Roadha Mihaaru
އިހުމާލުގެ މަރުތަަކަށް ސަރުކާރު ޖަވާބުދާރީވާންޖެހޭ

ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން މަރުތައް އިތުރުވެއްޖެ، ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ: އިދިކޮޅު

06 ޖޫން 2021

ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުގެ ސަބަބުން ކޮވިޑް-19 ގައި މަރުވާ މީހުން އިތުރުވެފައިވާ ކަމަށާއި އެ ކަމަށް ރައްޔިތުންގެ ކިބައިން ޖަވާބުދާރީވާން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުގެ ސަބަބުން ކޮވިޑް-19 ގައި މަރުވާ މީހުން އިތުރުވެފައިވާ ކަމަށާއި އެ ކަމަށް ރައްޔިތުންގެ ކިބައިން ޖަވާބުދާރީވާން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ބަލީގައި ކޮންމެ ދުވަހަކު ވެސް މަރުވާ މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު އެ ކަންކަމަށް ސަމާލުވެ، ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ވަނީ މި މަހުގެ ދެ ވަނަ ދުވަހު ރޭ އެމްބިއުލާންސް ފޮނުވުން ލަސްވެގެން، މަރުވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދާއި ގއ. ދާންދޫ، ވިނަމަތި މަރްޔަމް އިބްރާހީމްގެ ނަން ފާހަގަކޮށްފަ އެވެ.

ކޮވިޑް ބަލީގައި މަރިޔަމްގެ ހާލު ބޮޑުވެ، އިމަޖަންސީގައި މާލެ ގެނައިރު، އޭނާ އަށް ފަރުވާދިނުމަށް ފްލައިޓަށް އެރުވި ވެންޓިލޭޓަރުގެ ބެޓަރީގެ ޗާޖު ހުސްވެ، ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމުން އޭނާ އަށް އަތުން ޕަމްޕުކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަަތަށް ވެސް ތައްޔާރަށް އޮތް ކަމަށް ސަރުކާރުން ބުނާއިރު، އިމަޖަންސީގައި ހާލު ބޮޑު މީހަކު ފްލައިޓަށް އަރުވާއިރު ފަރުވާ އަށް ބޭނުންވާ ސާމާނު ހަމަކޮށްފައި ނުވުމުން އެކަމުގެ ކަންބޮޑުވުން ވެސް އިދިކޮޅުން ފާޅުކުރެ އެވެ.

"ޒިންމާ އިން ރެކިވަޑައިގަތުމުގެ ބަދަލުގައި ކުޑަކުޑަ މިޝްކާ އާއި މަރްޔަމް ފަދައިން ސަރުކާރުގެ ފަރުވާ ކުޑަމަކާއި އިހުމާލުން ގެއްލުނު ލިބިފައިވާ އާއިލާތަކާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

އިދިކޮޅުން ވަނީ އިހުމާލުގެ މަރުތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމަށް ވެސް ގޮވާލައިފަ އެވެ. އަދި އެ މައްސަލަތައް ބަލައި ޒިންމާވާން ޖެހޭ މީހުންގެ މައުލޫމާތާއި ކަން ހިނގައިދިޔަ ގޮތުގެ ހަގީގަތް ރައްޔިތުންނަށް ކިޔައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ޕީޕީއެމް/ޕީއެންސީން ގޮވައިލި އެވެ.