Roadha Mihaaru
މުއިއްޒުގެ ސިޓީއެއް: ޕޯޓް އަޅަން ރަނގަޅީ ގުޅިފަޅު!

މުއިއްޒުގެ ސިޓީއެއް: ޕޯޓް އަޅަން ރަނގަޅީ ގުޅިފަޅު!

07 ޖޫން 2021

ކައުންސިލްތަކުގެ އިންތިހާބުގައި، މާލޭގައި އެންމެ ފޯރިގަދަވި އެއް ވާހަކައަކީ ގުޅިފަޅު ތަރައްގީކުރާނެ ގޮތުގެ ވާހަކަ އެވެ. ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު މީގެ އަށް މަސް ދުވަސް ކުރިން ވިދާޅުވެފައިވާ ގޮތުން ނަމަ، ގުޅިފަޅަކީ މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އެންމެ ރަނގަޅު ތަނެއް ނޫނެވެ. އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވެ ދެއްވި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ކައުންސިލްތަކުގެ އިންތިހާބުގައި، މާލޭގައި އެންމެ ފޯރިގަދަވި އެއް ވާހަކައަކީ ގުޅިފަޅު ތަރައްގީކުރާނެ ގޮތުގެ ވާހަކަ އެވެ. ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު މީގެ އަށް މަސް ދުވަސް ކުރިން ވިދާޅުވެފައިވާ ގޮތުން ނަމަ، ގުޅިފަޅަކީ މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އެންމެ ރަނގަޅު ތަނެއް ނޫނެވެ. އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވެ ދެއްވި އެވެ.

"ޕޯޓް އަޅައިފިއްޔާ ކުޑަ ދުވަސްކޮޅަކު ބޭނުން ކުރެވޭނީ. ބޮޑު ވޭސްޓެއް، ބޮޑު އިސްރާފެއް އެއީ،" މުއިއްޒު ވިދާޅުވެފައި ވެ އެވެ.

އޭނާ އެހެން ވިދާޅުވި އިރު، ގުޅިފަޅުގައި ޕޯޓް އަޅަން މި ސަރުކާރުން އޮތީ ނިންމައި، އެކަން އިއުލާން ވެސް ކޮށްފަ އެވެ. މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ގުޅިފަޅުގެ ބަދަލުގައި ޕޯޓް އަޅަން އެންމެ ރަނގަޅު ތަނަކީ ތިލަފުއްޓެވެ. އަދި ގުޅިފަޅަކީ ހަމައެކަނި މާލޭ ރައްޔިތުންނަށް ގޯތި ދޭ ރަށަކަށް ހެދުމަކީ، މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވިސްނެވުމެވެ.

"މި ސަރުކާރުގެ ބޭނުމަކީ ކުރީގެ ސަރުކާރުގެ މަސައްކަތްތަކުގައި އަގެއް ނެތްކަމަށް ދެއްކުން،" މުއިއްޒު އޭރު ވިދާޅުވި އެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މާސްޓަ ޕްލޭން މިހާރު ވަނީ އާންމުކޮށްފަ އެވެ. ޕޯޓަކާއި އިންޑަސްޓްރިއަލް ވިލެޖެއްގެ އިތުރުން 1200 ގޯތި ދޭން އެ ރަށުން ވަނީ ނިންމައިފަ އެވެ. ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި މާސްޓަ ޕްލޭން އޮތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް، އަދި މުއިއްޒު ވެސް އޭރު ޕްލޭންކުރެއްވި ގޮތަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި "އެއަށް މި ސަރުކާރުން ގެނައީ ވަރަށް ކުޑަކުޑަ ބަދަލެ"ކެވެ. އޭގެ ހެކިތައް ދައްކަވަމުން އޭނާ ދެއްވީ، 2015 ގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެކެވެ.

މުއިއްޒުގެ ސިޓީ: ތިލަފުށީގައި ޕޯޓެއް ނޭޅޭނެ، އެކަމަށް ރަނގަޅީ ގުޅިފަޅު

ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އެޕްރީލް 7، 2015 ގައި ރައީސް ޔާމީނަށް މުއިއްޒު ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުގައި ޕޯޓް އެޅުމަށް ތިލަފުއްޓަކީ އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. މި ސިޓީ ފޮނުއްވި އިރު، ޑުބާއީ ވޯލްޑާ ގުޅިގެން ވިޔަފާރި ބަނދަރު ގާއިމްކުރުމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ގުޅިފަޅު ތަރައްގީކުރުމަށް ކުރީ ސަރުކާރުން ގެންގުޅުނު ވިސްނުން

ގުޅިފަޅު ތަރައްގީކުރުމަށް ކުރީ ސަރުކާރުން ގެންގުޅުނު ވިސްނުން

ތިލަފުށީގައި ޕޯޓް އެޅުމަށް އޮތް ހުރަސްތަކާއި މައްސަލަތަކުގެ ތެރެއިން ސިޓީގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން:

- ތިލަފުށީގެ ބޮޑުބައެއް ހިއްކައި ނިންމާފައިވާ އިރު، ބިންތައް ބޭނުންކުރާނެ ގޮތް ކަނޑައަޅާފައި އޮތުމުން، ޕޯޓަށް ބޭނުންވާ ބިން ހޯދަން ދަތިވުން.

- ތިލަފުއްޓަކީ ކުނި ނައްތާލާ ރަށަކަށް ވާތީ، ޕޯޓްގައި ކުރާ މަސައްކަތްތަކާއި ކާނާ އާއި އެހެނިހެން ސާމާނު ބަލްކުކޮށް ގެނެސް ބަންދުކުރުމުގެ ކަންކަން ކުރުމަކީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެެދާނެ ކަމަކަށް ވުން.

- ތިލަފުއްޓަކީ މާލޭ ސަރަހައްދުގެ ކުނި ނައްތާލަން ހާއްސަ ތަނަކަށް ވާތީ، ބޮޑު ބިމެއް އެހެން ކަމަކަށް ބޭނުން ކޮށްފި ނަމަ ތިލަފުށި ފުރި، އެކަމަށް އެހެން ފަޅެއް ހިއްކަން ޖެހިދާނެ ކަމުގެ ބިރު އޮތުމާއި އޭގެ ހަރަދު ބޮޑުވުން.

- މާލެ ހިތްފަސޭހަ ތަނަކަށް ބަދަލު ކުރުމަށް ޓަކައި މާލޭގެ ގުދަންތަކާއި ވޯކްޝޮޕްތައް ވެސް ތިލަފުއްޓަށް ބަދަލު ކުރަން ޕްލޭންކޮށްފައި އޮތުމުން އެކަމަށް ވެސް ބިން ބޭނުންވުން.

މުއިއްޒު ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ހުރިހާ މައްސަލަތަކެއް އެހެން ހުއްޓާ، ތިލަފުށީގެ ބަދަލުގައި ޕޯޓް އަޅަން އެންމެ ރަނގަޅީ ގުޅިފަޅެވެ. އޭގެ ސަބަބުތައް ވެސް އޭނާ ހަމަ އެ ސިޓީގައި ވިދާޅުވެފައި ވެ އެވެ. އޭގެ ހުލާސާ އަކީ:

- މާލޭ ޕޯޓާ އެކު މާލެ ތެރޭގައި ހުރި ގުދަންތައް ގުޅިފަޅުގައި ރަނގަޅު ލޮޖިސްޓިކްސް އަށް ފަސޭހަ ގުދަންތަކަކަށް ބަދަލުވުމާއި ޕެޖެނިން އާއި ރީ ޑިސްޓްރިބިއުޝަންގެ މަސައްކަތްތަކަށް ފަސޭހަ މަރުކަޒެއްގެ ގޮތުގައި ގާއިމްކޮށް ހިދުމަތް ފުޅާވުން.

- ގުޅިފަޅުގައި ޕޯޓް ހަދައިފި ނަމަ ތިލަފުއްޓަށް ވުރެ މާލެ އާއި ހުޅުމާލެ އާ ކައިރިވުމާއި ފެން އުފެއްދުމާއި ތެޔޮ ރައްކާ ކުރުމާއި އެކި ބާވަތްތައް ގުދަން ކުރުމަށް ފުރުސަތު ލިބުން.

- ގުޅިފަޅުން 80 ހެކްޓަރުގެ ބިން ފަސޭހައިން ހިއްކެން އޮތުމާއި ފަޅުގެ ތިލަ ހިސާބުން ގާތްގަނޑަކަށްް 100 ހެކްޓަރުގެ ބިން ހިއްކައިގެން ބިން އިތުރުކުރެވެން އޮތުން.

- ޕޯޓް އަޅާ ސަރަހައްދަކީ ދެ މޫސުމަށް ވެސް ރަނގަޅު ސަރަހައްދެއްކަން.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ގުޅިފަޅު ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ ފުރުސަތު އޮތީ ޕޯޓާ އެކު ތަރައްގީ ކުރާ ސިނާއީ މަރުކަޒެއްގެ ގޮތުގަ ެވެ. އދި ތިލަފުށި ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮޮތަކި ކުނި މެނޭޖް ކުރެވޭ ސަރަހައްދަކާއި އަދި ލައިޓް އިންޑަސްޓްރިއަލް ސަރަހައްދެއްގެ ގޮތުގައި ތިލަފުށި ބޭއްވުމެވެ.

ގުޅިފަޅާއި ތިލަފުށި ތަރައްގީ ކުރުމާ ބެހޭ ގޮތުން ކުރީ ސަރުކާރުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ކަމަށް އަސްލަމް ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ގުޅިފަޅާއި ތިލަފުށި ތަރައްގީ ކުރުމުގައި ވެސް މި ސަރުކާރުގެ ސިޔާސަތަކީ ހަމަ ކުރީ ސަރުކާރުގެ ސިޔާސަތެވެ.

"ގުޅިފަޅުގެ މާސްޓަ ޕްލޭން މިހާރު ހަދާފައި މިއޮތީ މި ސިޓީގައި މުއިއްޒު ހަމަ އެ ވިދާޅުވި ގޮތަށް. އަޅުގަނޑުމެން ހަމައެކަނި ކުދިކުދި ބަދަލުތަކެއް މި ގެނައީ. ދެން އެ ރަށް ޑިޒައިން ކޮށްލީ ހަމައެކަނި،" އޭނާ ވިދާޅުވި އެވެ.