Roadha Mihaaru
"ކޮވިޑް-19ގެ މަރުގައި ސަރުކާރުގެ އިހުމާލު އެބައޮތް"

ކޮވިޑް-19 ގައި ރާއްޖެ އިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް: އިދިކޮޅު

30 އެޕްރީލް 2020

ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ގައި ރޭ ނިޔާވި އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް އެ ބައްޔަށް ޕޮޒިޓިވްވި ކަން ކަށަވަރުވީ އޭނާ މަރުވި ފަހުންނެވެ. އޭނާއަކީ އެ ބައްޔަށް ޕޮޒިޓިވްވި ބަޔަކާ ގުޅުން ހުރި މީހެއް ކަމަށް ވާއިރު، އޭނާގެ ސާމްޕަލް ނެގުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް ބުނެ ބައެއް ފާޑުކިޔުންތައް އޮތީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ، އައިމިނަތު އާދަމް ގުޅުން ހުރި ކަން އެނގޭއިރު ވެސް އޭނާ އިއްޔެއާ ހަމައަށް ގޭގައި މޮނީޓަރިންގައި ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ޕީޕީއެމް/ޕީއެންސީން ބުނީ، އެ ބަލީގެ އަލާމާތެއް ފެނިގެން ޓެސްޓް ކުރުމަށް އައިމިނަތު އާދަމްގެ އާއިލާ އިން އެދުމުން ވެސް އެކަން ކުރުން ލަސްވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެހެންވެ، އެކަމުގައި ސަރުކާރުގެ އިހުމާލު އޮތްކަން ހާމަވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ސަރުކާރުގެ ފަރާތުން މިކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުުމާއި ފަރުވާ ކުޑަކުރުން އޮތްކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ." އެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުރި މީހުންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ، އެ މީހުންގެ ފަރުވާގެ ކަންކަމުގައި ފަރުވާ ކުޑަ ނުކުރަން ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ. އަދި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ މީހުންގެ ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބެންދެން މަޑުކުރުމުގެ ބަދަލުގައި ގާތުން މޮނީޓާ ކުރެވޭނެ ގޮތަކަށް އެކަންކަން އިންތިޒާމް ކުރަން ވެސް ޕީޕީއެމް/ޕީއެންސީން ގޮވައިލި އެވެ.

މީގެ އިތުރުން މަރުވި މީހާގެ އާއިލާއަށް އެ ކޯލިޝަން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ތައުޒިޔާ ކިޔާ ކަމަށް ވެސް އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 ގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވިއިރު، އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ އާއި އެ ބައްޔަށް މީހުން ޓެސްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭތޯ ބައްލަވާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 396 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ.