅައި، އެ ވަގުތު ގޭގައި ދެމުން ގެންދިޔަ ބޭސް ކުރިއަށް ގެންދިއުމަށް ލަފާ ދިނެވެ.

ނަމަވެސް ހަމަ އެ ރޭ އަނެއްކާވެސް ހާލު އިތުރަށް ގޯސްވެގެން، 9:06 ގައި ކޯލް ސެންޓަރަށް ގުޅައި މިޝްކާ އަށް ނޭވާލާން އުނދަގޫވެގެން އަތް ތަޅުވައި ހަދާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ. ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބުނެފައި ވެ އެވެ. އާއިލާ އިން ދިން މި މައުލޫމާތާ ގުޅިގެން އެ ރޭ 9:53 ގައި ޑޮކްޓަރަކު، މިޝްކާގެ ބެލެނިވެރިޔާ އަށް ގުޅި ކަމަށާއި އެކަމަކު ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށް ރެކޯޑްކޮށްފައިވެ އެވެ. އެ ކޯލް މިސްވުމުން ބެލެނިވެރިޔާ 10:06 ގައި އަލުން ކޯލް ސެންޓަރަށް ގުޅުމުން ޑޮކްޓަރަކު އަލުން ގުޅައި ކުއްޖާގެ ހާލަތު އޮޅުންފިލުވި އެވެ.

އެމްބިއުލާންސް ފޮނުވައިފި ކަމަށް ބުނެ ދިނީ ދޮގު މައުލޫމާތު

އެ ރޭގެ ކޯލަށް ފަހު ބެލެނިވެރިޔާ ވަނީ މިޝްކާ އަށް ނޭވާލާން އުނދަގޫވެގެން އުޅޭތާ އެއް ދުވަސް ވެއްޖެ ކަމަށާއި ހިކިކޮށް ކެއްސާތާ ދެ ދުވަސް ވެއްޖެ ކަމަށް ބުނެފަ އެވެ. ހުން އަންނަތާ ހަ ދުވަސް ވެފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މިޝްކާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމާއި ދާއިމީކޮށް ކާންޖެހޭ ބޭސް އެބަހުރި ކަމަށާއި ތެރަޕީ ނަގާކަމާއި އެއީ ވާ އުނދަގޫތައް އަމިއްލަ އަށް ކިޔައިދޭން ނޭނގޭ ކުއްޖެއްކަން ވެސް ޑޮކްޓަރު ގާތު ބުނެފައިވެ އެވެ. އެ މައުލޫމާތު ޑޮކްޓަރު ހުރީ ނޯޓްކޮށްފަ އެވެ.

އެ ރޭ 10:39 ގައި ޑޮކްޓަރު ވަނީ މި މައުލޫމާތު ފޮނުވަންޖެހޭ "ސީމެޓް" އަށް ފޮނުވައި އަދި އެމްބިއުލާންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓާ ކަމަށްވާ ޑީއެމްއާރްޓީ އަދި ސީމެޓަށް ވެސް ފޮނުވައިފަ އެވެ. އެކަމަކު އެމްބިއުލާންސް ދާން އަންގައިފައެެއް ނުވެ އެވެ.

ކަން ހިނގާފައިވާ ގޮތުގެ ޓައިމްލައިނުން ފެންނަ ގޮތުގައި އެ ރޭ 11:16 އާއި 11:33 އާ ދެމެދު ބެލެނިވެރިން ވަނީ ކޯލް ސެންޓަރަށް ފަސް ފަހަރު ގުޅައިފަ އެވެ. އެއިން އެއް ކޯލްގައި، ކުއްޖާގެ ހާލު ދަށްވަމުންދާ ކަމަށާއި ހޭނެތި ނޭފަތުން ލޭ އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

"މި ކޯލްތަކުގައި ކުއްޖާ ބަލައި ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެމްބިއުލާންސް އައިސްފައި ނުވާ ކަމަށާއި އެމްބިއުލާންސް އައުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވެ އެވެ. އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ވެސް ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައެއް ނުވެ އެވެ." ކޮވިޑް ބަލީގައި ރާއްޖޭން މަރުވި ފުރަތަމަ ކުޑަކުއްޖާއަށް މެދުވެރިވި ގޮތާ ބެހޭ ގޮތުން ހެދި ރިވިއުގައިވެ އެވެ.

އެމްބިއުލާންސް މާބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، އެޗްއީއޯސީ ހިންގާ، ދަރުބާރުގެ އަށް އާއިލާގެ ފަރާތުން މީހަކު ފޮނުވިކަން ވެސް ރިވިއު އިން އެނގެ އެވެ. އެމްބިއުލާންސް ފޮނުވީ އޭގެ ފަހުންނެވެ. އެމްބިއުލާންސަށް ގޭދޮށަށް ދެވުނުއިރު 11:38 އެވެ. އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ ވަގުތުން ސީޕީއާރް ދޭން ފެށި އެވެ. އައިޖީއެމްއްއެޗްގެ އިމަޖެންސީ އަށް މިޝްކާ ގެންދިޔައީ އެރޭ 11:42 ގަ އެވެ.

މިޝްކާ ނިއާވީ އީއާރްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްޕީއޭ އިން ކުރިން ބުނެފަައިވެ އެވެ.

ރިވިއުއިން ފާހަގަވި ކަންކަން

ހެލްތު މިނިސްޓްރީގެ ރިވިއުގައި ބުނެފައިވާ ގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަޖެންސީ ހާލަތެއް ކަމެއް ބެލިފައެއް ނެތެވެ. އަދި އެފަދަ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައި ވެސް ނުވާ ކަމަށާއި އެމްބިއުލާންސް ޓްރިގާކުރަންޖެހޭ ވަގުތު އެކަން ވެސް ކޮށްފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

މިހެން ދިމާވުމުން، އިމަޖެންސީ ކޭސްއެއްގެ ގޮތުގައި ރިޕޯޓްކުރި ހިސާބުން ފެށިގެން އެމްބިއުލާންސް ޓްރިގާކުރެވުނީ 2 ގަޑިއިރާއި 26 މިނެޓު ފަހުންކަން ވަނީ ހާމަވެފަ އެވެ. މިއީ އިމަޖެންސީއަކަށް ވިޔަސް ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ކޯލް ލޮގްތަކުން އެނގޭ ކަމަށާއި އަދި މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިން ނަމަވެސް އެމްބިއުލާންސް ފޮނުވަން އަންގާފައި ނުވާކަން ވަނީ ފާހަގަވެފަ އެވެ.

އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އަށް މައުލޫމާތު ލިބުމާ އެކު ވަގުތުން އެމްބިއުލާންސް އެކްޓިވޭޓްކޮށް 10 މިނެޓް ތެރޭގައި ވަނީ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ކަންކަން ބަދަލުކުރަނީ

މިޝްކާ އަށް ދިމާވި ފަދަ ދެރަ ގޮތެއް ތަކުރާރުވިޔަ ނުދޭން އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތް ބަދަލުކުރަން ނިންމައި އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާ މެދު އަމަލުކުރާ ގޮތް މޮނިޓަކުރަމުން ގެންދަން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އިމަޖެންސީ ކޭސްތަކުގެ މައުލޫމާތު ކަމާބެހޭ ކްލަސްޓާ އަށް ވަގުތުން ލިބޭނެ ގޮތް ހަދައި އަދި އެ ކަންކަމަށް ޑޮކްޓަރުން ވަގުތުން އެޓެންޑްވާކަން ކަށަވަރުކުރާނެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ޑޮކްޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހަމަޖައްސައި އެ ތަންތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ގޮތް ހަމަޖެެއްސުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޠިވް މީހަކަށް އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް ހޯދަން، ސިއްހީ ހިދުމަތް ދޭ އެއްވެސް ތަނަކަށް ގުޅައިފި ނަމަ އެ ބޭނުންވާ ސިއްހީ ހިދުމަތެއް ދިނުމަށް އެމްބިއުލާންސް ފޮނުވަންޖެހޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް އެންގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) އަކީ ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖައްސައި އެކަމަށް ވަކި ނަންބަރެއް ކަނޑައަޅައި، އިމަޖެންސީ ކޭސްތަކަށް އަވަހަށް އިޖާބަ ދެވޭނެ ގޮތަށް އެ ހިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ މިޝްކާ އަށް އެޓެންޑްވުމުގައި ލަސްތަކެއް ވެފައި ވާތީ ހެދި މި ރިވިއުއިން ފާހަގަވި ކަންކަމަށް ބަލައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. މި ރިވިއުގައި އެފަދަ ފިޔަވަޅުތަކުގެ ވާހަކަ ވަކިން ފާހަގަކޮށްފައެއް ނުވެ އެވެ.