Roadha Mihaaru
"ފްރެންޑްސް" ގެ މެތިއުގެ އެންގޭޖްމަންޓް ރޫޅާލައިފި

"ފްރެންޑްސް" ގެ މެތިއުގެ އެންގޭޖްމަންޓް ރޫޅާލައިފި

04 ޖޫން 2021

އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ލީޑް ކާސްޓްގައި ހިމެނުނު އެކްޓަރު މެތިއު ޕެރީ އާއި ލޯބިވެރިޔާ މޮލީ ހާވިޒްގެ އެންގޭމަންޓް ރޫޅާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގެ ލީޑް ކާސްޓްގައި ހިމެނުނު އެކްޓަރު މެތިއު ޕެރީ އާއި ލޯބިވެރިޔާ މޮލީ ހާވިޒްގެ އެންގޭމަންޓް ރޫޅާލައިފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ލޯބީގެ ގޮތުން ގުޅުނު އެ ދެ މީހުން އެންގޭޖްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެންގޭޖްމަންޓް ރޫޅައިލަން ކަށަވަރުކޮށް ދެމުން މެތިއު، 51، ދަ ޕީޕަލް އަށް ބުނީ "ބައެއް ފަހަރު ބޭނުންވާހާ ގޮތަކަށް ކަންކަން ނުދާނެ" ކަމަށާއި މިއީ އޭނާ އަށް ދިމާވި އެފަދަ ގޮތެއް ކަމަށެވެ.

"އެކަމަކު މޮލީ އަށް ކާމިޔާބީ އަށް އެދެން،" ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ފްރެންޑްސް" ގައި ޝޭންޑްލާ ބިންގްގެ ރޯލު ކުޅުނު އެކްޓަރު ބުންޏެވެ.

މެތިއުގެ އެންގޭޖްމަންޓް ރޫޅާލާފައި މި ވަނީ ގިނަ އަހަރުތަކެއް ފަހުން "ފްރެންޑްސް" މައިގަނޑު ކާސްޓުންނާ އެކު އޭގެ އާ އެޕިސޯޑެއް "ފްރެންޑްސް: ދަ ރީޔުނިއަން" ގެ ނަމުގައި މިދިޔަ މަހުގެ 27 ގައި އެޗްބީއޯ މެކްސް އިން ގެނެސްދީފައި ވަނިކޮށެވެ.

މިހާތަނަށް އަދި ކައިވެންޏެއްކޮށްފައި ނުވާ މެތިއުގެ އެންގޭޖްމަންޓް ނިމުމަކަށް ގެނައި އިރު އޭނާގެ ލޯބީގެ ގޮތުން ގުޅުނު މޮލީ، 30، އަކީ ލައިބްރަރީ މެނޭޖަރަކެވެ.

މޮލީއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން މެތިއު ގިނަ ދުވަސްތަކެއް ވަންދެން އެމެރިކާގެ ބަތަލާ ލިޒީ ކެޕްލަން، 38، އާ ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ދެހާސް ހައެއްގައި އުފެދުނު އެ ގުޅުމުގައި ސިއްކަ ޖެހުނީ 2012 ގަ އެވެ.