Roadha Mihaaru
ހޯރަފުށީ އެއާޕޯޓަށް އެހާ ބޮޑު ގެއްލުމެއްނުވޭ: ރިޒްވީ

ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުން ހީކުރި ވަރަށްވުރެ ކުޑަ: ރިޒްވީ

21 މެއި 2021

އުދަ އެރުމުގެ ސަބަބުން ހއ. ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުން ހީކުރި ވަރަށް ވުރެ ކުޑަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުދަ އެރުމުގެ ސަބަބުން ހއ. ހޯރަފުށީ އެއާޕޯޓަށް ލިބުނު ގެއްލުން ހީކުރި ވަރަށް ވުރެ ކުޑަ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

ރާއްޖެ އަށް މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރައިގައިގައި ހޯރަފުށީ އެއާޕޯޓަށް މިދިޔަ ހުކުރު ދުވަހު ވަނީ އެކި ވަރުގެ ގެއްލުން ވެފަ އެވެ.، ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ދުވަހު މުޅި އެއާޕޯޓުގައި އޮތީ ފެންބޮޑުވެފަ އެވެ. ރަންވޭ އަށް އުދައެރުމުގެ ސަބަބުން މުޅި ރަންވޭގައި އޮތީ ވެއްޔެވެ.

މީގެ އިތުރުން އެ އެއާޕޯޓުގެ އެކޮމޮޑޭޝަން ބަޔަށާއި ޓާމިނަލް އޭރިއާ އަށް ވެސް ގެއްލުންވި އެވެ.

އެއާޕޯޓަށް ރާޅު އަރައި ވެލިގަނޑު ހަލާކުވެފައި---

އެއާޕޯޓަށް ރާޅު އަރައި ވެލިގަނޑު ހަލާކުވެފައި---

ހޯރަފުށީ އެއާޕޯޓަށް އުދައަރައި ގެއްލުންވިއިރު، އެ އެއާޕޯޓު އޮތީ އިންޝުއާ ނުކޮށެވެ. އެހެންކަނުން ރީޖަނަލް އެއާޕޯޓްސް އިން ކުރި ލަފާކުރީ ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ. ނަމަވެސް މިހާރުު އެ ތަނުގެ ހާލަތު ދިރާސާ ކުރަމުން އަންނައިރު، ގެއްލުން ވެފައިވަނީ ހީކުރި ވަރަށްވު ރެ ކުޑަކޮށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "މިހާރު" އަށް މިއަދު ވިދާޅުވީ މާލީގޮތުން ބެލި ނަމަވެސް އެ އެއާޕޯޓަށް ލިބުނު ގެއްލުން ކުޑަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑު ގެއްލުމެއް ވެފައި ވަނީ ޓާމިނަލަށާއި އެކޮމޮޑޭޝަން އިމާރާތަށެވެ. ވައިގަދަވުމުގެ ސަބަބުން ޓާމިނަލުގެ ދޮރު ހަލާކުވެފައިވާއިރު އެކޮމޮޑޭޝަން އިމާރާތުގެ ސީލިން ވަނީ ވެއްޓިފަ އެވެ.

"ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށް އަޅުގަނޑުމެން ހީކުރީ. އެކަމަކު މިހާތަނަށް ބެލި ބެލުމުން މޭޖާ ގެއްލުމެއް ލިބިފައި ނުވޭ،" ރިޒްވީ ވިދާޅުވި އެވެ.

ވައި ބާރުވުމުގެ ސަބަބުން އެއާޕޯޓު ޓާމިނަލުގެ ދޮރު ވެއްޓިފައި--

ވައި ބާރުވުމުގެ ސަބަބުން އެއާޕޯޓު ޓާމިނަލުގެ ދޮރު ވެއްޓިފައި--

އެ އެއާޕޯޓަށް މާލީގޮތުން ލިބިފައިވާ ގެއްލުން އެނގޭނީ މުޅި ތަން އެއްކޮށް ސާފުކޮށް، ލިބުނު ގެއްލުން ދިރާސާކޮށް ނިމުމުން ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު އަންނަނީ އެމްޓީސީސީއާ ގުޅިގެން އެއާޕޯޓު މަރާމާތުކޮށް، އެތަން އޮޕަރޭޝަނަށް ގެނައުުގެ މަސައްކަތް ކުރަމުންނެވެ. ލިބިފައިވާ ގެއްލުން ކުޑަވުމުގެ ސަބަބުން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަލުން ދަތުރުތައް ފެށޭނެ ކަމަަށް ރިޒްވީ ލަފާކުރައްވަ އެވެ.

"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ރަންވޭ ސާފުކޮށް ވީހާ ވެސް އަވަހަށް އޮޕަރޭޝަން ފަށަން،" ރިޒްވީ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ގެއްލުންވެފައި--

މިދިޔަ ހުކުރު ދުވަހު އުދައަރައި ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ގެއްލުންވެފައި--

އެމްޓީސީސީއާ ހަވާލުކޮށްގެން 198 މިލިއަން ރުފިޔާ އަށް ހެދި މި އެއާޕޯޓަކީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވީ ނޮވެމްބަރު 19، 2020 ގަ އެވެ.

މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.