Roadha Mihaaru
"އެމްޑީޕީން މިހާރު ވާހަކަދައްކަނީ ދިމާ އިދިކޮޅަށް"

ސިފައިން ހާޒިރުކުރުމާ މެދު އެމްޑީޕީން މިހާރު ވާހަކަ ދައްކަނީ ދިމާ އިދިކޮޅަށް: އުޝާމް

04 ޖޫން 2021

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެމްޑީޕީން މިހާރު ވަކާލާތުކޮށް، އެ ކަމަށް މި ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރިޔަސް ހަގީގަތަކީ އެ ޕާޓީ ވެރިކަމުގައި އޮތް އިރު އެކަން ގަބޫލު ނުކުރުން ކަމަށް އޭރު ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރެއްވި އަދި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެމްޑީޕީން މިހާރު ވަކާލާތުކޮށް، އެ ކަމަށް މި ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރިޔަސް ހަގީގަތަކީ އެ ޕާޓީ ވެރިކަމުގައި އޮތް އިރު އެކަން ގަބޫލު ނުކުރުން ކަމަށް އޭރު ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރެއްވި އަދި ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، 2010 ގައި ސުޕްރީމް ކޯޓުން ލަފައެއް ހޯދަން ޖެހުނީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމަށް އެމްޑީޕީގެ ވެރިން އޭރު ގަބޫލު ނުކުރެއްވުމުން ކަމަށާއި އެކަމަކު ހަމަ އެ ބޭފުޅުންގެ ބަސްމަގު، މިހާރު ހާލަތު ބަދަލުވުމުން މުޅިން ތަފާތުވެއްޖެ ކަމަށެވެ.

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަހުސް އަނެއްކާވެސް ގަދަވީ، ރައްޔިތުންގެ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް އެމްއެންޑީއެފުން ބުނުމުންނެވެ.

އުޝާމް "މިހާރު" އަށް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވައި، ގައުމުގެ ދިފާއަށް ނުރައްކާވެފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ސިޔާސީ ބައެއް މީހުން ހައްޔަރުކޮށް ކުރި ތަހުގީގަށް، ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދު އަށް ގެންދިޔަ ކަމަށެވެ.

ނަޝީދުގެ ވެރިކަމުގައި އޭރުގެ މަޖިލީހުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ގާނޫނީ ލަފަޔަކަށް އެދުނީ އެ މައްސަލައިގެ ތަހުގީގު ތެރެއިންނެވެ.

އެ ފަހަރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ކޮމިޓީން އެދުނީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެ ނިންމުމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެންމެ ފަހުން މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު މީޑިއާގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ އޭރުގެ ކައުންސެލް ޖެނެރަލް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ލަފައަކީ ވެސް އެއީ ކަމަށެވެ.

ނަމަވެސް މަގާމުން އެކަހެރިވުމަށް ފަހު، ޑރ. އަހްމަދު އަބްދުﷲ ދީދީ އެ މައްސަލައިގައި ދެކެވަޑައިގަންނަވާ ގޮތް މިހާރު ވަނީ ތަފާތުވެފަ އެވެ. އޭނާގެ މިހާރުގެ ވިސްނުމަކީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ނުޖެހުމެވެ.

އުޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ލަފާ ދެމިއޮތްހާ ހިނދަކު ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވެން ޖެހޭނެ ކަމަށެވެ.

"ގާނޫނު އަސާސީގެ 98، 99، 239، 242 މި މާއްދާތަކަށް އެއްކޮށް ބެލުމުން ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވިދާނެ ކަމަށް ނުފެނޭ. ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ވާނީ ކަމާބެހޭ ވަޒީރު. ވަޒީރުގެ މަގާމު ހުސްވެފައިވާ ހާލެއްގައި ޗީފް އޮފް ޑިފެންސް ފޯސް،" އަހުމަދު އަބްދުﷲ ދީދީ އިއްޔެ ވިދާޅުވި އެވެ.

އުޝާމްގެ ޓުވީޓް

ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި އޭރުގެ ސިފައިގެން އިސްވެރިޔާ މޫސާ އަލީ ޖަލީލްގެ އިތުރުން ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހު ވެސް އެ ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް އެންގެވި އެވެ.

"އެމްޑީޕީ ވެރިކަމުގައި އޭރު އޮތް އިރު އެ ބޭފުޅުން ބޭނުމެއް ނުވި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރާކަށް. އެކަމަކު، މިހާރު އެ ޕާޓީގެ އިސްބޭފުޅުން މި ވިދާޅުވަނީ ވަކިވަކި ސިފައިން މަޖިލިހަށް ހާޒިރު ކުރެވޭނެއޭ. އެގޮތަށް އަހުމަދު އަބްދުﷲ ދީދީ ވެސް ވާހަކަ މި ދައްކަވަނީ. އޭރު ވިދާޅުވި ގޮތަކަށް ނޫން މިހާރު ވާހަކަ މި ދައްކަވަނީ،" ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރު އުޝާމް ވިދާޅުވި އެވެ.

"އެހެންވީމާ އެ ކަމަކަށް ވުރެ ބޮޑަށް މި ބޭފުޅުން މި ބުރަވަނީ އެ ވަގުތެއްގައި އެ ބޭފުޅުން ތިއްބަވާ ވިސްނުމަކަށް."

ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏަސް، ސުޕްރީމް ކޯޓުން ކުރިން މަޖިލީހަށް ލަފާދީފައި އޮތީ ވަކިވަކި ސިފައިން ވެސް ކޮމިޓީ އަށް ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ.

އުޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ލަފާ ދެމިއޮތްހާ ހިނދަކު ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވެން ޖެހޭނެ ކަމަށެވެ.

"ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގެ ދަށުން ވަކިވަކި ސިފައިން މަޖިލީހަށް މިހާރު ވެސް ހާޒިރު ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އުޝާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު ހައެއްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ނިންމި ނިންމުމަށް ނަޝީދު ވެސް މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.

ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ޖަވާބުދާރީވާނީ އެމްއެންޑީއެފުން ކަމަށާއި ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް އެމްއެންޑީއެފުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަ ގޮތް ފޮރުވުމަށްޓަކައި ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އެ މަނިކުފާނަށް ހަމަލާދިން ވަގުތު އަރިހުގައި ތިބި ސިފައިންގެ ބަސް ނުބުނެވޭނެ ގޮތަކަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށް ނަޝީދުގެ ޓްވީޓްގައިވެ އެވެ.

ނަޝީދަށް ދިން ހަމަލާގައި އެ މަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުުންނެވީ ޖަރުމަނުގަ އެވެ. އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، ފުލުހުން ގެންދަނީ ތަހުގީގު ހިންގަމުންނެވެ.