Roadha Mihaaru
ހޯރަފުށި އެއާޕޯޓް މި މަހު 15ގައި އަލުން ހުޅުވާނެ

ހޯރަފުށި އެއާޕޯޓް މި މަހު 15ގައި އަލުން ހުޅުވާނެ: ރިޒްވީ

07 ޖޫން 2021

ހޯރަފުށި އެއާޕޯޓު މި މަހުގެ 15 ވަނަ ދުވަހު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހޯރަފުށި އެއާޕޯޓު މި މަހުގެ 15 ވަނަ ދުވަހު އަލުން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިއަދު ވިދާޅުވެއްޖެ އެވެ.

ރިޒްވީ "މިހާރު" އަށް ވިދާޅުވީ އެއާޕޯޓް މަރާމާތުގެ ބޮޑުބައި މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއާޕޯޓާއި ހޯރަފުށި ގުޅުވައިލަދޭ ކޯޒްވޭގެ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯރަފުށި އެއާޕޯޓް މަރާމާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. މަރާމާތްކޮށް ނިމުމުން ރީޖަނަލް އެއާޕޯޓްސް އިން އެ އެއާޕޯޓު ބެލުމަށް ފަހު ވީހާ ވެސް އަވަހަށް އޮޕަރޭޝަން ފަށާނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"ކޯސްވޭގެ ފަސްގަނޑު އޮތީ އުދަ އެރުމުގެ ސަބަބުން ހަލާކުވެފައި. އެހެންވެ މިހާރު އެތަނަށް ފަސް އަޅައި އެއްވަރު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. އަނެއްހެން އެއާޕޯޓުގެ ހުރިހާ ކަމެއް ނިމިފައި މިހާރު ހުރީ،" ރިޒްވީ ވިދާޅުވި އެވެ.

ހޯރަފުށި އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖެ އަށް ކުރި ވިއްސާރައިގައި ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި އެކިވަރުގެ ގެއްލުންވުމުގެ ސަބަބުންނެވެ. އެއާޕޯޓުގެ ރަންވޭ އަށް އުދަ އެރުމާ ގުޅިގެން ރަންވޭ އަށް ފަސް އަރާފައިވާއިރު ޓާމިނަލަށާއި އެތަނުގައި ބޭނުން ކުރާ ބައެއް ސާމާނުތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި މި އެއާޕޯޓް 198 މިލިއަން ރުފިޔާ އަށް ތަރައްގީ ކުރީ ވެސް އެމްޓީސީސީންނެވެ. އެހެންކަމުން އެ އެއާޕޯޓުގެ މަރާމާތުގެ ކަންކަން ބަލަހައްޓަން ޖެހެނީ އަދިވެސް އެ ކުންފުނިންނެވެ.

ހޯރަފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.