Roadha Mihaaru
އެންމެފަހުން ރަންދީޕަށް ވެސް ލޯބިވެރިއަކު ލިބިއްޖެ

އެންމެފަހުން ރަންދީޕަށް ވެސް ލޯބިވެރިއަކު ލިބިއްޖެ

21 މާޗް 2022

ބޮލީވުޑްގެ އެކި ފިލްމުތަކުން ފެނިގެންދިޔަ ރަންދީޕް ހޫދާ އަށް ލޯބިވެރިއަކު ލިބިއްޖެ އެވެ.

ބޮލީވުޑްގެ އެކި ފިލްމުތަކުން ފެނިގެންދިޔަ ރަންދީޕް ހޫދާ އަށް ލޯބިވެރިއަކު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 45 އަހަރުގެ ރަންދީޕް ރައްޓެހިވެގެން އުޅެނީ މަނިޕޫރުގެ ވަރަށް ކާމިޔާބު މޮޑެލްއެއް ކަމަށްވާ ލިން ލައިޝްރަމްއާ އެވެ.

ލިން އަކީ "އޯމް ޝާންތި އޯމް" އާއި "ރަންގޫން" އަދި "މެރީ ކޯމް" ކަހަލަ ބައެއް ފިލްމުތަކުން ވެސް ފެނުނު ތަރިއެކެވެ.

ލިން އާއި ރަންދީޕް ރައްޓެހިވެގެން އުޅޭތާ މިހާރު އަށް ވަަރަށް މަސް ވެދާނެ ކަމަށްވެ އެވެ. އެކަން ރަސްމީކޮށް އިއުލާންނުކުރިޔަސް، އެ ދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮތްކަން ރައްޓެހިންނަށް ސިއްރެއް ނޫނެވެ.

މީގެ ކުރިން ރަންދީޕް ރައްޓެހިވެގެން އުޅޭ ކަމަށް އަޑުއެރީ ނީތޫ ޗަންދްރާއާ އެވެ. އެމީހުން ރައްޓެހިވެގެން އުޅުނީ 2010 އިން 2013 އަށެވެ. އެމީހުން ތިން އަހަރު އެކުގައި އުޅުމަށް ފަހު ރުޅިވި ސަބަބެއް ނޭނގެ އެވެ.

ރަންދީޕަކީ އޭނާ ކުޅުނު ކޮންމެ ފިލްމެއްގައި ވެސް ތަފާތު ރޯލެއް ދައްކައިދިން ތަރިއެކެވެ. އޭނާ ވަނީ "ސާބްޖިޓް" އާއި "ކިކް" އަދި "ހައިވޭ" އާއި "ޖިސްމް" ކަހަލަ ފިލްމުތަކުން ފެނިފަ އެވެެ. ހޮލީވުޑްގެ ފިލްމު "އެކްސްޓްރެކްޝަން" ގައި ވެސް ރޯލެއް ކުޅުނެވެ. އަދި ކުރިއަށް ވެސް ޝައުގުވެރި އެތައް މަސައްކަތެއް އެބަ ހުއްޓެވެ.