Roadha Mihaaru
ގުޅިފަޅު ޕްލޭނުގެ މަޝްވަރާ އަވަސްކޮށްދޭން އެދެފި

ގުޅިފަޅު ޕްލޭން ބަދަލުކުރުމުގެ މަޝްވަރާ އަވަސްކޮށްދޭން މުއިއްޒު އެދިވަޑައިގެންފި

21 ޖޫން 2021

ގުޅިފަޅުގައި ވިޔަފާރީގެ މައި މަރުކަޒު ތަރައްގީކުރުމަށް މި ސަރުކާރުން ނިންމާފައިވާ ޕްލޭން ރިވައިސް ކުރުމުގެ މަޝްވަރާތައް އަވަސްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގުޅިފަޅުގައި ވިޔަފާރީގެ މައި މަރުކަޒު ތަރައްގީކުރުމަށް މި ސަރުކާރުން ނިންމާފައިވާ ޕްލޭން ރިވައިސް ކުރުމުގެ މަޝްވަރާތައް އަވަސްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި އަދި ފްލެޓް ލިބޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ރިވައިސްކުރުމަށް ސިޓީ ކައުންސިލާއެކު މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް ވިދާޅުވިތާ ހަތަރު ހަފުތާ ވަނީ ކަމަށެވެ. ނަމަވެސް އެކަން އަދި ވެސް ނުވާތީ އަވަސް ކޮށްދެއްވުމަށް އެ މަނިކުފާނުގައި އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު އިބްރާހިމް ސޯލިހު އަވަހަރާވުމުން، ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު ވަނީ ދުބާއީއަށް ފުރާވަޑައިގެންފަ އެވެ. ރާއްޖެ ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ގުޅިފަޅުގައި މި ސަރުކާރުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގުމަށް ތައްޔާރު ވަމުންނެވެ. އަދި އެ ތަނުން 1،244 ގޯތިދޭން ސަރުކާރުން ނިންމާފައި ވެ އެވެ.

ނަމަވެސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ ގުޅިފަޅުގެ ޕްލޭން ރިވައިސްކުރުމަށް ބައްދަލުވުންތަކެއް ފައްޓަވައިދެއްވާނެ ކަމަށް ރައީސާއެކު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ. މަދުވެގެން 30،000 ރައްޔިތުންނަށް ގެެދޮރު ލިބޭނެ ގޮތަށް ޕްލޭން ރިވައިސްކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް މުއިއްޒު އޭރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހިންގުމަކީ އެތަނާ ނުބައްދަލު ކަމެކެވެ. އޭގެ ސަބަބެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވީ އެވަރުގެ ޕޯޓަކަށް އެތަން އެކަށީގެންނުވުމެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ބްރިޖުން ގުޅާލައިފައި އޮންނަ ގުޅިފަޅަކީ މާލޭގެ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ގުޅިފަޅުގެ ޕްލޭން ބަދަލުނުކުރާ ނަމަ ކޯޓަށް ދިއުމަށް ވެސް ނިންމައިފަ އެވެ.

އެ ކައުންސިލުން މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. މުއިއްޒު ވިދާޅުވީ ގުޅިފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލައަށް އޮތް ހައްލު ކަމަށެވެ.